ވިޔަފާރި

ސިނގިރޭޓާއި ފިޒީ ޑްރިންކުގެ ޑިއުޓީ ބޮޑު ކުރަނީ

Nov 8, 2016
7
  • ސިނގިރޭޓަކުން 1.75ރ.ގެ ޑިއުޓީއެއް ނެގުން
  • ފޮއްޓެއްގެ އަގު 50ރ. އަށްވުރެ މަތިވާނެ
  • ފިޒީ ޑްރިންކުގެ ޑިއުޓީ 20 ޕަސެންޓް އިތުރުކުން

ސިނގިރޭޓާއި ފިޒީ ޑްރިންކުގެ ޑިއުޓީ ބޮޑު ކުރަން އަންނަ އަހަރަށް ލަފާކުރާ ބަޖެޓްގައި ހުށަހަޅައިފި އެވެ.

ރައްޔިތުން މަޖިލީހުގައި ދާދި ދެންމެއަކު ބަޖެޓު ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު ވިދާޅުވީ އަންނަ އަހަރު ސިނގިރޭޓާއި ފިޒީޑްރިންކުން ނަގާ ޓިއުޓީ ބޮޑު ކުރުމުގެ އިތުރުން، ޓެކްސީ ޕާމިޓް ވިއްކުމާއި އެއާޕޯޓް ޑިވްލޮޕްމަންޓް ޗާޖެއް ނެގުމުގެ އިތުރުން ހިމެނޭ ކަމަށެވެ.

އަންނަ އަހަރު ބަޖެޓުގައި ސިނގިރޭޓަރުގެ ޑިއުޓީ ބޮޑު ކުރުމަށް ހުށަހަޅާފައިވަނީ ސިނގިރޭޓަކުން ނަގާ ޑިއުޓީ 1.75ރ. އަށް ބޮޑު ކުރުމަށެވެ. މި ބަދަލާއެކު މިހާރު 47ރ. އަށް ވިއްކާ ސިނގިރޭޓު ފޮއްޓެއްގެ އަގު 50ރ. އަށްވުރެ މަތިވާނެ ކަމަށް ބެލެ އެވެ.

ސަރުކާރުން އަންދާޒާކޮށްފައިވާ ސިނގިރޭޓުގެ ޑިއުޓީ ބޮޑު ކުރުމާއެކު، ދައުލަތައް 200 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބޭނެ އެވެ.

މީގެ އިތުރުން ފިޒީ ޑްރިންކާއި އެނާޖީ ޑްރިންކުގެ ޑިއުޓީ 20 ޕަސެންޓް ބޮޑު ކުރުމަށް ވަނީ ނިންމާފަ އެވެ. މިގޮތުން ގެންނަ ބަދަލުން ދައުލަތައް ނުވަ ބިލިއަން ރުފިޔާ އާމްދަނީގެ ގޮތުގައި ލިބޭނެ އެވެ. މީގެ އިތުރުން އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުން ރާއްޖޭގެ އެކި ހިސާބުތަކާއި ރާއްޖޭން ބޭރަށް ފުރާ ކޮންމެ ފަސިންޖަރެއްގެ އަތުން 25 ޑޮލަރުގެ ޖާޗެއް ނަގަން ހުށަހަޅާފައިވެ އެވެ. އަންނަ އަހަރު ޓޫރިސްޓުންގެ އަދަދު ހަތަރު ޕަސެންޓް އިތުރުވާނެ ކަމަށް ބަލައި، 565 މިލިއަން ރުފިޔާ ލިބޭނެ ކަމަށް އަންދާޒާ ކޮށްފައިވެ އެވެ.