ރާއްޖެ ކުޅިވަރު

އިންޑިއާގެ ފުޓްބޯޅާގައި މުހިންމު މެޗަކަށް ބެންގަލޫރު ތައްޔާރު

އިންޑިއާގެ ގައުމި ކެޕްޓަން ސުނިލް ޗެތުރީއަކީ ދެކުނު އޭޝިއާ ސަރަހައްދުގެ އެންމެ މޮޅު އެއް ކުޅުންތެރިޔާ އެވެ. ޗެތުރީގެ ކެޕްޓަން ކަމުގެ ދަށުގައި އިންޑިއާއިން ސާފް ޗެމްޕިއަންޝިޕް ކާމިޔާބު ކޮށްފިއެވެ. އޭޝިއާގެ އެންމެ ޝަރަފުވެރި ފުޓްބޯޅަ މުބާރާތް އޭޝިއަން ކަޕްގައި އިންޑިއާ ވާދަކޮށްފި އެވެ. މި ހުރިހާ މުހިންމު ދަނޑިވަޅެއްގައި ވެސް އެންމެ މުހިންމު ކުޅުންތެރިޔަކީ ޗެތުރީ އެވެ.

ނަމަވެސް ޗެތުރީ ގަބޫލު ކުރާ ގޮތުގައި އެ ހުރިހާ ދަނޑިވަޅަކަށްވުރެ މި ރެއަކީ އިންޑިއާގެ ފުޓްބޯޅައަށް މާ މުހިންމު ރެއެކެވެ. އޭޝިއާގެ ކުލަބު ފުޓްބޯޅައިގައި ދެވަނަ އަށް އެންމެ ހައިބަވެތި މުބާރާތް އޭއެފްސީ ކަޕްގެ ފައިނަލްގައި އިރާގްގެ އަލް ކުވާ އަލް ޖަވިއްޔާއާ ދެކޮޅަށް ޗެތުރީގެ ކެޕްޓަންކަމުގެ ދަށުން އިންޑިއާގެ ބެންގަލޫރު އެފްސީ ނިކުންނަ ރެއެވެ.

ދެހާސް ތޭރަ ވަނަ އަހަރު އުފެދުނު އިންޑިއާގެ ބެންގަލޫރު އެފްސީން އެއް ފަހަރަށް އެގައުމުގެ ފެޑްރޭޝަން ކަޕް ކާމިޔާބުކޮށްފި އެވެ. ދެ ފަހަރަށް އައި ލީގް ކާމިޔާބު ކޮށްފިއެވެ. އެކުލަބުގެ ހުރިހާ ކާމިޔާބަކަށްވުރެ މިރޭގެ މެޗުން އެޓީމު މޮޅުވެއްޖެނަމަ އެއީ އިންޑިއާގެ ފުޓްބޯޅައިގެ ހަޔާތުގައި ވެސް އެންމެ ކަމިޔާބު ދުވަހަށް ވެގެންދާނެ އެވެ.

"އެއީ ބޮޑު ދުވަހަކަށްވާނެ އަހަންނަށް އެކަންޏެއް ނޫން ނުވަތަ މި ޓީމަކަށް އެކަންޏެއް ނުން މުޅި މި ގައުމަށް [އިންޑިއާ އަށް] އެއީ ބޮޑު ދުވަހަކަށް ވެގެންދާނެ،" ޗެތުރީ ބުންޏެވެ. "އެކަން މިއޮތީ އެންމެ ރަނގަޅު ވަގުތުގައި ދަނޑުމަތީގައި އަހަރެމެންގެ އަތުގައި ހުރި ހުރިހާ އެއްޗެއް އަހަރެމެން ދޭނަން،"

އެންމެ ފަހުގެ ޗެމްޕިއަން މެލޭޝިއާގެ ޖޯހަރު ދާރުލް ތާޒިމް ބަލި ކުރުމަށްފަހު ފައިނަލަށް ދިއުމަކީ ވެސް ބެންގަލޫރު އެފްސީއަށް ރެކޯޑެކެވެ. އެއީ މީގެ ކުރިން އޭއެފްސީ ކުލުބު ފުޓްބޯޅަ މުބާރާތެއްގެ އެންމެ ދުރަށް، ދެވުނު ދެ ކުލަބު އިންޑިއާގެ ޑެމްޕޯ އާއި އީސްޓް ބެންގާލް އަށްވެސް ދެވިފައިވަނި ސެމީ ފައިނަލަށް ކަމަށް ވުމެވެ.

"އަހަރެން އުންމިދު ކުރަނީ މިއީ ވަރަށް ބޮޑު ކަމަކަށް ވެގެންދާނެ ކަމަށް އަހަރެން ވަރަށް ފަހުރުވެރިވަން އޭޝިއާގެ މުބަރާތެއްގެ ފައިނަލަށް ދިޔަ އިންޑިއާ ޓީމެއްގައި އަހަންނަށް ހިއްސާ ވެވުނީތީ އަހަރެމެންނަށް މޮޅު ވެވިއްޖެނަ އެއީ ވަރަށް ބޮޑު ކާމިޔާބަކަށް ވެގެންދާނެ. އެކަން ނުވިޔަސް އަހަރެމެން މިހާ ހިސާބަށް އާދެވުމަކީ ވަރަށް ބޮޑު ކަމެއް، އަހަރެން އުންމީދު ކުރަނީ މީ އަހަރެމެން ހާސިލުކުރާ ފުރަތަމަ އެއްޗަކީ މީ ކަމުގައިވުން،" ޗެތުރީ ބުންޏެވެ.

