ކުލަބު ވެލެންސިއާ އަކީ ރާއްޖޭގެ ފުޓްބޯޅައިގެ ފެނުނު އެންމެ ކާމިޔާބު ތިން ކުލަބުގެ ތެރެއިން އެއް ކުލަބެވެ. ފުޓްބޯޅައިގެ ވަރުގަދަ ތާރީހަކާއި އެތައް ތައްޓެއް ވެލެންސިއާގެ ހަރުގަނޑުގައި އެބަހުއްޓެވެ. ނަމަވެސް ވޭތުވެދިޔަ އަށް އަހަރަކީ ވެލެންސިއާ ފަނޑުވެ ދަށަށް ދިޔަ ފަހަރެވެ. ޓީމު ދެ ވަނަ ޑިވިޝަނަށް ރެލިގޭޓް ވެދާނެހެން ހީވިފަހަރު ވެސް ދިޔައެވެ.
އަަށް އަހަރުގެ މެދުކެނޑުމަކަށްފަހު ވެލެންސިއާ މިވަނީ ބޮޑު މުބާރަތެއްގެ ފައިނަލަށް ދަތުރުކޮށްފަ އެވެ. އެފްއޭކަޕް ފައިނަލާ ހަމަޔަށް ވެލެންސިއާ އައީ އެތައް ގޮންޖެހުމެއް ކަޑަތު ކުރުމަށްފަހު އެވެ. "އަދިވެސް ގޮންޖެހުން އެބަހުރި" މިއީ ވެލެންސިއާގެ އޮފިޝަލުންގެ ބަހެވެ. ނަމަވެސް ވެލެންސިއާ އެފްއޭކަޕް ފައިނަލާ ހަމަޔަށް އާދެވުނީ ޓީމުގެ ހިންގުމަށައި ފިލޯސަފީތަކަށް ބަދަލު ގެނެސްގެންނެވެ.
މެނޭޖްމެންޓް ބަދަލުވުން
ފާއިތުވެދިޔަ ހައެއްކަ އަހަރަކީ ވެލެންސިއާގެ ބޯޑުގެ ތެރޭގައި ކޯޅުން ބޮޑުވި ދުވަސްތަކަކެވެ. ބޯޑުގެ ކޮންޓްރޯލް ހޯދަން ކުލަބުގެ މެންބަރުން ދެކަފިވެ ދެ ބަޔަކަށް ބެހިގެންދިޔަ އެވެ. އޭރު ވެލެންސިއާ ހިންގުމުގައި ތިބި މީހުންގެ ވިސްނުމުގައި "ކުލަބު ހަމައެކަނި ފުރަތަމަ ޑިވިޝަންގައި އޮތުމުން ފުދެއެވެ." އެކަން އެނގެނީ ވޭތުވެދިޔަ ހަތް އަހަރުގެ ތެރެއިން 2013 ވަނަ އަހަރު ފިޔަވައި ކުލަބުގެ ސްކޮޑް ހަރުދަނާ ކުރުމަށްވެސް ފިޔަވަޅުތަކެއް އަޅައިފައި ނެތުމުންނެވެ. އެ އަހަރުވެސް މަޝްހޫރު ކުޅުންތެރިން ގޮވައިގެން ނިކުމެ ވެލެންސިއާ ކުރެވުނު ކަމެއް ނެތެވެ. މެނޭޖްމެންޓުން އަޅަންޖެހޭ ފިޔަވަޅުތައް ނޭޅި ޓީމަށް ގެނައި މަޝްހޫރު ކުޅުންތެރިން ވެސް ޓީމުގައި ނުހިފެހެއްޓުނެވެ.
މިދިޔަ އަހަރު ފަހު ކޮޅާ ހަމަޔަށް ކުލަބުގެ އޮތް އެކްސްކޯ އާއި ކޯޗިން ސްޓާފުންނާ މައްސަލަ ޖެހުނެވެ. "ދެ ވަނަ ޑިވިޝަނަށް ރެލިގޭޓްވީމަ ކަންނޭންގެ ވެލެންސިއާ ވެލެންސިއާ ގޮތުގައި ނުކުންނާނީ އަހަންނަށް ހީވަނީ ރެލިގޭޓް ވީމަ ވެލެންސިއާ ވެލެންސިއާއަކަށް ވެދާނެހެން،" ވެލެންސިއާގެ މެނޭޖްމެންޓާ މެދު ހިތްހަމަނުޖެހިގެން ވެލެންސިއާގެ މިހާރުގެ ކޯޗް މުހައްމަދު އިގްބާލް މިދިޔަ އަހަރު ބުންޏެވެ.
