ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ފަހަކަށް މަދުކުރަން އެ ކޯޓުން ދެ ފަނޑިޔާރަކު ވަކިކުރަން ކޯޓުތަކުގެ ގާނޫނަށް ހުށަހެޅި އިސްލާހު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް(މަވޯޓާ) ހުށަހެޅުއްވި އެ އިސްލާހު ދިރާސާ ކުރުމަށް ފަހު މިނިވަން މުއައްސަސާތަކުގެ ކޮމެޓީން ގެނައި ބަދަލުތަކާ އެކު އެ އިސްލާހު ފާސްކޮށްފައިވަނީ 46 މެމްބަރުންގެ ވޯޓުންނެވެ. އެ ބިލާ ދެކޮޅަށް 19 މެމްބަރަކު ވޯޓު ދެއްވިއިރު ވަކި ކޮޅަކަށް ވޯޓު ނުދެއްވާ އެއް މެމްބަރަކު އިންނެވި އެވެ.
އެ އިސްލާހު ހުށަހެޅުއްވީ އެމްޑީޕީއަށް ނިސްބަތްވާ މެމްބަރަކު ނަމަވެސް އެމްޑީޕީގެ ގިނަ މެމްބަރުން އެ ބިލަށް ވޯޓު ދީފައެއް ނުވެ އެވެ. ޖުމްހޫރީ ޕާޓީން ވެސް އެ ބިލަށް ތާއީދުކޮށްފައި ނުވާއިރު އެ ބިލަށް ތާއީދު ކުރާނެ ކަން ޕީޕީއެމުން ކުރިން ވެސް ވަނީ ހާމަކޮށްފަ އެވެ.
ޝަރީފް އެ ބިލް ހުށަހެޅުއްވިއިރު ފަނޑިޔާރުންގެ އަދަދު މަދުކުރަން އަމަލުކުރަންޖެހޭ ގޮތް ބަޔާންކޮށްފައި ނުވި ނަމަވެސް ކޮމެޓީން ވަނީ އެ ބިލުގައި އެ ބައި ހިމަނައިފަ އެވެ. ކޮމެޓީން ގެނައި ބަދަލުތަކާ އެކު އެ ބިލް މިހާރު އޮތްގޮތުން ފަނޑިޔާރުންގެ އަދަދު މަދުކުރާނީ ސުޕްރީމް ކޯޓުން ވަކިކުރަންޖެހޭ ދެ ފަނޑިޔާރެއްގެ ނަން ޖުޑިޝަލް ސާވިސް ކޮމިޝަން)ޖޭއެސްސީ( އިން މަޖިލީހަށް ހުށަހެޅުމުން މަޖިލީހުގެ ވޯޓަކުންނެވެ.
މީގެ އިތުރުން އެގޮތަށް ވަކިކުރާ ދެ ފަނޑިޔާރުން ފިޔަވައި ސުޕްރީމް ކޯޓުގެ އެހެން ފަނޑިޔާރުން މަގާމުގައި ދެމި ތިބޭނެ ކަމަށާއި އަދި ވަކިކުރާ ފަނޑިޔާރުންނަށް ވެސް ފަނޑިޔާރުންގެ ގާނޫނުގައިވާ ގޮތުގެ މަތިން އިނާޔަތް ލިިބޭ ގޮތަށް އެ ބިލަށް ކޮމެޓީން ބަދަލު ގެނެސްފައިވެ އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދު ކުރުމުގެ އިތުރުން ހައި ކޯޓުގެ ދެ ގޮއްޕެއް ރާއްޖޭގެ ދެ ސަރަހައްދެއްގައި ގާއިމް ކުރަންޖެހޭ ގޮތަށް ވެސް ޝަރީފް ހުށަހެޅުއްވި އެ ބިލްގައި ހިމަނާފައިވެ އެވެ. ކޮމެޓީން އެ ބައި ދިރާސާ ކުރުމަށް ފަހު މާ ބޮޑު ބަދަލެއް ެއެ ބަޔަށް ގެނެސްފައި ނުވާއިރު ބިލް ހުށަހެޅިއިރު ވެސް އެ ބައި އޮތްގޮތަށް މަޖިލީހުން ވަނީ ފާސްކޮށްފަ އެވެ.
ހައި ކޯޓުގެ ދެ ގޮއްޕެއް ގާއިމް ކުރުމާ ގުޅޭގޮތުން މިއަދު ފާސްކުރި އިސްލާހުގައިވަނީ ސުޕްރީމް ކޯޓުގެ ލަފާގެ މަތިން ރާއްޖޭގެ ދެ ސަރަހައްދެއްގައި ގާއިމް ކުރާ ހައި ކޯޓުގެ ދެ ގޮފިން ބަލާނީ އެ ސަރަހައްދެއްގެ މެޖިސްޓްރޭޓް ކޯޓުތަކުން ނިންމާ މައްސަލަތަކުގެ އިސްތިއުނާފް މައްސަލަތައް ކަމަށެވެ. އަދި އެއިން ކޮންމެ ގޮއްޕަކަށް ހައި ކޯޓުގެ ތިން ފަނޑިޔާރަކު ފޮނުވަންޖެހޭނެ ކަމަށް ވެސް މިއަދު ފާސްކުރި އެ އިސްލާހުގައިވެ އެވެ.