ނިއުރޭޑިއަންޓަކީ އެފްއޭކަޕްގެ ތާރީހްގައި އެންމެ ކާމިޔާބު ޓީމެވެ. އެޓީމުން ވަނީ މުބާރާތް 11 ފަހަރު ކާމިޔާބުކޮށް ދެ ފަހަރަށް މުބާރާތް މިލުކު ވެސް ކޮށްފަ އެވެ. އެފްއޭކަޕްގެ ފުރަތަމަ ސެމީ ފައިނަލް މެޗްގައި މިރޭ ޓީސީ އާއި ނިއުރޭޑިއަންޓް ވާދަ ކުރާނެ އެވެ.
ޓީސީގެ ކޯޗް މުހައްމަދު ނިޒާމް (ނިޒާންބެ) ބުނީ ނިއުއަކީ އެފްއޭކަޕްގެ އެންމެ ކާމިޔާބު ޓީމު ކަމަށް ވުމުން އެޓީމަށް އިހްތިރާމް ކުރާ ކަމަށާއި ނަމަވެސް މެޗަށް ޓީސީ ނިކުންނާނީ ވަރުގަދަ އަށް ކުޅެ ނަތީޖާ ނެރުމަށް ތައްޔާރު ވެގެން ކަމަށެވެ.
"ނިއުއަކީ ބޮޑު ޓީމެއް، އެޓީމަށް އިހްތިރާމް އޮންނާނެ! ނަމަވެސް ޓީސީ ނިކުންނަނީ ވަރުގަދަ އަށް ތައްޔާރުވެގެން ވަރުގަދަ މެޗެއް ކަމަށް ދެކިގެން،" ނިޒާންބެ ބުންޏެވެ.
ލީގްގައި ޓީސީ އާއި ނިއުރޭޑިއަންޓް ކުޅުނު ފުރުތަމަ މެޗު އެއްވަރު ވެގެން ނިމުނު އިރު އަނެއް ދެމެޗް ޓީސީ ވަނީ ކާމިޔާބުކޮށްފަ އެވެ. ނިޒާންބެ ބުނީ މިރޭގެ މެޗްވެސް މެޗްގެ ފުރިހަމަ ވަގުތުގައި ނަތީޖާ ނެރުމަށް އިސްކަން ދޭނެ ކަމަށެވެ.
ކްއާޓާ ފައިނަލް ހަތަރު މެޗްގެ ތެރެއިން އެކްސްޓްރާ ޓައިމްއާ ޕެނަލްޓީއަށް ނުގޮސް ނަތީޖާ ނެރެފައިވަނީ ޓީސީއާ އީގަލްސް މެޗެވެ. އެ މެޗް ޓީސީ ކާމިޔާބު ކުރީ މެޗް ފެށިގެން ތިން ވަނަ މިނެޓްގައި އަލީ ފާސިރު (ސެންޓޭ) ކާމިޔާބު ކުރި ލަނޑުންނެވެ.
މިރޭގެ މެޗްގައިވެސް އިސްކަންދޭނީ މެޗްގެކުރީ ކޮޅު ނަތީޖާ ނެރުމަށްތޯ ސުވާލު ކުރުމުން ނިޒާންބެ ބުނީ އެކަމަ ވިސްނާނީ މެޗް ފެށިގެން މެޗްގެ އޮއުވަރުދާ ގޮތަކަށް ބަލާފައި ކަމަށެވެ. އަދި ޓީސީ އާއި ނިއުގައި ވެސް އޮތީ ލިމިޓެޑް ސްކޮޑެއް ކަަމަށް ނިޒާންބެ ފާހަގަ ކުރިއެވެ.