ރިޕޯޓް

ދުރުމި: ދެކޮޅުވެރިވުމަކީ ދުޝްމަނުންނަށް ދެވޭ ހަތިޔާރެއް

Nov 6, 2016
5

އިޒުރޭލުގެ ކުރީގެ ދިފާއީ ވަޒީރު މޯސޭ ޑަޔާން (1915-1981) އޭނާގެ ހަޔާތާބެހޭ ގޮތުން "އަހަރެންގެ ހަޔާތުގެ ވާހަކަ" މިނަމުގައި ލިއުއްވި ފޮތުގައި ބަޔާންކުރައްވާފައިވެއެވެ: "އެކުވެރިކަމެއް ނެތް އަރަބިން، ކުރިމަތިވާ ކުދިކުދި މައްސަލަތަކުގައި އެއްބަޔަކު އަނެއްބަޔަކާ ކުރަމުންދާ ހަނގުރާމައިން އިޒުރޭލަށް އެއްވެސް ނުރައްކަލެއް ކުރިމައްޗެއް ނުވާނެއެވެ."

ފަލަސްތީނުގެ ފަތަޙަ ޖަމާޢަތުގެ ތެރޭގައި 1983 ވަނަ އަހަރުގެ ފަހުކޮޅު ވަރަށް ބޮޑު ހަމަނުޖެހުމެއް އުފެދުނެވެ. ލުބުނާނުގައި ފަލަސްތީނަށް ކުރިމަތިވި ނާކާމިޔާބީއަށްފަހު ޔާސިރު ޢަރަފާތަށް ކުރިން އޮތް އިތުބާރާއި އިހުތިރާމު ގެއްލި ވަރަށް ގިނަ ބަޔަކު ޔާސިރުޢަރަފާތާ ދެކޮޅަށް ތެދުވިއެވެ. ޔާސިރު ޢަރަފާތުގެެ ދެކޮޅުވެރިން ނިކުތީ އަބޫ މޫސާގެ ދިދައިގެ ދަށަށް ވަދެ ޔާސިރު ޢަރަފާތު ވެރިކަމުން ދުރުކުރުމަށެވެ. އެހާހިސާބުން ފެނުނީ ވަރުގަދަ ފަލަސްތީން ލިބަރޭޝަން އޮގަނައިޒޭޝަން، ދެ ބައިވެ ފުނޑެމުން ދިޔަތަނެވެ. އޭގެ ފަހުން ފެށުނީ ފަލަސްތީނުގެ ދެ "ފެކްޝަން"ގެ މެދުގައި ކޯޅުމާއި ތޮޅުމާއި ގެއްލުން ދިނުމާއި ލޭއޮހޮރުމުގެ ހާދިސާތަކެވެ.

އެދުވަސްވަރު ފަލަސްތީނަށް ދިމާވެފައިވާ ހާލަތާބެހޭ ގޮތުން އެމެރިކާގެ ވޮޝިންޓަން ޕޯސްޓުގައި އިޒުރޭލުގެ ހާރިޖީ ވަޒީރު އިޒްހަކް ޝަމިރުގެ ބަޔާނެއް ޝާއިޢު ކުރިއެވެ. އެ ލިއުމުގައިވެއެވެ. "ފަލަސްތީނު ޖަމާއަތުގެ ތެރޭގައި އުފެދިގެން އުޅޭ ވަކިވެގަތުމާއި ބައިބައިވުމާއި އަރައިރުންވުމަކީ އިޒުރޭލަށް ފައިދާ ހުރިކަމެކެވެ."

