ރާއްޖެ ކުޅިވަރު

ސީޒަންގެ ހުރީހާ ތައްޓެއް ހޯދުމުގެ ދޮރު މާޒިޔާއަށް ބަންދުވެއްޖެ

އެފްއޭ ކަޕް ކުއާޓާ ފައިނަލްގައި ޕެނަލްޓީ ޖަހައިގެން ޔުނައިޓަޑް ވިކްޓްރީ އަތުން 3-2 އިން ބަލިވެ ސީޒަންގެ ހުރިހާ ތައްޓެއް ކާމިޔާބު ކުރަން ނުކުތް އެންމެ ފަހުގެ އެފްއޭ ކަޕްގެ ޗެމްޕިއަން މާޒިޔާ އަށް ދޮރު ބަންދު ވެއްޖެ އެވެ.

މެޗްގައި ފަހަތަށް ފައިބައިގެން ކުޅުނު ޔުނައިޓަޑް ވިކްޓްރީގެ ގޯލަށް މާޒިޔާ އިން ނުރައްކާތެރި ހަމަލާތައް އުފެއްދި ނަމަވެސް އެ ޓީމުގެ ގޯލު ފޫއަޅުވާލެވޭ ގޮތެއް ނުވި އެވެ.

ދެވަނަ ހާފުގެ ފަހު ދިހަ މިނެޓްގައި ދެ ޓީމުގެ ކުޅުންތެރިޔަކަށް ވެސް ރެފްރީ ވަނީ ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލާފައެވެ. މެޗްގެ 80 ވަނަ މިނެޓްގައި ޓީސީގެ ރަފޭލް ބެޓިއަމް މާޓް (ރަފީނިއާ) އަށް ދެ ވަނަ ރީނދޫ ކާޑަކާއެކު ރަތް ކާޑް ދެއްކީ މާޒިޔާގެ އަހްމަދު އިމާޒު (އާއްކޮ) އަށް ކުރި ފައުލަކާ ގުޅިގެންނެވެ.

އޭގެ ފަސް މިނެޓް ފަހުން މާޒިޔާގެ ޓީމުން އެންމެ ރަނގަޅަށް ކުޅެމުންދިޔަ މުހައްމަދު އުމޭރަށް ރަތް ކާޑް ދައްކައި ދަނޑުން ފޮނުވާލީ ރެފްރީއާ ދިމާލަށް ބުނި އެއްޗަކުންނެވެ.

ޕެނަލްޓީ ޖެހިއިރު، ޔޫވީން ޖެހި ޕެނަލްޓީގައި ކެރިކް އާއި މޫސާ ހަސަން ފޮނުވާލި ޕެނަލްޓީ ކާމިޔާބު ކުރެވިފައެއް ނުވެ އެވެ. ކެރިކް ފޮނުވާލި ޕެނަލްޓީ މާޒިޔާގެ ކީޕަރު އިމްރާން މުހައްމަދު ދިފާއު ކުރިއިރު މޫސަ ފޮނުވާލި ޕެނަލްޓީ ދިޔައީ ގޯލް ދަނޑި މަތިން ބޭރަށެވެ.

މާޒިޔާގެ މޫސާ ޔާމީން އާއި އަސްހަދު އަލީ (އަޑޭ) އާއި ބިދޭސީ ކުޅުންތެރިޔާ ޒިވިކޯ ފޮނުވާލި ޕެނަލްޓީ ކާމިޔާބު ކުރެވިފައެއް ނުވެ އެވެ. މާޒިޔާ އަށް މެޗް ގެއްލުނީ ޔޫވީގެ ހުސައިން ޝިމާޒް (ކޮކީ) ފޮނުވާލި ޕެނަލްޓީ ކާމިޔާބުކޮށް ޒިވްކޯ ފޮނުވާލި ޕެނަލްޓީ ޔޫވީގެ ކީޕަރު މަހްމޫދު އަލް ޔޫސުފް ދިފާއު ކުރުމުންނެވެ. އެޓީމުގެ އަނެއް ޕެނަލްޓީ ކާމިޔާބު ކުރީ އަހްމަދު ނާޝިދު (ނާއްޓޭ) އެވެ.

ޔޫވީއަށް ޕެނަލްޓީ ކާމިޔާބު ކޮށްދިނީ (ކޮކީ) ގެ އިތުރުން ބިދޭސީ ކުޅުންތެރިޔާ ޑޯޑީ އާއި ކީޕަރު މަހްމޫދުއެވެ.

މި މެޗުން މޮޅުވުމުން ޔޫވީ ސެމީ ފައިނަލްގައި ވާދަ ކުރާނީ ވެލެންސިއާ ދެކޮޅަށެވެ. އެ މެޗް އޮންނާނީ މި އަންނަ ހޯމަ ދުވަހު އެވެ. އޭގެ ކުރިން އާދިއްތަ ދުވަހުގެ ރޭ ސެމީ ފައިނަލް ފުރަތަމަ މެޗްގައި ވާދަ ކުރާނީ ނިއުރޭޑިއަންޓާއި ޓީސީއެވެ.