ރިޕޯޓް

ޑޮލަރުގެ ކަޅު ބަޒާރަށް ނިމުމެއް ގެނެވިދާނެތަ؟

Nov 7, 2016
4
  • ޑޮލަރުން ކުރެވޭ މުއާމަލާތްތައް މަދުކުރަން ޖެހޭ
  • މައްސަލައިގައި ފަރުދީ ޒިންމާވެސް ބޮޑު
  • އިގްތިސާދުގައި ޑޮލަރު ހިފެހެއްޓޭނެ ގޮތްތަކެއް ބޭނުންވޭ

ސްކޫލްތަކުގެ ބޮޑު ޗުއްޓީ ބޯމަތިވާން ފެށުމާ އެކު ބޭންކްތަކުގެ ބޭރުގައި އަނެއްކާ ވެސް ޑޮލަރު ކިޔޫ މި ވަނީ ދިގުވެފަ އެވެ. ހައްޖު މޫސުމާ އެކުހެން ޑޮލަރަށް އުތުރުއަރައިގަތް ޑިމާންޑާ އެކު، ހިސާބަކަށް މައިތިރިވެފައި އޮތް ޑޮލަރުގެ ބްލެކް މާކެޓް މި ވަނީ އަނެއްކާ ވެސް އުތުރި އަރައިގެންފަ އެވެ. އެއާ އެކު ޑޮލަރު ލިބުން އިންތިހާއަށް ތާށިވި އެވެ. މައްސަލަ ހައްލު ކުރަން އެމްއެމްއޭއަށް ވެސް އެންމެ ފަހުން ޖެހުނީ، މިހާރު ވިއްކާ ވަރަށް ވުރެ ގިނައިން ބޭންކްތަކަށް ވެސް ޑޮލަރު ވިއްކާށެވެ. ބޭންކްތަކުން ވެސް ކޮންމެ ދުވަހަކު ވިއްކާ ޑޮލަރުގެ އަގު އިތުރު ކުރަން މަޖުބޫރީ ހާލަތަކަށް މައްސަލަ ދިޔައީ އެވެ. މިއީ ހައްޖު މޫސުމާއި ޗުއްޓީ އަދި ރޯދަ މަސް ކައިރިވެގެން އަންނަ އިރު އަބަދުވެސް ހާލެވެ. ހަގީގަތަކީ ކުރިއަށް ވުރެ ޑޮލަރު ލިބުން ކިތަންމެ ފަސޭހަވި ނަމަވެސް، އެ މައްސަލައަށް އަދިވެސް ދާއިމީ ހައްލެއް މުޅިން ނުލިބުމެވެ. އެ މައްސަލައަށް ދާއިމީ ހައްލެއް އޮތް ފަރުވާއަކީ ކޮބައިހެއްޔެވެ؟

ރާއްޖެއަކީ ދެކުނު އޭޝިޔާގެ ގައުމުތަކަށް ބަލާއިރު ބޭރު ފައިސާ އެންމެ ގިނައިން ވަންނަ އެއް ގައުމެވެ. ސަބަބަކީ ރާއްޖޭގެ އިގްތިސާދު ޓޫރިޒަމަށް ބަރޯސާ ވެފައިވުމެވެ. ރާއްޖޭގެ ގިނަ އަދަދެއްގެ ރިސޯޓެއް އޮޕަރޭޓް ކުރަމުން ދިއުމެވެ. މި ރިސޯޓުތަކަށް ލިބޭ ޑޮލަރުން ބައެއް ރާއްޖޭގެ އިގްތިސާދުގައި ބުރު ޖެހުމެވެ. ނަމަވެސް ރާއްޖޭގައި ޑޮލަރުގެ ކަޅު ބާޒާރެއް އަބަދު ވެސް އޮވެ އެވެ. ނަމަވެސް ވިޔަފާރިވެރިންގެ ބަހުންނަމަ މިހާރު އެ ބާޒާރު ކުޑަ ވެއްޖެ އެވެ. ދެން އޮތް ސުވާލަކީ ޑޮލަރުގެ ކަޅު ބާޒާރު ނައްތާލެވިދާނެ ހެއްޔެވެ؟

