ހަބަރު

ރައީސާއެކު ޣައްސާން ހުންނެވި ސަބަބު މައުމޫން ހާމަކުރައްވައިފި

Nov 7, 2016
3

ޕީޕީއެމް ގެ އެތެރޭގެ މައްސަލަތައް ގޯސްވެ ޕާޓީ ދެ ބައިވެފައިވާ އިރު، ރައީސް އަބްދުﷲ ޔާމީން އާއެކު ޣައްސާން މައުމޫން ހުންނަވަނީ "ޕްރޮޖެކްޓްސް" ތަކެއް ހިންގެވުމަށް ކަމަށް، ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.

ޕީޕީއެމްގައި މައުމޫންގެ ބާރުތައް ރައީސް ޔާމީނަށް ކޯޓު އަމުރެއްގެ ދަށުން ލިބިވަޑައިގެންނެވުމާއެކު ޕާޓީ ދެ ފެކްޝަނަކަށް ބެހިގެން ދިޔައިރު، މައުމޫން ރިޔާސަތު ބަލަހައްޓަވާ ކައުންސިލް ބައްދަލުވުންތަކުގައި ޣައްސާން ބައިވެރިވެވަޑައިގެންނެވި އެވެ. ހަމައެއާ އެކު، ބޮޑުބޭބޭފުޅު، ރައީސް ޔާމީން ބޭއްވެވި ކައުންސިލް ބައްދަލުވުންތަކުގެ ކުރީ ސަފުގައި ވެސް، ރައީސް އޮފީހުގެ ސްޓޭޓް މިނިސްޓަރަކަށް ހުންނެވި ޣައްސާން އިންނެވި ތަން ފެނިގެން ދިޔަ އެވެ.

އެހެން ނަމަވެސް، ދެ ފަޅި ވެސް ރުއްސަން މަސައްކަތް ކުރެއްވި ޣައްސާން މިހާރު ވަނީ ސިވިލް ކޯޓުގެ އަމުރަށް ހައި ކޯޓާއި ސުޕްރީމް ކޯޓު ތާއީދު ކުރި ހިސާބުން ބޮޑުބޭބޭފުޅުގެ ފެކްޝަން ހިޔާރު ކުރައްވާފަ އެވެ. މިހާރު ޣައްސާން ބައިވެރިވެވަޑައިގަންނަވަނީ ހަމައެކަނި ރައީސް ޔާމީން ފެކްޝަނުގެ ކައުންސިލް ބައްދަލުވުންތަކުގަ އެވެ.

މިކަމާ ގުޅޭ ގޮތުން މައުމޫން އާއިލާގެ ފަރާތުން މިހާތަނަށް ރަސްމީ ކޮށް އެއްވެސް އެއްޗެއް ވިދާޅުވެފައެއް ނުވެ އެވެ.

ނަމަވެސް، އާދީއްތަ ދުވަހު ސްރީލަންކާގެ "ދި އައިލަންޑް" ނޫހަށް ދެއްވި އިންޓަވިއުއެއްގައި މައުމޫން ވަނީ ދަރިކަލުން ޣައްސާނުފެ ނިންމެވުމާއި ގުޅޭ ގޮތުން ކުރި ސުވާލަކަށް ޖަވާބު ދެއްވާފަ އެވެ.

"ރައީސް އޮފީހުގެ ސްޓޭޓް މިނިސްޓަރަކަށް ހުންނަވައިގެން ޣައްސާން ޕްރޮޖެކްޓްސް ތަކެއް ގައި އިސްކޮށް މަސައްކަތް ކުރައްވާ،" އެއްބަޑު އެއްބަފާ އެހެން ބޭފުޅުންނާއި ހިލާފަށް ޣައްސާންގެ އެ ނިންމެވުމުގެ ސަބަބުން މިހާރު ސަރުކާރާއި ދެކޮޅަށް މައުމޫން ފައްޓަވާފައިވާ މަސައްކަތަށް އަސަރު ކޮށްފާނެތޯ ދެންނެވުމުން މައުމޫން ވިދާޅުވި އެވެ.

"އަޅުގަނޑުގެ ހުރިހާ ކުދިން ވެސް ތިބީ ރަނގަޅަށް ކިޔަވައިގެން. ދުންޔާ، ޔުމްނާ އަދި ފާރިސް ގާތުގައި ވެސް އަޅުގަނޑެއް ނުބުނަން ސަރުކާރުން ވަކިވާކަށް. އެ ކުދިން އަމިއްލަ އަށް ގަބޫލު ކުރާ އުސޫލު ތަކެއްގެ މައްޗަށް އެ ގޮތަށް އަމަލު ކުރީ،" ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން އަށާއި، ކުރީގެ ޑެޕިއުޓީ މިނިސްޓަރު ޔުމްނާ މައުމޫން އަދި ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން އަށް އިޝާރަތް ކުރައްވަމުން މައުމޫން ވިދާޅުވި އެވެ.

މައުމޫން އާއި އެއްބަފާ ކޮއްކޯފުޅު ރައީސް ޔާމީންއާ ދެމެދު މައްސަލަތައް އުފެދެން ފެށީ މައުމޫން ވިދާޅުވާ ކޮންމެ ގޮތަކަށް ރައީސް ޔާމީން ކަންކަމުގައި އަމަލު ނުކުރައްވަން ފެއްޓެވުމުންނެވެ. މީގެ ކުރިން ވެސް ދެބޭފުޅުންގެ ދެމެދުގައި މައްސަލަ ޖެހޭކަމުގެ އަޑުތައް ފެތުރު ނަމަވެސް އެ ކޯޅުން އާންމުންނާ ހަމަޔަށް ތިލަވީ، ސަރުކާރުގެ ސިޔާސަތުތަކާ ދެކޮޅަށް މައުމޫން ފާޅުގައި ދެކޮޅު ހައްދަވައި ބަސްފުޅު ވިދާޅުވާން ފެއްޓެވުމުންނެވެ.

މި ފަހުން ރައީސް ޔާމީން ވަނީ ޣައްސާނަށް ތައުރީފު ކުރައްވާ ޣައްސާނަކީ ސިޔާސީ ކުރިމަގު އޮތް ބޭފުޅެއް ކަމަށް ވިދާޅުވެފަ އެވެ. އަދި ދެން އަންނަ އާންމު އިންތިހާބެއްގައި ކޮންމެވެސް ދާއިރާއަކުން ޣައްސާނު ރައްޔިތުންގެ މަޖިލީހަށް ހޮއްވައި ދެއްވާނެ ކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފަ އެވެ.