ހޮލީވުޑް

ނީލް ބްލޮމްކެމްޕްގެ އާ ފިލްމު ވެސް ކަމުދާވަރެއް ނުވި

ސައިންސް ފިކްޝަންގެ ދުނިޔެ ބަދަލުކޮށްލާނެ ޑައިރެކްޓަރެއް ކަމަށް ބުނެ އެންމެން ވެސް ނީލް ބްލޮމްކެމްޕްގެ ވާހަކަ ދައްކަން ފެށީ 2009 ވަނަ އަހަރު ގެނެސްދިން އޭނާގެ އަލަތު ފިލްމު "ޑިސްޓްރިކްޓް 9" ގެ ހައިރާންކުރުވަނިވި ކާމިޔާބީއާ ގުޅިގެންނެވެ. އޮސްކާގެ އެންމެ މޮޅު ފިލްމުގެ އެވޯޑަށް އެފަހަރު ވާދަކުރި މި ފިލްމަކީ އާދައިގެ ބަޖެޓަކުން ނުކުމެ ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ހޯދުމަށް ފަހު ފާޑުކިޔުންތެރިންގެ ހިތް ވެސް ފަތަހަކުރި ފިލްމެކެވެ.

މި ފިލްމު ހޯދި ކާމިޔާބީ ފެނި ވަރަށް ގިނަ ބަޔަކު ބުނަން ފެށީ ސައިންސް ފިކްޝަންގެ ދުނިޔެ ސަލާމަތްކޮށްދެވޭ ފެންވަރުގެ ޑައިރެކްޓަރަކު ފެނިއްޖެ ކަމަށެވެ.

ނަމަވެސް ދެކުނު އެފްރިކާގެ ޒުވާން މި ޑައިރެކްޓަރު ވީ ހީކުރި ފެންވަރުގެ ޑައިރެކްޓަރަކަށް ނޫނެވެ. އޭނާގެ ދެ ވަނަ ފިލްމު "އެލީޒިއަމް" އަކީ އޭނާގެ ފުރަތަމަ ފިލްމަށް އޮހުނު ތައުރީފު ލިބުނު ފިލްމެއް ނޫނެވެ. ފާޑުކިޔުން އަމާޒުވި މި ފިލްމަކީ ބްލޮމްކެމްޕަށް ވެސް މާ ކަމުދާ މަސައްކަތެއް ނޫނެވެ. 

އެއަށް ފަހު ދެން މި އައީ އޭނާގެ ތިން ވަނަ ފިލްމެވެ. މިއީ އިންސާނެއްގެ ގޮތަށް ވިސްނާ ރޮބަޓެއްގެ ވާހަކަ ކިޔައިދޭ ފިލްމެކެވެ. ފިލްމުގެ ނަމަކީ "ޗެޕީ" އެވެ.

މި ފިލްމަކީ ބްލޮމްކެޕްގެ ފުރަތަމަ ބޮޑު ފިލްމު "ޑިސްޓްރިކްޓް 9" ގޮތަށް އޭނާގެ ކުރު ފިލްމެއްގެ އަސްލަށް އުފައްދާފައިވާ ފިލްމެކެވެ. ފަހަރެއްގައި އޭނާގެ މަޝްހޫރު ކުރު ފިލްމެއްގެ އަސްލަށް "ޗެޕީ" އުފައްދާފައި ވަނީ "ޑިސްޓްރިކްޓް 9" އަށް ލިބުނު ކާމިޔާބީ ތަކުރާރުކޮށް ބްލޮމްކެމްޕްގެ ކެރިއަރު ސަލާމަތްކުރުމަށެވެ.

ނަމަވެސް ފިލްމުގެ އާލީ ރިވިއުސްތަކަށް ބަލާއިރު ބްލޮމްކެމްޕްގެ ކެރިއަރު ވަނީ ފުންވަޅުގަނޑެއްގެ ތެރެއަށް ވެއްޓިފަ އެވެ. "ޗެޕީ" ގެ ޝޯތައް ފަށާފައިވާއިރު މި ފިލްމަށް ވެސް އަމާޒުވެފައި ވަނީ "އެލީޒިއަމް" އަށް އަމާޒުވި ކަހަލަ ފާޑުކިޔުންތަކެކެވެ.

