ހަބަރު

ބާރެއް ނެތް ގޮތަށް ޕާޓީގައި ނުހުންނާނަން: މައުމޫން

Nov 7, 2016
13

ޕީޕީއެމްގެ ރައީސް ގެ ގޮތުގައި ހުންނަވަން ބޭނުންފުޅުވަނީ އެންމެހާ ބާރު ތަކާއެކު ކަމަށް، ޕާޓީގެ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްގެ އެވެ.

ވެރިކަން ކުރާ ޕާޓީ ދެފަޅިވެ، ކޯޓު އަމުރަކުން ޕާޓީގެ ހިންގުން މުޝްތަޝާރު ރައީސް އަބްދުﷲ ޔާމީނާއި ހަވާލުކޮށްފައިވާ އިރު، ސްރީލަންކާގެ "ދި އައިލަންޑް" ނޫހަށް ދެއްވި އިންޓަވިއު އެއްގައި، މައުމޫން ވިދާޅުވީ ޕާޓީގެ ރައީސް ކަން ބޭނުންފުޅުވަނީ ބާރުތަކާ އެކު ކަމަށެވެ.

"އެއްވެސް ބާރެއް ނެތް ގޮތަށް ޕާޓީގެ ރައީސް ކަން ކުރާކަށް ބޭނުމެއް ނޫން،" އެއްވެސް ބާރެއް ނެތި ޕާޓީގެ ރައީސް ކަމުގައި ހުންނެވުމާއި ގުޅޭ ގޮތުން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މައުމޫން ވިދާޅުވި އެވެ.

މައުމޫން އިތުރަށް ވިދާޅުވީ ރާއްޖޭގެ ސިޔާސީ އަދި އިގްތިސާދީ ހާލަތު މިހާރު އޮތީ ވަރަށް ނާޒުކު ފައްތަރެއްގައި ކަމަށެވެ. ސަރުކާރަށް ތާއީދު ނުކުރުމުގެ ބަހަނާއަކަށް މައުމޫން ނެންގެވީ އެ ސަބަބެވެ.

"... ޝަރުއީ ނިޒާމަށް ރައްޔިތުން ކުރާ އިތުބާރު އޮތީ މުޅިން ގެއްލިފަ. ރާއްޖޭގެ މިނިވަން ކަމާއި އިސްތިގުލާލު ވަނީ ހީނަރުވެފަ. މިފަދަ ދަނޑިވަޅެއްގަ އަޅުގަނޑަކަށް ސަރުކާރަށް ތާއީދެއް ނުކުރެވޭނެ،" ޕާޓީގެ ހިންގުން ރައީސް ޔާމީނާއި ހަވާލުކުރުމަށް ހައި ކޯޓުން ތާއީދު ކުރުމާއެކު ސަރުކާރަށް ކުރައްވާ ތާއީދު އަނބުރާ ގެންނެވިކަން އިއުލާނު ކުރައްވާފައިވާ މައުމޫން ވިދާޅުވި އެވެ.

މައުމޫން އާއި އެއްބަފާ ކޮއްކޯފުޅު ރައީސް ޔާމީންއާ ދެމެދު މައްސަލަތައް އުފެދެން ފެށީ މައުމޫން ވިދާޅުވާ ކޮންމެ ގޮތަކަށް ރައީސް ޔާމީން ކަންކަމުގައި އަމަލު ނުކުރައްވަން ފެއްޓެވުމުންނެވެ. މީގެ ކުރިން ވެސް ދެބޭފުޅުންގެ ދެމެދުގައި މައްސަލަ ޖެހޭކަމުގެ އަޑުތައް ފެތުރު ނަމަވެސް އެ ކޯޅުން އާންމުންނާ ހަމަޔަށް ތިލަވީ، ރިސޯޓް ހަދަން ރަށްތައް އިއުލާން ކުރުމަކާ ނުލާ ކުއްޔަށް ދިނުމުގެ ބިލާ މައުމޫން ދެކޮޅު ހައްދަވައި، އެ މަނިކުފާނުގެ ދަރިކަލުން ދިއްގަރު ދާއިރާގެ މެންބަރު ފާރިޝް މައުމޫން އެ ބިލާ ދެކޮޅަށް ވޯޓު ދެއްވި ހިސާބުންނެވެ.

ފާރިޝް އެ ވިޕްލައިނާ ހިލާފުވުމުން ޕާޓީ އިން ފިޔަވަޅު އެޅުމުން މައުމޫން ވަނީ އެކަމާ ދެކޮޅަށް ނިކުންނަވައިފަ އެވެ. އެންމެ ފަހުން އެ މައްސަލަ ބޮޑު ކޯޅުމަކަށް ބަދަލުވެ ޕާޓީ ދެފަޅިއަށް ބައިވީ އެވެ.

މައުމޫން ވިދާޅުވީ ރައީސް ޔާމީނަށް ލިބިވަޑައިގެންފައިވާ އެންމެ ބޮޑު ބާރަކީ ރައްޔިތުންގެ މަޖިލީހުގެ އަގުލަބިއްޔަތު ކަމަށާއި، އެކަމަކު ސަރުކާރުގެ އަމަލު ތަކާމެދު މެމްބަރުން ހިތްހަމަ ނުޖެހޭ ކަމަށެވެ. މައުމޫން އެހެން ވިދާޅުވި ނަމަވެސް ދެތިން މެންބަރަކު ފިޔަވާ އެހެން ހުރިހާ މެންބަރުން ވަނީ ރައީސް ޔާމީންއަށް ތާއީދު ކުރައްވާކަން ހާމަ ކުރައްވައިފަ އެވެ.