"ރާއްޖެއަށް ޑޮލަރު ލިބޭނެ މި އޮންނަނީ އެންމެ ގޮތެއް. އެ ގޮތަކީ ހަމައެކަނި ޓޫރިޒަމުން. މި ދޭތެރެ އިން އެހާ ބޮޑަށް ޑޮލަރުގެ ދަތިކަން އުޅެނީ ބޮޑެތި ޕްރޮޖެކްޓް ތަކެއް ވޭތުވެދިޔަ ފަސް ވަރަކަށް އަހަރުގެ ތެރޭގައި އައިސްފައި ނެތުން. ނަމަވެސް މިހާރު ޑޮލަރު ލިބުމުގައި ލުއިތަކެއް ލިބޭ އެބަ،" ރާއްޖޭގެ ވިޔަފާރިވެރިއެއްގެ ހިޔާލުމި އެވެ.

ގައުމަށް ޑޮލަރު ވަންނަ ދޮރާށިތަކުން ކިތަންމެ ގިނައިން ޑޮލަރު އެތެރެވި ނަމަވެސް އެ ހޯދަން އުފުލަން ޖެހޭ ތަކުލީފު ދިވެހިން ލައްކަ ބޮޑެވެ. ކުރިން ޑޮލަރު ލިބުން ދަތިވުމުގެ ތަކުލީފު ރާއްޖޭން ބޭރަށް ދާ މީހުން އުފުލަން ޖެހެ އެވެ. ނަމަވެސް، 2014 ވަނަ އަހަރުން ފެށިގެން އެ އުނދަގޫ މި ވަނީ ގާތްގަނޑަކަށް ނިމުމަކަށް ގެނެސްފަ އެވެ. ސަބަބަކީ މަރުކަޒީ ބޭންކް (އެމްއެމްއޭ) އިން ރާއްޖޭގެ ބޭންކް ތަކަށް ޑޮލަރު ވިއްކަން ފެށުމެވެ. އަދި ރާއްޖޭން ފުރާ ކޮންމެ މީހަކު ޓިކެޓު ހިފައިގެން ދިއުމުން 500 ޑޮލަރުގެ މަގުން ޑޮލަރު ލިބުމެވެ. ނަމަވެސް މިއީ ވެސް އިގްތިސާދީ ވިސްނުމަކުން ބަލާއިރު ދުރު ރާސްތާއަށް ދެމެހެއްޓެނިވި ގޮތެއްގައި ކުރެވިދާނެ ކަމެއްތޯ މިއީ އުފެދޭ ސުވާލެކެވެ.

ޑޮލަރުގެ މައްސަލައާ ގުޅޭ ގޮތުން، މަރުކަޒީ ބޭންކްގެ ގަވަރުނަރު ޑރ. އާޒީމާ އާދަމް މީގެ ކުރިން، ވިދާޅުވީ އެމްއެމްއޭ އިން ހަފުތާއަކު ބޭންކްތަކަށް އެވްރެޖްކޮށް 4.7 މިލިއަން ޑޮލަރު ވިއްކަމުންދާ ކަމަށެވެ.

"ޑޮލަރަށް އޮންނަ ޑިމާންޑް މަތި. ބިއެމްއެލް އަށް އެމްއެމްއޭ އިން ވިއްކާ ޑޮލަރު ހުސްވީމަ އެ ބޭންކުން އަމިއްލައަށް ވިއްކާ. މި އަހަރު ވެސް ބީއެމްއެލް އަށް ވިއްކި ޑޮލަރު ހުސްވުމުން އިތުރަށް 3 މިލިއަން ޑޮލަރު ވިއްކި،" ޑޮލަރުގެ ކަޅުބާޒާރު ބެހޭ ގޮތުން މަޖިލީހުގައި ވާހަކަ ދައްކަވަމުން ގަވަރުނަރު އަޒީމާ އާދަމް ވިދާޅުވި އެވެ.

