ރިޕޯޓް

އާއިލާގެ އެހީގައި ނަޝާގެ ދުވެލި ބާރު ކުރަނީ!

ކޮންމެ ދާއިރާއަކުން މީހަކު ކުރިއަށް ދިޔަކަމުގައި ވީނަމަވެސް އެމީހެއްގެ ފަހަތުގައި އެންމެ ބޮޑު ހިއްސާއެއްވާން ތިބޭނީ އާއިލާ އެވެ. ކުޅިވަރު ދާއިރާގައި ވެސް އޮންނަނީ މިހެންނެވެ. ރާއްޖޭގެ ކުޅިވަރު ދާއިރާގައި އެމީހެއްގެ ކެރިއަރުގައި ކާމިޔާބަށް ވަސީލުވެފައި އޮތީ އާއިލާގެ އެ ކުޅުންތެރިޔެއްގެ ނުވަތަ އެތުލީޓެއްގެ ފަހަތުގައި އޮވެގެން ކުރި މަސައްކަތުންނެވެ. ރާއްޖޭގެ ޖުނީއާ ލެވަލްގެ އެއް ވަނަ ދުވުންތެރިޔާ ނަޝާ ނިޒާރަށް ވެސް އޮތީ މި ފޯމިއުލާ އެވެ.

ކުޅުދުއްފުށީ އަމިރު އަމީން ސްކޫލްގައި އުޅުނު އިރު ނަޝާގެ ބައްޕައަކީ ވެސް އެކި ކުޅިވަރުތައް ކުޅުނު މީހެކެވެ. ފުޓްބޯޅައިގެ އިތުރުން ދުވުމުގެ ރޭހުގައި ވާދަކޮށްފައި ވެއެވެ. ބައްޕަ އާއި އާއިލާއިން ތަނަވަސްކޮށްދިން ދޮރުން ނިކުމެ ރާއްޖޭގެ ދުވާ ޓްރެކްގައި މޮޅު އެތުލީޓަކަށް ނަޝާ ހެދުމަކީ އާއިލާގެ އުންމީދެކެވެ.

"އަޅުގަނޑުމެން ނުބުނަން ވަކި ކުޅިވަރަކުން ކުރިއަށްދާކަށް ނަޝާ ނިންމީ އެތުލެޓިކްސްއިން ކުރިއަށްދާން ދަރިފުޅު އޮގަތަށް ނިންމީމަ އަޅުގަނޑުމެން ތިބޭނީ އެކަމަށް ކަންކަން ފަހިކޮށްދޭން ތައްޔާރަށް،" ނަޝާގެ ބައްޕަ ނިޒާރު ބުންޏެވެ.

ނަޝާއަކީ ޖޫނިއާ ލެވަލްގެ އެތުލީޓެކެވެ. އޭނާއާ މެދު އެތުލެޓިކްސްގެ އެސޯސިއޭޝަނައި ކުޅިވަރުގެ ހިންގުންތެރިން އޮތީ ކުރިމަގަށްޓަކައި ކުރާ އުންމީދެވެ. އެ އުންމިދަށް އިތުރު ހިތްވަރެއް ލިބިގެންދަނީ ނަޝާގެ އަތުގައި ގައުމީ ރެކޯޑެއް މިހާރު ވެސް އޮތުމުންނެވެ. އޭނާއަކީ ޖުނީއާ ލެވަލްގައި 200 މީޓަރު ދުވުމުން ގައުމީ ރެކޯޑް އޮތް އެތުލީޓެވެ.

