ރާއްޖެ ކުޅިވަރު

ސެމީގައި ފޭދޫ އާއި އޭދަފުށިި، ތިމަރަފުއްޓާއި ކުޑަހުވަދޫ

Nov 5, 2016

މިނިވަން ޗެމްޕިއަންޝިޕްގެ ސެމީފައިނަލް ފުރަތަމަ މެޗްގައި ގްރޫޕް އޭގެ ގެ އެއް ވަނަ ޓީމުގެ ގޮތުގައި މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން ސ. ފޭދޫ އާއި ގުރޫޕް ބީ އިން ދެ ވަނަ އަށް ދިޔަ ބ. އޭދަފުށި ވާދަ ކުރަން ޖެހިއްޖެ އެވެ.

ދެ ވަނަ ސެމީ ފައިނަލް މެޗްގައި ބައްދަލު ކުރަނީ ގުރޫޕް ބީ ގެ އެއް ވަަނަ ހޯދި ތިމަރަފުއްޓާއި ގުރޫޕް ބީ އިން ދެ ވަނައަށް ދިޔަ ކުޑަހުވަދޫ އެވެ.

ކުޑަހުވަދޫގައި ކުޅުމަށް ހަމަޖެހިފައިވާ ފޭދޫ އާއި އޭދަފުށި ކުޅޭ ފުރަތަމަ ސެމީފައިނަލް މެޗް އޮންނާނީ އަންނަ ހޯމަ ދުވަހު އެވެ. ތިމަރަފުއްޓާއި ކުޑަހުވަދޫ ކުޅޭ ސެމީ ފައިނަލް މެޗް އޮންނާނީ އަންނަ އަންގަރަ ދުވަހު ތިމަރަފުށީގަ އެވެ.

ގުރޫޕް އޭގެ ގެ އެއް ވަނަ ފޭދޫ ހޯދީ ކުޅުނު ތިން މެޗް ކާމިޔާބުކޮށް ނުވަ ޕޮއިންޓާއެކު އެވެ. ދެ ވަނަ އަށްދިޔަ ކުޑަ ހުވަދޫ އަށް ލިބުނީ ހަ ޕޮއިންޓެވެ. ތިން ވަނަ ލިބުނީ ތިން ޕޮއިންޓް ލިބުނު އދ. މަހިބަދޫ އަށެވެ. ގުރޫޕްގެ ފުލުގައި އޮތީ ޕޮއިންޓެއް ނުލިބި އޮތް ގއ. ދެއްވަދޫ އެވެ.

ގުރޫޕް ބީ އެއް ވަނަ ތިމަރަފުށި ހޯދީވެސް ކުޅުނު ތިން މެޗުން ނުވަ ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނަ ހޯދި އޭދަފުއްޓާށް ލިބުނީ ހަ ޕޮއިންޓެވެ. ތިން ވަނަ އަށް ދިޔަ ނ. ލަންދޫއަށް ލިބުނީ ތިން ޕޮއިންޓެވެ. ފުލުގައި އޮތް ހދ. ހަނިމާދޫއަށް ޕޮއިންޓެއް ނުލިބެއެވެ.

މުބާރާތުގެ ފައިނަލް މެޗް އޮންނާނީ އަންނަ ބުރާސްފަތި ދުވަހުގެ ރޭ ގައުމީ ފުޓްބޯޅަ ދަނޑުގަ އެވެ.