ވިޔަފާރިވެރިންނާއި ސީދާ ރައްޔިތު މީހާ ޑޮލަރުގެ އޮތް ޑިމާންޑުގެ އިތުރުން ސަރުކާރު ކުންފުނިތަކުގެ ޑިމާންޑްވެސް ވަނީ އިތުރުވެފަ އެވެ. ސަބަބަކީ ކުންފުނިތަކުން ގިނަ މަޝްރޫއުތަކެއް ހިންގަމުން ދިއުމެވެ. މަރުކަޒީ ބޭންކުގެ ހިސާބުތަކަށް ބަލާއިރު ރާއްޖެއަށް ލިބޭ ޑޮލަރުގެ ބޮޑު ބައެއް ސަރުކާރު ކުންފުނިތަކަށް ވިއްކަމުންދެ އެވެ. ގޮތުން 2013 ވަނަ އަހަރު އެމްއެމްއޭ އިން ސަރުކާރު ކުންފުނި ތަކަށް 43 މިލިއަން ޑޮލަރު ވިއްކި އެވެ. އަދި ޖެހިގެން އައި އަހަރު މި އަދަދު 80 މިލިއަން ޑޮލަރަށް އުފުލިގެން ދިޔައިރު މިދިޔަ އަހަރު 148 މިލިއަން ޑޮލަރު ވިއްކާފައިވެ އެވެ.

ޑޮލަރުގެ ބޭންޑް ދޫކޮށްލުން ގޯހެއް

މީގެ ފަސް އަހަރު ކުރިއަށް ބަލާއިރު ވެސް ޑޮލަރުގެ ކަޅު ބާޒާރު ރާއްޖޭގައި ކޮންމެވެސް ވަރަކަށް އޮތެވެ. ނަމަވެސް ޑޮލަރު ހޯދުން އިންތިހާއަށް ދަތިވެގެން ދިޔައީ 2008 ވަނަ އަހަރު ޑޮލަރު ވިއްކުމުން ދިޔަ 10.28ރ. ގެ ރޭޓް ދޫކޮށްލުމާ ގުޅިގެންނެވެ. އޭރުގެ ސަރުކާރުން 10.28ރ އާއި 15.42ރ. އަށް ފްލޯޓްވުމަށް ޑޮލަރު ދޫކޮށްލީ އެވެ. އޭރުގެ ސަރުކާރުން މި ބަދަލު ގެނައުމުގެ ބޭނުމަކީ ޑޮލަރުގެ ކަޅު ބާޒާރު ނައްތާލުމެވެ. ނަމަވެސް މި ބަދަލު ގެނައިތާ ޖެހިގެން އައި ދުވަހު ކަޅު ބާޒާރުގައި ޑޮލަރުގެ އަގު 16ރ. އާއި 17ރ. އަށް ޑޮލަރު އުފުލިގެން ދިޔަ އެވެ. އަދި ދުންޏެއްހެން މައްޗަށް އެރި ޑޮލަރުގެ ޑިމާންޑުގެ ސަބަބުން މުޅި އިގްތިސާދު ތެޅި ފޮޅިގަތެވެ. ޑޮލަރު ހޯދުމަށް ހޭދަކުރަން ޖެހޭ ފައިސާގެ އަދަދު އިތުރުވެ މުދަލުގެ އަގު އިންތިހާއަށް އުފުލިގެން ދިޔަ އެވެ.