މިދިޔަ މަހު ބޭއްވި ގައުމީ އެތުލެޓިކްސް ޗެމްޕިއަންޝިޕްގެ 100 މީޓަރު ދުވުމުގައި ރާއްޖޭގެ އެއް ވަނަ އަންހެން ދުވުންތެރިޔާ އަފާ އިސްމާއީލްއާ ވާދަކޮށް އެ ކެޓަގަރީން ރަން މެޑަލް ހޯދުމުން ރައްޖޭގެ ބައެއް ސީނިއާ ދުވުންތެރިންނަށް ވެސް ޒުވާން ނަޝާ ފާހަގަ ވިއެވެ. ދުރު ރަށެއްގެ ދިރިއުޅޭ ކުއްޖަކު އެކަމަށްޓަކައި ކުރާ ބުރަ މަސައްކަތްވީ ސީނިއާ އެތުލީތުންނަ ވެސް ދިން މެސެޖަކަށެވެ.

"އެތުލެޓިކްސް އެސޯސިއޭޝަނުންނާއި އެސޯސިއޭޝަންގެ ކޯޗުންގެ ފަރާތުން ވެސް ނަޝާއަށް އަންނަ ކޮމެންޓް ވަރަށް ރަނގަޅު އެމީހުންވެސް ނާޝާއާ މެދު ވަރަށް ބޮޑު އުންމީދެއް އެބައޮތް،" ނިޒާރު ބުންޏެވެ.

އުމުރު ހަގުވުމަކީ ރެކޯޑެއް ނުހެދެންވީ ސަބަބެއް ނޫން

ނަޝާގެ ޒުވާން ކުޅިވަރު ހަޔާތުން ފެންނަން އޮތް އެންމެ މުހިންމު ފިލާވަޅަކީ އޭނާގެ ލަނޑުދަނޑި އެވެ. ކަމެއް ހާސިލު ކުރެވޭނީ ލަނޑުދަނޑިއެއް އޮވެގެންނެވެ. މިއަދު ޖޫނިއާ ލެވަލްގައި ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާގެ ޝަރަފު ނަޝާގެ އަތުގައި އެބައޮތެވެ. ޒުވާން އުމުރުގައި ގައުމީ އެތުލެޓިކްސް ޓީމުގައި ދިވެހި ގައުމު ތަމްސީލު ކުރަން ނަޝާ ދިއުމަކީ ކުޅުދުއްފުށީ ޒަމްޒަމްގެ އާއިލއަށް ލިބޭ ދެ އުފަލުގެ ތެރެއިން އެއް އުފަލެވެ. އަނެއް އުފަލަކީ ނަޝާގޭ ބޭބެ މުހައްމަދު ނިޒާރަކީ ގައުމީ ހޭންޑްބޯލް ޓީމުގެ މުހިންމު ކުޅުންތެރިޔަކަށްވާ ކަމެވެ. ކުޅުދުއްފުށިން ގައުމު ހިނިތުންކުރުވި ޒުވާން އެތުލީޓެއް އުފަންވިިއރު، ނިޒާރާއި އާއިލާގެ އުންމީދަކީ ބައިނަލްއަގްވާމީ ކުޅިވަރު ދަނޑުގައި ދިވެހި ގައުމު ހިނިތުންކޮށްލަދޭނެ ކުޅުދުއްފުށީގެ ދަރިޔަކީ ނަޝާ ކަމުގައިވުމެވެ.

އެތުލެޓިކްސްގައި އަންހެން އެތުލީޓަކަށް މިހާތަނަށް ރަން މެޑަލްއެއް ލިބިފައެއް ނުވެއެވެ. ނަޝާއާ މެދު ނިޒާރުގެ އުންމީދަކީ ގައުމަށް ރަން މެޑަލް ގެންނަ އަންހެން އެތުލީޓުންގެ ތެރޭގައި އޭނަގެ ދަރިފުޅު ނަޝާ ހިމެނިގެން ދިއުމެވެ. އެކަމަށްޓަކައި އޭނާ އާއި އާއިލައިން ތިބީ ސްކޫލް ނިމުމުން ނަޝާ އަށްޓަކައި މާލެ ބަދަލުވާން ތައްޔާރަށެވެ.