މިފަހަރުގެ ފިލްމުގައި ވެސް ލީޑް ރޯލު ކުޅެފައި ވަނީ "ޑިސްޓްރިކް 9" އާއި "އެލީޒިއަމް" ގައި ވެސް މުހިންމު ރޯލެއް އަދާކުރި ޝާޓޯ ކޮޕްލޭ އެވެ. މިފަހަރުގެ ފިލްމުގެ ލީޑް ރޯލަށް ކޮޕްލޭ އަޅައި ދީފައި ވަނީ އޭނާގެ އަޑެވެ.

އޭނާގެ އިތުރުން މި ފިލްމުގެ އެހެން ތަރިންތަކުގެ ތެރޭގައި ހިއު ޖެކްމަން އާއި "ސްލަމް ޑޯގް މިލިއަނާ" އިން މަޝްހޫރުވި ޑޭވް ޕަޓޭލް ވެސް ފާހަގަކޮށްލެވެ އެވެ. ފިލްމުގައި ދައްކުވައި ދެނީ އިންސާނެއްގެ އިހްސާސްތައް ލިބިފައިވާ ރޮބަޓެއް ސަލާމަތްކުރުމަށް ކުރެވޭ މަސައްކަތާ މި ރޮބަޓް ނައްތާލުމަށް ކުރެވޭ މަސައްކަތެވެ.

އެންމެ ބޮޑަށް ފާޑުކިޔުން އަމާޒުވެފައި ވަނީ "ޑިސްޓްރިކްޓް 9" ގެ ކުލަ ޖެހި ފިލްމުގެ އޮރިޖިނަލް ސިފަ ގެއްލިފައިވާތީ އެވެ. ފާޑުކިޔުންތެރިން ބުނަނީ "ޑިސްޓްރިކް 9" އަށް ފަހު ބްލޮމްކެމްޕްގެ ހިޔާލުތައް ހުސްވެފައިވާ ކަމަށެވެ.

އޭނާގެ މި ތިން ފިލްމުގައި ވެސް ވަރަށް އެއްގޮތް ސްޓޯރީ ލައިނެއް އޮތީމަ އެވެ. "ޑިސްޓްރިކްޓް 9" ގައި ދައްކުވައި ދެނީ ދުނިޔޭގައި ވަޒަންވެރިގެން އުޅޭ އޭލިއަންގެ ނަސްލަކާ ދެކޮޅު ހަނގުރާމައެކެވެ.

"އެލީޒިއަމް" ގައި ދައްކުވައި ދެނީ ޖައްވުގައި ވަޒަންވެރިވެގެން އުޅޭ އިންސާނުންގެ މުއްސަނދި ބަޔަކާއި ދުނިޔޭގައި ދިރިއުޅޭ ފަގީރު އިންސާނުންގެ ތަފާތާއި ކުރިމަތިލުމެކެވެ.

"ޗެޕީ" ގައި ދައްކުވައި ދެނީ އިންސާނެއްގެ ވިސްނުން ހޯދާ ރޮބަޓަކާ ދެކޮޅަށް އިންސާނުންގެ ތެރެއިން ބަޔަކު ނުކުންނަ ގޮތެވެ.

މި ސަބަބާ ގުޅިގެން ބްލޮމްކެމްޕަށް ފާޑުކިޔުން އަމާޒުވެފައިވާއިރު ފާޑުކިޔުންތެރިން ބުނަނީ އޭނާ ދެން ޑައިރެކްޓްކުރުމަށް ހަމަޖެހިފައިވާ "އޭލިއަން" ސިލްސިލާގެ އާ ފިލްމާ މެދު މާ ބޮޑު އުއްމީދެއް ކުރުމުގެ ބޭނުމެއް މިހާރަކު ނެތް ކަމަށެވެ.