"އަސްލުގެ ރާއްޖޭގެ ބްލެކް މާކެޓު މިހާރުގެ ވަރަށް ފެށުމަކީ މިއީ ކަމަށް ވެސް ބުނެވިދާނެ. ނަމަވެސް މިހާރު ބްލެކް މާކެޓުގައި ޑޮލަރުގެ އަގު ވަނީ ދަށަށް ގޮސްފައި. އިގްތިސާދު ހަމައަކަށް އެޅޭ ވަރަށް މާކެޓު ދާނީ ކުޑަވަމުން،" ނަން ނުޖެހުމަށް ޝަރުތުކޮށް ވާހަކަ ދެއްކި ވިޔަފާރިވެރިއަކު ބުންޏެވެ.

ދެން އޮތީ ރާއްޖެއަށް ޑޮލަރު ވަންނަ މައި ދޮރާށީގެ ވާހަކަ އެވެ؛ ރާއްޖޭގައި 100 އަށް ވުރެ ގިނަ ރިސޯޓު މިހާރު ދަނީ އޮޕަރޭޓް ކުރަމުންނެވެ. ދައުލަތައް ލިބޭ ފައިސާ މެނޭޖުކޮށް ބަލަހައްޓާ މީރާގެ ހިސާބުތައް ދައްކާ ގޮތުގައި މި އަހަރުގެ ފުރަތަމަ ކުއާޓަރު އެކަނި ވެސް ޑޮލަރުން ލިބުނު އާމްދަނީގެ ގޮތުގައި 180 މިލިއަން ޑޮލަރު ދައުލަތައް ލިބިފައިވެ އެވެ. މިއީ ޑޮލަރު މައިގަނޑު ގޮތެއްގައި ވަންނަ ޓޫރިޒަމް ދާއިރާ އިން ނަގާ ޓެކުހާއި ފީ އިން ދައުލަތައް ލިބޭ އާމްދަނީ އެވެ. ސުވާލަކީ ދައުލަތައް ސީދާ ގޮތުން ޓެކްސްގެ ގޮތުގައި ލިބޭ ބޭރު ފައިސާގެ އިތުރުން، ޓޫރިޒަމް ދާއިރާއިން ފައިދާގެ ގޮތުގައި އެއްކުރާ ފައިސާ ރާއްޖޭގައި ރައްކާ ނުކުރެވެނީ ކީއްވެގެން ހެއްޔެވެ؟ ޑޮލަރުގެ ބޮޑު ބައެއް ގައުމުން ބޭރު ވެގެން ދަނީ ކީއްވެގެން ހެއްޔެވެ؟ ޓޫރިޒަމް ދާއިރާގައި އިންވެސްޓް ކޮށްގެން ތިބި ފަރާތްތަކުގެ ޑޮލަރުތައް ބޭރުގެ ބޭންކްތަކުގައި ފޮރުވަމުން ދިއުން މިއީ ޑޮލަރުގެ ކަޅު ބާޒާރު އުފެދުމުގެ މައިގަނޑު ސަބަބަކަށް ވެދާނެ ހެއްޔެވެ؟

ރާއްޖޭގެ ޓޫރިޒަމް ދާއިރާގެ މައި އެއް ކުންފުނި ކަމަށްވާ ކްރައުން ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އާދަމް ސަލީމް ވިދާޅުވެފައިވާ ގޮތުގައި، އެ ކުންފުންޏަށް ލިބޭ ޑޮލަރު ބަހައްޓަނީ ރާއްޖޭގައި ކަމަށެވެ. މިގޮތަށް އެހެން ކުންފުނިތަކުން އަމަލުކުރާ ނަމަ ކަޅު ބާޒާރު ކުޑަވެގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ގްރޫޕް ޕޮލިސީއަކީ ރުފިޔާ ބޭނުންވާނަމަ ރާއްޖޭގެ ބޭންކުން އެކްސްޗޭންޖް ކުރުން. އެގޮތަށް ހުރިހާ މީހުން ހެދުން ރަނގަޅު ގޮތަކީ. މިހެން ހެދުމުން ބްލެކް މާކެޓު ކުޑަވާނެ. އެކަމަކު ކޮންމެވެސް ވަރެއްގެ ބްލެކް މާކެޓެއް އޮންނާނެ ހުރިހާ ގައުމެއްގައި ވެސް،" ސަލީމް ވިދާޅުވި އެވެ.