"ރައްޔިތުންގެ މަޖިލީހަކީ ރައީސް ޔާމީނަށް ލިބިވަޑައިގެންފައިވާ އެންމެ ބޮޑު ބާރު. އެކަމަކު ކަންކަން ބަދަލު ކުރުމުގެ މޭސްތިރިއަކަށް ވެސް މަޖިލީސް ހެދޭނެ،" މައުމޫން ވިދާޅުވި އެވެ.

ސަރުކާރުގެ އަމަލު ތަކުގެ ސަބަބުން ބޭރު ދުނިޔޭގައި ވެސް ރާއްޖެ އެކަހެރި ވަމުން އަންނަ ކަމުގައި މައުމޫން ފާހަގަ ކުރެއްވި އެވެ. އަދި މިދިޔަ މަހު ކޮމަންވެލްތުން ވަކި ވުމަށް ނިންމި ނިންމުން ވެސް އެމަނިކުފާނު ކުށްވެރި ކުރެއްވި އެވެ.

"ކޮމަންވެލްތުގައި އޮވެގެން ރާއްޖެ އަށް ވަރަށް ގިނަ ފައިދާ ތައް ލިބުނު،" 1982 ގައި ކޮމަންވެލްތުގެ ހާއްސަ މެންބަރެއްގެ ދަރަޖަ ހޯދުމަށްފަހު 1985 ގައި ފުރިހަމަ މެންބަރަކަން ހޯދިއިރު ރާއްޖޭގެ ރައީސް ގެ މަގާމުގައި ހުންނެވި މައުމޫން ވިދާޅުވި އެވެ.

މައުމޫން މިހެން ވިދާޅުވި ނަމަވެސް، 2012 ގައި ރާއްޖޭގެ ވެރިކަން ވެއްޓުމާއި ގުޅިގެން، ބޭރުގެ އެކި ޕްރެޝަރުތައް ރާއްޖެ އަށް ކުރިމަތި ވުމާއެކު، ކޮމަންވެލްތުން ރާއްޖެ ވަކިވުމަށް އޭރު މައުމޫން ބާރު އެޅުއްވި އެވެ.

އެކަމާއި ގުޅޭ ގޮތުން ސުވާލު ކުރުމުން، މައުމޫން ވިދާޅުވީ އޭރުގެ ހާލަތު ވަރަށް ތަފާތު ކަމަށެެވެ.

"ބަޣާވާތަކުން ވެރިކަން ބަދަލުކުރި ކަމުގެ ތުހުމަތުކޮށް ރާއްޖެ އަށް ނުހައްގުން ފިޔަވަޅު އަޅަން އުޅުމުން، ބޭރުގެ ފަރާތްތަކަށް މެސެޖެއް ދިނުމަށް އަޅުގަނޑު އޭރު ދެންނެވީ ކޮމަންވެލްތުން ވަކިވާން،" އެމަނިކުފާނު ވިދާޅުވި އެވެ.

ދެން އަންނަ ރިޔާސީ އިންތިހާބުގައި ޕްރައިމަރީ އަކާއި ނުލާ ޕީޕީއެމްގެ ޓިކެޓް ރައީސް ޔާމީނަށް ދެއްވަން މައުމޫން ދެކޮޅު ހެއްދެވުމަކީ، މިހާރު ޕާޓީ ދެބައިވުމުގެ މައިގަނޑު ސަބަބު ކަމުގައި ގިނަ ފަރާތްތައް ބުނަމުން އަންނަ އިރު، އިންތިހާބުގައި ވާދަކުރެއްވުމަށް ރައީސް ޔާމީން އެއްވެސް އިރެއްގައި ވިދާޅުނުވާ ކަމަށް މައުމޫން ތަކުރާރު ކުރެއްވި އެވެ.

"ޕާޓީގެ އަސާސީ ގަވައިދު ބުނާ ގޮތުން، އެއް ކެންޑިޑޭޓަކަށް ވުރެ ގިނަ ވެއްޖެ ނަމަ ޕްރައިމަރީ އަކަށް ދާން ޖެހޭ،" މައުމޫން ވިދާޅުވި އެވެ.

އިދިކޮޅު ފަރާތްތައް ގުޅިގެން އުފެދޭ އިއްތިހާދެއްގައި އިސްކޮށް ހުންނަވާ ނަންތޯ ސުވާލު ކުރުމުން އެކަމަށް ސީދާ ނޫނެކޭ މައުމޫން ވިދާޅެއްނުވެ އެވެ.

"މިހާރު އަޅުގަނޑު މެން މި މަސައްކަތް ކުރަނީ ވަކި ޕާޓީ އެއްގެ ގޮތުގަ. އެކަމަކު ގައުމަށް ފައިދާ ކުރަނިވި ކަންތައް ތަކުގައި މަޝްވަރާ ކުރަން އައުމަށް އަޅުގަނޑު ވާނީ ހުރިހާ ޕާޓީތަކަށް ދައުވަތު ދީފަ،" ދާދި ފަހުން ޖުމްހޫރީ ޕާޓީ އާއެކު ސަރުކާރު ހަމަމަގަށް އެޅުވުމަށް ކަމަށް ވިދާޅުވެ މަސައްކަތް ފެއްޓެވި މައުމޫން ވިދާޅުވި އެވެ.

".... އަބަދު ކުރިމަތިލުމުގައި އެއްވެސް މީހަކަށް ނޫޅެވޭނެ. އަޅުގަނޑުމެންގެ މެދުގައި ވާހަކަ ދެކެވިގެން މައްސަލަތަކަށް ހައްލެއް ހޯދަންޖެހޭ."