އިޒުރޭލުގެ ޑިފެންސް މިނިސްޓްރީގެ ބޭފުޅަކު ވޮޝިންޓަން ޕޯސްޓަށް އެދުވަސްވަރު ދެއްވި ބަޔާނެއްގައި ވިދާޅުވީ ލުބުނާނުގެ އުތުރާއި އިރުމަތީ ސަރަހައްދުގައި ޔާސިރު ޢަރަފާތާ ދެކޮޅަށް ކުރިއަށްދާ ބަޣާވާތުގެ ނަތީޖާއަކަށް ވެފައި ވަނީ ދެކުނު ލުބުނާނުން އިޒުރޭލުގެ ފައުޖުތަކަށް ފަލަސްތީނުގެ ހަނގުރާމަވެރިން ދެމުންދާ ހަމަލާތައް މަދުވުމެވެ.

އިޒުރޭލުގެ ޑިފެންސް މިނިސްޓްރީގެ ބޭފުޅަކު އެދުވަސްވަރު އިނގިރޭސިވިލާތުގެ ގާޑިއަން ނޫހަށް ދެއްވި ބަސްދީ ގަތުމެއްގައި ވިދާޅުވީ ފަލަސްތީނު ޖަމާއަތް ބައިބައިވެ، އެއްބަޔަކު އަނެއްބަޔަކާ ތަޅާފޮޅުމުގައި މަޝްޢޫލުވެގެން ތިބުމަކީ އިޒުރޭލަށް އޮތް ރަނގަޅު ފާލެއް ކަމަށެވެ.
އެއްޖަމާއަތެއްގެ ބަޔަކު، އެއްޕާޓީއެއްގެ ބަޔަކު، އެއްބަޔަކު އަނެއްބަޔަކާ ހަނގުރާމަ ކުރުމަކީ އަމިއްލައަށް މިތުރުން ހަތުރުންނަށް ހެދުމެވެ. އެކަމުގެ ސަބަބުން ޖަމާއަތަށް، ޕާޓީއަށް ކުރާނެ ފައިދާއެއް ނެތެވެ. ތެދެކެވެ. އެކުވެރިކަމަކީ ވަރަށް ވަރުގަދަ ބާރެކެވެ. ވަކިވެގަތުމަކީ ނިކަމެތިކަމެކެވެ. ބައިބައިވުމަކީ އިދިކޮޅުފަރާތްތަކަށް ދެވޭ ބާރެކެވެ. ހަތިޔާރެކެވެ. -- މަޢުލޫމާތު: މައުލާނާ ވަޙީދުއްދީން ޚާންގ "ރާޒޭ ޙަޔާތު"

އެޑިޓަރުގެ ނޯޓް

މިއީ ކުރީގެ މަޝްހޫރު ނޫސްވެރިޔާ އަދި ލިޔުންތެރިޔާ މުހައްމަދު ސައީދު މޫސާ ވަޖުދީ އަވަސް އަށް ލިޔުއްވައި ދެއްވި ކޮލަމެކެވެ. އޭނާގެ "ދުރުމި" ކޮލަމަކީ ރާއްޖޭގެ ނޫސްވެރި ކަމުގައި އެކި ކަންކަމަށް ފާޑު ކިޔައި އަދި އެކި ކަންކަމުން އިބްރަތް ހާސިލު ކުރުމަށް ވަރަށް ގިނަ މައުލޫމާތު ގެނެސް ދީފައިވާ ވަރަށް ބޮޑު މަގުބޫލު ކަމެއް ވެސް ހޯދާފައިވާ ކޮލަމެކެވެ. އަދި ދުރުމި ކޮލަމްގައި ފާޅު ކުރި ބައެއް ހިޔާލުތަކުގެ ސަބަބުން ސިޔާސީ ތަފާތު ކުރިތައް ފަޅައި ތަފާތު މަންޒަރުތައް ވެސް ރާއްޖެއިން ފެނިފައި ވެއެވެ. އެތަކެއް އަހަރުތަކަކަށް ފަހު ވަޖުދީގެ ދުރުމި ކޮލަމްގެ ލިޔުއްވުމެއް އަވަސް އަށް ލިޔުއްވައި ދެއްވި އެވެ.