ބޭރު ކުރެވޭ ޑޮލަރު ކުޑަކުރުން

ރާއްޖޭގެ ޓޫރިޒަމްގައި އިންވެސްޓްކޮށްގެން ތިބީ ދުނިޔޭގެ ހިއްސާގެ ބާޒާރުތަކުގައި ގަދަރުވެރި ކުންފުނިތަކެވެ. މަޝްހޫރު ބްރޭންޑް ތަކެވެ. މި ކުންފުނިތަކަކީ ހިއްސާ ބާޒާރުތަކުގައި މަތީ ދަރަޖަކަކަށް ހިއްސާގެ މުއާމަލާތްތައް ކޮންމެ ދުވަހު ހިންގާ ކުންފުނިތެކެވެ. މި އުސޫލުން ބަލާއިރު މި ކުންފުނިތަކަށް ރާއްޖޭގައި ފުރުސަތު އަދި ނެތް ކަމަށް ބުނެވިދާނެ އެވެ. މިއީ ރާއްޖޭގައި ޑޮލަރު ނުބައްޓާ އެއް ސަބަބެއް ކަމަށް މާހިރުން ބުނެ އެވެ. އަނެއް ސަބަބު ގުޅިފައިވަނީ ސީދާ އިތުބާރާ އެވެ.

މަރުކަޒީ ބޭންކްގެ ގަވަރުނަރު އަޒީމާ ވިދާޅުވެފައިވާ ގޮތުން، ޑޮލަރުގެ ކަޅު ބާޒާރު ކުޑަކުރުމަށް އެޅޭނެ އެއް ފިޔަވަޅަކީ ރިސޯޓަށް ލިބޭ ޑޮލަރު އެހެން ފަރާތްތަކަށް ވިއްކުމުގެ ބަދަލުގައި ބޭންކަށް ޑޮލަރު ވިއްކާލުން ކަމަށެވެ.

"ރާއްޖޭގައި ޑޮލަރުގެ ޑިމާންޑް ބޮޑު. މީގައި ހަމައެކަނި އޮންނާނެ ހައްލަކީ ރުފިޔާގެ މުއާމަލާތް ހިންގުން. އެކްސްޕޯޓަށް ލިބޭ ޑޮލަރު ބޭންކަށް ވަދެ، ބޭންކް ތްރޫކޮށް ދިނުން. ރިސޯޓަކަށް ލިބޭ ޑޮލަރު އެހެން ފަރާތަކަށް ވަކިން ވިއްކާލުމުގެ ބަދަލުގައި ރިސޯޓުން ބޭންކަށް ސީދާ އެ ޑޮލަރު ވިއްކާލާނަމަ އިމްޕޯޓަރު ނުޖެހޭނެ 20-25 ޕަސެންޓް ހިފައިގެންދާކަށް. އިމްޕޯޓަރު ދާން ޖެހޭނީ ރުފިޔާ ހިފައިގެން،" އަޒީމާ ވިދާޅުވި އެވެ.

ގަވަރުނަރު އަޒީމާ ގަބޫލުކުރައްވާ ގޮތުގައި ޓޫރިޒަމް ދާއިރާއަށް ލިބޭ ޑޮލަރު ރާއްޖޭގައި ރައްކާކުރުމަށް އެކަށީގެންވާ "މާކެޓު މެކޭނިޒަމެއް" އެކުލަވާލަން ޖެހެ އެވެ. އަދި ރާއްޖޭގައި އިންވެސްޓްކުރާނެ ފައިނޭންޝަލް ފެސިލިޓީތައް ނެތުން ވެސް މިއީ ގޮންޖެހުމެއް ކަމަށް ގަވަރުނަރު ފާހަގަ ކުރެއްވި އެވެ.