"އެ ހަލަތުގައި އޮތިއްޔާ އަށް އަހަރު ކީއްކުރަން 10 އަހަރު 15 އަހަރުވެސް އޮންނާނީ އެގޮތަށް އެ ހާލަތު ބަދަލު ކުރަންތާ މިހަރުގެ މެނޭޖްމެންޓް އައީ،" ވެލެންސިއާއަށް އައި މައިގަނޑު ބަދަލަ ބެހޭގޮތުން އެޓީމުގެ ކޯޗް އިސްމާއީލް އާސިފް (ކުޑަހީނާ) ބުންޏެވެ.
"ކުލަބު އަދި ކޮންމެ ގޮތަކަށް ދިޔަނަމަވެސް ރަނގަޅުގޮތުގައި ދިޔަކަން އެންމެންނަށް އެނގޭތާ ބަދަލުވިތާ ހައެއްކަ މަސް ނުވަތަ އަށެއްކަ މަސް މިވީ ބޮޑުމުބާރާތެއްގެ ފައިނަލަށް ދަތުރުކުރީ."
މެނޭޖްމެންޓް ބަދަލުވެގެން މައްސަލަތައް ހައްލެއް ނުވޭ
އާ މެނޭޖްމެންޓާއެކު ގެނައި ބަދަލުތަކުގެ ސަބަބުން މިދިޔަ ހަތް އަހަރަށް ވުރެ ވެލެންސިއާ ފެންނަނީ ވަރުގަދަ ކޮށެވެ. ފުރަތަމަ ޑިވިޝަންގެ ތަޖުރިބާ ހުރި ކުޅުންތެރިންވެސް ގިނައެވެ. ނަމަވެސް "އަދިވެސް ޓީމުގައި ބޮޑެތި މައްސަލަ" އެބަހުރި ކުޑަ ހީނާ ބުންނެވެ.
އިތުރު ތަފްސީލަކަށް ނުގޮސް ކުޑާހީނާ ބުނީ "މެނޭޖްމެންޓުން އިތުރަށް ފަރުވާތެރިވާން ޖެހޭ ކަންކަން އެބަހުރި" ކަމަށާއި "މިތިބަ ކުޅުންތެރިން ބައިތިއްބަން ބޭނުންނަމަ ޓީމަށް އާންމުދަނީ ލިބޭނެ ގޮތްތަކެއް ހޯދަން ޖެހޭ" ކަމަށެވެ.
ލީގްގައި ފަހުކޮޅަށް އެޅުނު އިރު ވެލެންސިއާއަށް ދިމާވީ ފުލުފުލުގައި މެޗުތަކުން ބަލިވުމެވެ. ވިކްޓްރީ އަތުން އެއްވަރުވުން ފިޔަވައި ފަހު ބުރުގައި ހުރިހާ މެޗްތަކުން ބަލިވެގެން ދިޔައީއެވެ. އެކަމުގެ ސަބަބުން ލީގްގެ ގަދަ ހަތަރެއް ފުރުސަތު ގެއްލުނެވެ.
"މެނޭޖްމެންޓްުން ފިޔަވަޅުތަކެއް އެޅުނު ނަމަ އޭގެ ތެރެއިން އެއް މެޗް ސަލަމަތްކޮށްގެން ނަމަވެސް ގަދަ ހަތެރެއްގައި ދެމިއޮވެވުނިސް،" ވެލެންސިއާ ބޯޑުގައި ކުރިން ހަރަކާްތެރިވި ބޭފުޅަކު ވިދާޅުވިއެވެ.
ކުޅުންތެރިންނާއި ކޯޗުންގެ ގުޅުން ރަނގަޅު
މެނޭޖުމެންޓުން ކުޅުންތެރިންނަށް ފުރިހަމަކޮށްދޭންޖެހޭ ކަންކަން ހުރިއިރުވެސް އެކަމެއް އޮތީ ވެލެންސިއާގެ މެނޭޖެމްމެންޓާ މެދުގައެވެ. އެންމެ ދަތިކޮށް ދިޔަ ވަގުތުގައިވެސް ކުޅުންތެރިންނާއި ކޯޗުންގެ ގުޅުން ރަނގަޅުކަން ވެލެންސިއާގެ އޮފިޝަލަކު ފަހަގަ ކުރިއެވެ.
