ރާއްޖެ ކުޅިވަރު

ކިސްގެ އެއްބަސްވުން އާ ކުރަން ވިކްޓްރީގެ ބޯޑުން މަޝްވަރާ ކުރަނީ

މި ސީޒަންގެ މެދުތެރެއިން ވިކްޓްރީއާ ހަވާލުވެ އެޓީމަށް ރަނގަޅު ނަތީޖާތަކެއް ހޯދައިދީ ފުރަތަމަ ޑިވިޝަންގެ ޖާގަ ކަށަވަރުކޮށްދިން ހަންގޭރީގެ ކޯޗް ލާސްލޯ ކިސްގެ ކޮންޓްރެކްޓް އާ ކުރަން ވިކްޓްރީ ބޯޑުން މަޝްވަރާތައް ފަށައިފިއެވެ.

ވިކްޓްރީ ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވެ ވަޑައިގެންނަވާ އެ ކުލަބުގެ ބޯޑްމެންބަރު އިބްރާހިމް ނަޒީމް އަވަސްއަށް ވިދާޅުވީ "ރެލިގޭޝަން ކުޅެން ޖެހުނު ކަމުގައިވިޔަސް ކިސް ހަވާލުވިފަހުން ވިކްޓްރީގެ ނަތީޖާތައް ރަނގަޅު ވެގެންދިޔަ،" ކަމަށާއި "އަންނަ އަހަރުވެސް ކޯޗް ބަހައްޓަން މަޝްވަރާ ކުރުމަށް ވިކްޓްރީގެ ބޯޑުން މިއަދު ބައްދަލު ކުރާނެ،" ކަމަށެވެ.

ކިސްވަނީ މީގެ ކުރިން ވެލެންސިއާ އާއި ވީބީ އައްޑޫ އެފްސީއަށް ކޯޗް ކޮށްދީ އެ ދެޓީމަށް ދިވެހި ލީގް ޗެމްޕިއަންކަން ހޯދައިދީފައެވެ.

"ކޯޗް ކަމާ ހަވާލުވެ އެންމެ ފުރަތަމަވެސް ކިސް ބުނީ އިތުރު ކޮންޓރެކްޓާ މެދު ވިސްނުމުގެ ކުރިން ހިނގާށޭ ޓީމަށް ފުރަތަމަ ޑިވިޝަންގެ ޖާގަ ކަށަވަރުކޮށްދިނުމަށް އެއަށްފަހުއޭ އާ ކޮންޓްރެކްޓާ މެދު ވިސްނާނީ ކޯޗް ޗުއްޓިއަށް ފުރުމުގެ ކުރިން ކޮންޓްރެކްޓާ މެދު ގޮތެއް ނިންމަން އަޅުގަނޑުމެން ކޯޗާއެކު މަޝްވަރާ ކުރާނަން،" ނަޒީމް ވިދާޅުވިއެވެ.

ކިސް ވިކްޓރީގެ ކޯޗް ކަމަށް ގެނައީ ސީޒަން ފެށުނު އިރު އެޓީމުގެ ކޯޗަކަށް ހުރި އެޓިމުގެ ކުރީގެ އެސިސްޓެންޓް ކޯޗް މުހައްމަދު ނަޒިހްއަށް ރަނގަޅު ކަމިޔަބެއް ހޯދައި ނުދެވި އޭނަ އިސްތިއުފާ ދިނުމުންނެވެ.

ރޭ ވެލެންސިއާއާ ދެކޮޅަށް ކުޅުނު އެފްއޭ ކަޕް ކްއާޓާ ފައިނަލް މެޗުން ބަލިވުމުން ވިކްޓްރީއަށް ވަނީ މިއަހަރުގެ ސީޒަން ނިމިފައެވެ.

ނަޒީމް ވިދާޅުވީ އަންނަ އަހަރަށް ޓީމު ވަރުގަދަ ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށާއި ތަޖުރިބާކަރު ދިވެހި ކުޅުންތެރިން ޓީމަށް ގެނައުމަށް ޕްލޭންތަކެއް އެކުލަވާލެވިފައިވާ ކަމަށެވެ.

"ހަގީގަތަކީ ވިކްޓްރީގައި މިއޮތީ ވަރަށް ޒުވާން ސްކޮޑެއް މި ސްކޮޑަށް ތަޖުރިބާ ހުރި ކުޅުންތެރިން ހިމަނައިގެން އަންނަ އަހަރަށް ވަރުގަދަ ސްކޮޑެއް އެކުލަވާލާނަން،" ނަޒީމް ވިދާޅުވިއެވެ.