ހުޅުމާލޭގައި ހުޅުވާފައިވާ ރެޑްވޭވްގެ ސްޕަމާޓްގެ އެއްބަސްވުމާ އެ ކުންފުނިން ހިލާފުވެފައިވާ ކަމަށް ބުނެ ކަންކަން އިސްލާހު ކުރުން، އެޗްޑީސީ އިން ރެޑްވޭވް އަށް މިމަހުގެ ނުވައެއްގެ ނިޔަލަށް މުހުލަތު ދީފި އެވެ.
އަވަސް އާ ވާހަކަ ދައްކަވަމުން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މެނޭޖިން ޑިރެކްޓާ މުހައްމަދު ސައިމަން ވިދާޅުވީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ސޮއިކޮށްފައިވާ އެއްބަސްވުމުގައި ވާ ގޮތުން އެއްބަސްވުމުގައި ސޮއިކުރާތާ ހަމަސް ދުވަހުގެ ތެރޭގައި ސުޕަމާޓެއްގެ އިތުރުން، އެ ބިމުގައި ކެފޭއެއް ހުޅުވަންޖެހޭނެ އެވެ. ނަމަވެސް މިއަހަރުގެ ޖޫން މަހުގެ 16 އަށް އެ މުއްދަތު ހަމަވިއިރުވެސް ކެފޭއެއް ހުޅުވާފައި ނުވާ ކަމަށް ސައިމަން ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އެކަމާ ގުޅިގެން ރެޑްވޭވް އަށް އެކިފަހަރު މަތިން ވަނީ ނަސޭހަތް ދީފަ އެވެ. އަދި ނޯޓިސް ފޮނުވަން ޖެހުނީ އެކަން އިސްލާހު ނުކުރުމުން ކަމަށް އޭނާ ވިދާޅުވި އެވެ. އެއްބަސްވުމާ ހިލާފުވުމުން 15،000 ރުފިޔާ އިން ރެޑްވޭވް ވަނީ ޖޫރިމަނާ ވެސް ކޮށްފަ އެވެ.
" މުއްދަތު ހަމަވިއިރުވެސް އެތަނުގައި ކެފޭއެއް ނުހުޅުވާ. އެހެންވެ އަޅުގަނޑުމެން ފޯނުންވެސް ކޮމިއުނިކޭޓްކުރިން. ދެކޮޅުން ސިޓީވެސް ބަދަލުކުރިން ރިމައިންޑާގެ ގޮތުގައި. މިހާރު ދީފައި އިންނާނެ މިމަހުގެ ނުވަވަނަ ދުވަހުގެ ކުރިން އެތަނުގައި ކެފޭ ހުޅުވަން. އެ މުއްދަތުގައި ކެފޭ ނުހުޅުވައިފިނަމަ އެގްރިމެންޓުގައި ކަނޑައަޅާފައިވާ އުސޫލުތަކުގެ ދަށުން އަމަލުކުރެވޭނެ،" ސައިމަން ވިދާޅުވި އެވެ.
މިކަމާ ގުޅޭގޮތުން ރެޑްވޭވް ފިހާރައިގެ ވެރިޔާ، އޭދަފުށީ ދާއިރާގެ މެމްބަރު އަހްމަދު ސަލީމް (ރެޑްވޭވް)ގެ ބަހެއްވަނީ ލިބޭގޮތް ނުވެފަ އެވެ.
އެހެން ނަމަވެސް އޭނާ މިއަދު ބައެއް މީޑިއާތަކަށް ވިދާޅުވީ އެއްބަސްވުމުގެ ދަށުން ކެފޭ ހުޅުވަން ޖެހެނީ މި މަހުގެ 12 ވަނަ ދުވަހުގެ ކުރިން ކަމަށާއި އޭގެ ކުރިން ކެފޭ ހުޅުވައި ހިދުމަތް ފަށާނެ ކަމަށެވެ. އެކަމަކީ ސިޔާސީ ކަމެއްކަމަށް ސިފަކުރަމުން ސަލީމް ވިދާޅުވެފައި ވަނީ، އެ ކުންފުނިން އެއްޗިހި ވިއްކަނީ ވަރަށް ހެޔޮ އަގުގައި ކަމަށާއި ބަރާބަރަށް އެ ބިމަށް ދައްކަން ޖެހޭ ކުލި ވެސް ދައްކަމުން އަންނަ ކަމަށެވެ.
ޕީޕީއެމް ދެފަޅިވެ އުފެދުނު މައްސަލަ ގަނޑުގެ ތެރޭގައި ސަލީމް އަންނަނީ ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމްއަށް ތާއީދު ކުރާކަން ހާމަކުރައްވައި މި ސަރުކާރާ ދެކޮޅަށް މަސައްކަތް ކުރައްވަމުންނެވެ.
އެހެން ނަމަވެސް ސައިމަން ވިދާޅުވީ އެ ކުންފުންޏަށް އެކަން ފުރިހަމަ ކުރަން އެކި ފަހަރުމަތިން ތަކުރާރުކޮށް ނޯޓިސް ފޮނުވި ކަމަށެވެ. އަދި އެ ކުންފުނި ނޫނަސް ވިޔަފާރީގެ އެކި ބޭނުންތަކަށް ދޫކޮށްފައިވާ ބިންތަކުގައި އެއްބަސްވުމާ އެއްގޮތަށް ކަންކަން ނުކުރާ ނަމަ އަބަދުވެސް ނޯޓިސް ފޮނުވާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެއީ ވަކި ބަޔަކަށް ވާތީ ހާއްސަ އުސޫލެއްގެ ދަށުން ކުރިކަމެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.