ރާއްޖެ ކުޅިވަރު

މަސައްކަތް ކުރަނީ ދެ ވަނަ ދަގަނޑޭ އުފައްދަން

Nov 6, 2016
2

ރާއްޖޭގައި މިއަދު ފެށި ފީފާގެ ގްރާސް ރޫޓް ލެވަލްގެ ކޯޗިން ކޯހުގެ ބޭނުމަކީ ރާއްޖޭގެ ގައުމީ ޓީމަށް އަލީ އަޝްފާގް (ދަގަނޑޭ) ރިޕްލޭސް ކުރެވޭވަރުގެ ދެވަނަ "އަޝްފާގެ" އް އުފެއްދުން ކަމަށް ފީފާގެ މި ސަރަހައްދަށް ކަނޑައޅައިފައި ހުރި ޓެކްނިކަލް ޑައިރެކްޓާ ވިންސެންޓް ސްބްރަމާނިއަމް ވިދާޅުވެއްޖެ އެވެ.

މިއަދު ފެށި ކޯޗިން ކޯސް ފަށާއިދިނުމަށް އެފްއޭއެމްގެ ހައުސްގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސްބްރަމާނިއަން ވިދާޅުވީ ރަށްރަށުން މީހުން ބައިވެރިވެގެން މި ކޯސް ކުރިއަށް ގެންދިއުމަކީ ރަށްރަށުން އާ ކުޅުންތެރިން އުފެއްދުމަށް ލިބިގެންދާ ކުރިއެރުމެއް ކަމަށެވެ.

"ރާއްޖޭގައި އަދި މިހުރީ ފީފާގެ ފެންވަރަށް ޓްރެއިނިން ހިންގާ އެންމެ ތަނެއް އެހެންނަމަވެސް އަހަރެމެންނަށް މަސައްކަތް ކުރެވޭނެ ރާއްޖޭގެ ފުޓްބޯޅަ ކުރިއަރުވަން ފީފާގެ މިޕްރޮގްރާމްގެ ބޭނުމަކީ ރާއްޖޭގެ ގައުމީ ޓީމަށް ދެވަނަ އަޝްފާގެއް އުފެއްދުން،" މީގެކުރިންވެސް ރާއްޖޭގައި ކޯޗިން ކޯސް ހިންގެވި ސްބްރަމާނިއަމް ވިދާޅުވިއެވެ.

މިކޯޗިން ކޯސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މިއަދުން ފެށިގެން މިއަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށެވެ. ސްބްރަމާނިއަމް ވިދަޅުވީ ފަސް ދުވަހުގެ ޕްރޮގްރާމެއް ކމަށް ވިޔަސް މި ޕްރޮގްރާމުން މުޅި އަހަރަށް ފައިދާ ކުރާނެ ކަމަށާއި ރަށްރަށުގައިވެސް ކުޅުންތެރިން އުފެއްދުމުގެ މަސައްކްތް ކުރިއަށް ގެންދިއުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

އޭނާ ވިދާޅުވީ ފުޓްބޯޅައަކީ ހަމައެކަނި ދަނޑުމަތީގައި ކުޅޭ ކުޅިވަރެއް އެކަންނެއް ނޫން ކަމަށާއި އެކަމުގެ ސަބަބުން ރަނގަޅު ރައްޔިތަކު އުފެއްދުމަށްވެސް މަގުފަހިވެގެންދާނެ ކަމަށެވެ.

"އަހަރެން އެފްއޭއެމްއަށް ގޮވާލަން ފުޓްބޯޅައިގެ ތެރެއިން ރާއްޖޭގައި ރަނގަޅު ސިޓިޒަންއެއް އުފެއްދުމަށް މަސައްކަތް ކުރުމަށް" ސިންގަޕޫރަށް ނިސްބަތްވާ ސްބްރަމާނިއަމް ވިދާޅުވިއެވެ.

އެފްއޭއެމްގެ ޑެޕިޔުޓީ ޖެނަރަލް ސެކެޓްރީ ހުސައިން ޖަވާޒު ވިދާޅުވީ ރަށްރަށުން އައި ބައިވެރިން ކޯސް ފުރިހަމަ ކުރުމަށް ފަހު ރަށުގައިވެސް ފުޓްބޯޅަ އަށް ހިދުމަތް ކޮށް އާ ކުޅުންތެރިން އުފެއްދުމަށް އިލްތިމާސް ކުރައްވާފައެވެ.

"ކޮންމެ ބޭފުޅަކުވެސް ދެ ވަނަ އަޝްފާގަކަށް ފުރަތަމަ ކޯޗް ކޮށްދިނީ އެބޭފުޅޭޖކޭ ބުނަން އެއީ ލިބޭނެ ފަހްރެއް ހަގީގަތުގައި ކޯހުގެ ބޭނުމަކީ އެންމެ ކުޑައިރުން ސުރެ ކުޅުންތެރިން ޑިވްލަޕް ކޮށްގެން އެ ކުދިންގެ ޕީކަށް އަންނަ އިރު މޮޅެތި ކުޅުންތެރިންނަށް ހެދުން،" ޖަވާ ވިދާޅުވިއެވެ.