ކުޑަހީނާގެ އިތުރުން އޭނާގެ އެހީތެރިންގެ ގޮތުގައި ތިބި އިގްބާލް އާއި އިލްމާއު ހުސައިން (މައު) ގެ ހިއްސާ މިކަމުގައި ބޮޑެވެ. މުސާރައިގެ ކަންކަމުގައި ބިދޭސީ ކުޅުންތެރިންގެ ކަންބޮޑުވުން ހުރުމައެކުވެސް އެ ކުޅުންތެރިންނާ ވަހަކަ ދައްކައިގެން ޕްރެކްޓިހަށް ނެރުނީ ކުޑަހީނާ އާއި އިގްބާލްގެ އިތުރުން މައުގެ ސީދާ އިސްނެގުމުގެ މަތިންނެވެ.
"މުސާރައިގެ މައްސަލަތައް ހުރުމުން ކުޅުންތެރިންނަށް ކަންކަމަކަށް ބާރު ނާޅަން މެޗް ކުޅެން ހުރިއްޔާ ފުރުސަތުވެސް ދެނީ" ހީނާ ބުންޏެވެ.
"އެހުރީހާ ދަތިތައް ހުރުމާއެކުވެސް އޭރުވެސް އެނގޭ ކުޅުންތެރިން ރުޖޫއަވެ ކުޅުންތެރިން މިކަމަށް ފޯކަސް ކުރަނެ ވަގުތެއް އަންނާނެކަން އެވަގުތު ވާނީ އެފްއޭކަޕްގެ ވަގުތައްކަން ކުޅުންތެރިންގެ ބުރަ މަސައްކަތާއެކު މިއޮތީ ފައިނަަލުގައި އެހެންވީމަ އެނގޭ ސްކޮޑްގައި ތައްޓަށް ވާދަކުރެވޭ ފެންވަރު ހުރިކަން ބޭނުންވަނީ އެކުޅުންތެރިން މޯޓިވޭޓް ކުރެވޭނެ ގޮތްތަކެއް ހަމަޖެއްސުން."
ސީނިއާ ކުޅުންތެރިންގެ ދައުރު ބޮޑު
ވެލެންސިއާގެ ސްކޮޑްގައި އޮތް އެންމެ ބޮޑުން އެސަޓަކީ އެޓީމުގައި ތިބި ސީނިއާ ކުޅުންތެރިންނެވެ. ގައުމީ ޓީމުގެ ޑިފެންޑަރު ޝާފިއު އަހްމަދާއި މުހައްމަދު އާރިފް (ބަކާ) އާއި މުހައްމަދު ޝިފާން (ކުޑައްޓޭ) އާއި އަކުރަމް އަބްދުލް ގަނީ އިތުރުން ގޯލް ކީަޕރު މުހައްމަދު ފައިސަލްއަކީ ވެލެންސިއާގެ ސްކޮޑްގައި ތިބި އެންމެ ތަޖުރިބާ ކާރު ކުޅުންތެރިޔާއެވެ.
އެކުޅުންތެރިން ވަނީ އެންމެ އުނދަގޫ ދުވަސްތަކުގައިވެސް ޓީމުގެ ޕްރެކްޓިހަށް ނިކުމެފައެވެ. ބައެއް ކުޅުންތެރިން ޕްރެކްޓިހާ ދުރުގައި ތިބިނަމަވެސް އަމިއްލަ އަށް އިސްނަގައިގެން އެނބުރި އައިސް އެފްއޭ ކަޕްގެ ފައިނަލަށް ގެންގޮސްދިނުމުގައި މުހިންމު ދައުރެއް އަދާ ކުރިއެވެ.
"ސީނިއާ ކުޅުންތެރިން ޓީމު ފައިނަލަށް ގެންގޮސް ދިނުމުގައި މުހިންމު ދައުރެއް އަދާ ކުރި އެންމެ އުނދަގޫ ވަގުތުގައިވެސް އެކުޅުންތެރިން ވަނީ މެޗަށް ނިކުމެ ކުޅެފަ، ފަހަތުން އަރައި މޮޅުވުމުގައި އެކުޅުންތެރިންގެ ސްޓްރެންތު މުހިންމު ދައުރެއް އަދާކުރި" ހީނާ ބުންނެވެ.
ސީނިއާ ކުޅުންތެރިންވީމަ އެކުޅުންތެރިން މެޗަށް ފޯކަސް ކުރާލެ ބޮޑުވާނެ އެކުޅުންތެރިން ގޮވައިގެންވެސް މެނޭޖްކުރަން ފަސޭހަ."