ބެންގަލޫރު އެފްސީ މިއަދު ވާސިލުވެފައިވާ ހިސާބުގައި ޗެތުރީގެ ހިއްސާ ބޮޑުވެ. އަމިއްލަ ދަނޑުގައި ޖޯހަރުއާ ދެކޮޅަށް ކުޅުނު ސެމީ ފައިނަލް މެޗްގައި ޗެތުރީގެ ދެ ގޯލް ފެނިގެން ދިއުމުން ވެސް އޭނާގެ ހިއްސާ ބޮޑުކަން އެނގެ އެވެ. ޓީމުގެ ޒުވާން ކުޅުންތެރިން ގޮވައިގެން މުޅި ޓީމަށް ނަމޫނާ ދައްކަމުން ޗެތުރީ އުފުލި ބުރައަކީ އިންޑިއާގެ ފުޓްބޯޅައިގެ ތާރީހްގައި ވެސް ފާހަގަ ކުރެވިގެންދާނެ ކަމެކެވެ.

"މުޅި މި ޓީމުގެ ހުރިހާ އެންމެންގެ މެދުގައި އޮތީ އެއް މަގުސަދެއް ޗެއާމަން ސަޖަން ޖިންދަލް އިން ފެށިގެން ސީއީއޯ ޕާތު ޖިންދަލް އާއި ޓީމުގެ ބޯލް ބޯއީސް އާ ހަމަޔަށް އޮތީ އެއް އަމާޒެއް އެ އެންމެން ބޭނުން ވަނި މޮޅުވަން ފަހަރެއްގައި އަހަރެމެން އެކަކު އަނަކާކާ ތަފާތު ވެދާނެ އެކަމަކު އަހަރެމެން އެންމެ ބޭނުންވަނީ ފެންވަރު މަތިކުރަން އަހަރެމެން އެންމެން ބޭނުމީ މޮޅުވަން،" ޗެތުރީ ބުންޏެވެ.

މިއަހަރު އޭއެފްސީ ކަޕާ ކުރިމަތިލިއިރު ބެންގަލޫރުގެ ކޯޗަކަށް ހުރީ އިނގިރޭސި ކޯޗް އެޝްލީ ވުޑްސް އެވެ. ނަމަވެސް ޖުލައި މަހު އޭނާ ދޫކޮށްލުމަށްފަހު ބެންގަލޫރު އެފްސީއިން ގެނައީ ބާސެލޯނާގެ ކުރީގެ އެސިސްޓެންޓް ކޯޗް އެލަބަޓް ރޮކާ އެވެ. ރޮކާ ޓީމާ ހަވާލުވެ ޓީމުގެ ސްޓައިލަށް ބަދަލުތަކެއް ގެނެއެވެ. އެގޮތުން ބޯލް ޕޮޒިޝަން ހިފަހައްޓައިގެން ޕާސިން ގޭމެއް ކުޅޭ ޓީމެއްގެ ގޮތަށް ބެންގަލޫރު އެފްސީ ބަދަލުކޮށްލި އެވެ.

ރޮކާ ގެނައި ގޭމް ޓެކްޓިކްސްގެ ސަބަބުން ކްއާޓާ ފައިނަލްގައި އަމިއްލަ ދަނޑުގައި ސިންގަޕޫރުގެ ޓެމްޕަނީ ރޯވާސްއާ ދެކޮޅަށް ކުޅުނު މެޗާއި ޖޯހަރާ ދެކޮޅަށް އަމިއްލަ ދަނޑުގައި ކުޅުނު މެޗްގައި ނަތީޖާ ނެރުމަށް ފަސޭހަ ވެގެންދިޔަ އެވެ. މިރެއަކީ އަނެއްކާވެސް ރޮކާގެ ޓެކްޓިކްސްތައް އާ ގޮތަކަށް ފެނިގެންދާނެ ރެއެކެވެ.

"އަހަރެމެންނާ ދެކޮޅަށް ނިކުންނަ ޓީމަށް އަހަރެމެން އިހްތިރާމް ކުރަން އެމީހުން ވަރަށް ވަރުގަދަ ވަރަށް ފިޒިކަލް ޓީމެއް އެޓީމުން ވަނި ގިނަ ގޯލްތަކެއް ކާމިޔާބުކޮށްފަ އެޓީމުގައި ރަނގަޅު ސްޓައިކަރެއް އެބަހުރި އެޓީމުގެ ހުރިހާ ކަމަކަށް ބެލިނަމަވެސް އެއީ ވަރުގަދަ މެޗެއް އަހަރެން ކުޅުންތެރިން ގާތު ބުނީި ކުރިމަތިލާން ތައްޔާރުވާށޭ،" ރޮކާ ބުންޏެވެ. "މިއީ އަހަރެމެންނަށް ފުރަތަމަ ފައިނަލް އަދި ކުރިމަތިލާން މިޖެނީ ވަރުގަދަ ޓީމަކާ ދެކޮޅަށް އަހަރެމެން މިތިބީ ތަށި ހޯދަން ތައްޔަރަށް އެއީ އިންޑިއާގެ ފުޓްބޯޅައަށް މުހިންމު ކާމިޔާބަކަށް ވެގެންދާނެ އަހަރެމެން މިތިބީ އެކަމަށް ތައްޔާރަށް."

ގަތަރުގެ ވެރިރަށް ދޯހާގެ ޝުހެއިމްބިން ހާމިދު ސްޓޭޑިއަމްގައި ބެންގަލޫރު އެފްސީއާ އަލްކުވާ އަލްޖަވިއްޔާ ކުޅޭ މެޗް ފެށިގެންދާނީ ރާއްޖޭ ގަޑިން މިރޭ ނުވައެއް ޖަހާއިރު އެވެ.