"ކޮންޓްރޯލްތަކެއް ލުން ރަނގަޅެއް ނޫން. އިގްތިސާދު ވާންވީ އަލުން އިންވެސްޓްކުރާނެ ގޮތެއް ހުރި ތަނަކަށް. އެހެންވީމަ ޑޮލަރުން ވެސް އިންވެސްޓްކުރާގެ ޕްރޮޑަކްޓްތައް އުފެދެން ޖެހޭ. ކެޕިޓަލް މާކެޓު ވެސް ކުރިއަރަން ޖެހޭ،" އަޒީމާ ވިދާޅުވި އެވެ.

މީގެ އިތުރަށް ބޭސްފަރުވާގެ ކަންކަމަށާއި ޗުއްޓީ ހޭދަކުރުމަށް ބޭރަށް ދާ ދިވެހިން އަދި ރާއްޖޭގައި އުޅޭ ބިދޭސީން ވެސް ގިނަ އަދަދަކަށް ބޭރަށް ޑޮލަރު ގެންދެ އެވެ. އެމްއެމްއޭ ސާވޭތަކުން އިން ދައްކާ ގޮތުގައި، ދިވެހިންގެ ތެރެއިން ބޭރަށް ދާ މީހުންގެ 50 ޕަސެންޓްވަރު ބޭރަށް ދަނީ ބޭސްފަރުވާއަށް ކަމަށްވާ އިރު، ދިވެއްސަކު އެވްރެޖްކޮށް 500 ޑޮލަރު ބޭރުގައި ހަރަދު ކުރެ އެވެ. މިއީ އަހަރެއްގެ މައްޗަށް ބަލާއިރު ބޮޑު އަދަދެކެވެ. އަދި ބިދޭސީން ވެސް ގިނަ އަދަދެއްގެ ބޭރު ފައިސާ ބޭރު ކުރެ އެވެ. ޑޮލަރުގެ މައްސަލަ ހައްލު ކުރާއިރު މިއީ ވެސް ވިސްނާލަން ޖެހޭ ކަމެކެވެ.

އަމިއްލަ ޑޮލަރު އެކައުންޓް ހައްލެއްތަ؟

ޑޮލަރުގެ ކަޅު ބާޒާރުގެ ވާހަކަ ދައްކާއިރު ރާއްޖެއަކީ އަމިއްލަ ބޭނުމަށް ޑޮލަރު އެކައުންޓް ފަސޭހަ ކަމާއެކު ހުޅުވޭ ގައުމުތަކުގެ ތެރޭގައި ހިމެނޭ އެއް ގައުމެވެ. ކޮންމެ މީހަކަށްވެސް ބޭނުން ވެއްޖެނަމަ ޑޮލަރު އެކައުންޓެއް ހުޅުވިދާނެ އެވެ. މިހެން މިކަން އޮތުމުން ޑޮލަރުގެ ޑިމާންޑް މަތިވާ ދަނޑިވަޅުތަކުގައި ކަޅު ބާޒާރުގެ ފޯރި ގަދަ ކުރެ އެވެ. ނަމަވެސް ބައެއް ގައުމުތަކުގައި ޑޮލަރު އެކައުންޓް ހުޅުވޭނީ ވިޔަފާރީގެ ބޭނުމަކަށެވެ. މީގެ ބޭނުމަކީ ޑޮލަރު ހޯދައި ރައްކާކޮށްގެން އަގު ބޮޑުކޮށް ވިއްކުން މަދު ކުރުމެވެ. ނަމަވެސް ރާއްޖޭގައި މިކަމަކީ ކުރެވިދާނެ ކަމެއްތޯ ސުވާލު އުފެދެ އެވެ؟