ރާއްޖެ ކުޅިވަރު

ސެންޓޭގެ އަނިޔާ ސީރިއަސް އެއް ނޫން

Nov 7, 2016

އެފްއޭ ކަޕް ސެމީ ފައިނަލް މެޗްގައި ރޭ ނިއުރޭޑިއަންޓާ ދެކޮޅަށް ކުޅުނު މެޗްގައި ޓީސީގެ އަލީ ފަސިރު (ސެންޓޭ) އަށް ލިބުނު އަނިޔާގައި ކަންބޮޑުވާން ޖެހޭ ވަރުކަމެއް ނެތްކަމަށް ޓީސީގެ މެޑިކަލް އޮފިޝަލުން ބުނެފި އެވެ.

ރޭގެ މެޗްގައި ލިބުނު އަނިޔާއާ ގުޅިގެން ސެންޓޭ ވަނީ ވަގުތުން ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދީފަ އެވެ. އަދި ރޭ ދަންވަރު 12 ޖަހަން އުޅެނިކޮށް ހޮސްޕިޓަލުން ދޫކޮށްލިކަމަށް ޓީސީގެ މެޑިކަލް އޮފިސާ ހަސަން އަޝިޔަމް ބުންޏެވެ.

"ކަންބޮޑުވާންޖެހޭ ވަރު މައްސަލަ އެއް ނެތް ޑޮކްޓަރު ލަފާ ދެއްވީ ދެ ދުވަހެއް ވަރު އަރާމުކޮށްލުމަށް ކަށިގަނޑުގައި ފްރެކްޗާއެއް ވެސް ނެތް،" އަޝިޔަމް ބުންޏެވެ.

"ރޭ ގެ މެޗްގައި ސެންޓޭ އަނިޔާވުމުން ފަރުވާދޭން އަޅުގަނޑު ދަނޑަށް އެރިއިރު ނޭވާ ވެސް ނުލެވޭ."

ރޭ ގެ މެޗްގައި ޓީސީގެ ފުރަތަމަ ލަނޑުވެސް ކާމިޔާބު ކުރީ ސެންޓޭއެވެ. އޭނާ ވަނީ މިސީޒަންގައި ޓީސީގައި މޮޅު ކުޅުމެއް ދައްކާފައެވެ. އޭނާ އަކީ ދިވެހި ޕްރިމިއާ ލީގްގެ އެންމެ މޮޅު ކުޅުންތެރިޔާވެސް މެެއެވެ. އަދި މިސީޒަންގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔަކީވެސް ސެންޓޭ އެވެ.