ރާއްޖެ ކުޅިވަރު

ޕްރެޒިޑެންޓް ކަޕުން މިއަހަރު ހަ ޓީމަށް ފުރުސަތު ދީފި

Nov 8, 2016

ރައިސުލްޖުމްހޫރިއްޔާގެ ވާދައިގެ ތައްޓަށް ކުޅޭ ފުޓްބޯޅަ މުބާރާތް، ޕްރެޒިޑެންޓް ކަޕްގައި މިއަހަރު ހަ ޓީމު ބައިވެރިކޮށް ދެ ގުރޫޕަކަށް ބަހާލައިގެން މުބާރާތް ކުޅޭ ގޮތަށް އެފްއޭއެމުން ނިންމައިފި އެވެ.

މިދިޔަ އަހަރު އައްޑޫ އާއި ކުޅުދުއްފުށީގައި ބޭއްވި ޕްރެޒިޑެންޓް ކަޕުވެސް ދެ ގުރޫޕަކަށް ބަހާލައިގެން ކުޅުނު އިރު މިދިޔަ އަހަރު މުބާރާތުގައި ފުރަތަމަ ޑިވިޝަންގެ އަށް ޓީމަށް ވެސް ފުރުސަތު ދީފައިވެއެވެ. މީގެ ކުރިން އޮންނަ އުސޫލުގެ ދަށުން ޕްރެޒިޑެންޓް ކަޕްގައި ވާދަ ކުރާނީ ދިވެހި ލީގްގެ ގަދަ ހަތަރެއްގައި ހިމެނޭ ދެ ޓީމެވެ.

މިދިޔަ އަހަރު ފެށި މިނިވަން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި އެފްއޭއެމްއިން ނިންމާފައިވަނީ އެ މުބާރާތުގެ ޗެމްޕިއަން ޓީމަށް ޕްރެޒިޑެންޓް ކަޕުން ފުރުސަތު ދިނުމަށެވެ. އެގޮތުން މިދިޔަ އަހަރު މިނިވަން ޗެމޕްިއަންޝިޕް ޗެމްޕިއަންކަން ހޯދި ސ. ފޭދޫ އަށް މިއަހަރުގެ މުބާރާތުން ފުރުސަތު ލިބިގެންދާނެ އެވެ.

މީގެ އިތުރުން ލީގްގެ ފަސް ވަނަ ހޯދި ނިއުރޭޑިއަންޓަށް ވެސް މުބާރާތުން ފުރުސަތު ދިނުމަށް އެފްއޭއެމުން ވަނީ ނިންމާފައެވެ.

ޕްރެޒިޑެންޓް ކަޕް ފެށުމަށް ހަމަޖެހިފައިވަނީ މިމަހުގެ 15 ވަނަ ދުވަހުގެ ހަވީރު އެވެ. މުބާރަތުގެ ފައިނަލް މެޗް އޮންނާނީ މި މަހު 29 ވަނަ ދުވަހުއެވެ. މިދިޔަ އަހަރު އައްޑޫ ސިޓީގައި ކުޅުނު ފައިނަލް މެޗްގައި މުބާރާތުގެ ޗެމްޕިއަންކަން ހޯދީ މާޒިޔާ އެވެ.