"ނަޝާ ސްކޫލް ނިމުމުން އަޅުގަނޑުގެ ވިސްނުމެއް އެއީ މާލެ ބަދަލުވުން އެއީ ހަމަ ނަޝާއަށް ޓްރެއިނިންގެ ރަނގަޅު ޕްރޮގްރާމްތައް ފަހި ކޮށްދިނުމަށްޓަކައި، އަޅުގަނޑުމެންނަށް އޮންނާނީ މަސައްކަތް ކުރުން ﷲ އިރާދަ ކުރެއްވިޔާ ދަރިފުޅު ދާން ބޭނުންވާ ހިސާބަށް ހިންމަވައި ދެއްވާނެ،" ނިޒާރުގެ ޝުއޫރުތައް ފާޅު ކުރި އެވެ.

ވަނަ ހޯދަން ޑަބަލް މަސައްކަތް ކުރަންޖެހޭނެ

ކުޅުދުފުއްޓަކީ އެތުލެޓިކްސްގެ ފޯރި އޮތް ރަށެއްކަން އެނގިގެންދނީ އިންޓަ ސްކޫޅް އެތުލެޓިކްސް ޗެމްޕިއަންޝިޕްގައި އެ ރަށު ސްކޫލްތަކުން ހޯދާފައިވާ ކާމިޔާބު ސަބަބުންނެވެ. އެހެންވެ އެ ރަށަކީ އެތުލެޓިކްސް އެސޯސިއޭޝަންގެ ކޯޗަކު ބަހައްޓައިގެން އެތުލީޓުން ތަމްރީން ކުރުމުގެ ޓްރެއިނިން ޕްރޮގްރާމްތައް ކުރިއަށްގެންދާ އެއް ރަށެވެ.

ނަޝާ ވެސް ކުރިއަރަމުން އަންނަނީ އެމާހައުލުގެ ތެރެއިންނެވެ. ނަމަވެސް ރާއްޖޭގެ ޖޫނިއާ ލެވަލްގެ އެތުލީޓަށް އެ ފެންވަރުންގެ ޓްރެއިނިން ހައްގެއް ނުވެއެވެ. އޭނާ އަށް ބޭނުންވަނީ ސިންތަޓިކް ޓްރެކާއެކު ވަސީލަތްތައް ހުރި ތަނެއްގައި އޭނާއަށް ވުރެ ފެންވަރު ރަނގަޅު އެތުލީޓުންނާނާ ވާދަކޮށްގެން ކުރިއަށް ގެންދެވުމެވެ. ނަމަވެސް އެ ފުރުސަތެއް ނެތެވެ.

ފުރުސަތު ނެތުމަކުން ނަޝާގެ ލަނޑުދަނޑި ހާސިލު ކުރުމަށް ބަދަލެއް ނާދެއެވެ. އެކަމަށް އޮތް ފޯމިއުލައަކީ ދެގުނަ މަސައްކަތްކޮށް ފިރިހެން އެތުލީޓުންގެ ޓްރެއިނިން ޕްރޮގްރާމްގައި އެ އެތުލީޓުންނާ ވާދަކޮށްގެން ކުރި ހޯދުމެވެ. އޭނާ އަށް އަންނަ ކުރިއިރުން އަޅާކިޔައި އަންދާޒާ ކުރެވެން އޮތް ފޯމިއުލާއަކީ އެއީއެވެ.

ބޭރުގެ ތަމްރިން ޕްރޮގްރާމްތަކުން ފުރުސަތު ހޯދައިދީ ރާއްޖެ ހިނިތުން ކުރުވާނެ އެތުލީޓަކަށް އޭނާ ހެދުމުގެ މަސައްކަތައް އޮތް އެންމެ ހިތްވަރަކީ ނަޝާގެ އާއިލާއެވެ. އާއިލާގެ ގުރުބާނީއާއެކު ނަޝާގެ އުންމީދަކީ އެތުލެޓިކްސް އިން ރާއްޖެއަށް ރަން މެޑަލް ހޯދައިދިނުމެވެ.