އެމެރިކާގެ ރިއާސީ އިންތިހާބު ކާމިޔާބުކުރައްވާނެ ކަމަށް ގިނަ ބަޔަކު ލަފާކުރި، ޑިމޮކްރެޓިކް ޕާޓީގެ މަގްބޫލު ކެންޑިޑޭޓް، ހިލަރީ ކްލިންޓަން ބަލިކޮށް ރިޕަބްލިކަން ޕާޓީގެ ކެންޑިޑޭޓް ޑޮނަލްޑް ޓްރަމްޕް މިއަދު ރައީސް ކަމަށް އިންތިހާބުވެ ވަޑައިގެންފި އެވެ.
ބޮޑެތި ގިނަ ސްޓޭޓްތަކުގައި ހިލަރީ ބަލިކޮށް ޓްރަމްޕް އިންތިހާބު ކާމިޔާބުކުރެއްވީ އިލެކްޓޯރަލް ވޯޓުގައި ހޯއްދަވަން ޖެހިވަޑައިގަންނަވާ 270 ވޯޓަށް ވުރެ މަތިން އެ އަދަދު ކާމިޔާބުކުރައްވައި ޕޮޕިއުލާ ވޯޓުގައި ވެސް މި ވަގުތަށް ހިލަރީ އަށް ވުރެ ގިނަ ވޯޓު ކާމިޔާބުކުރައްވައިގެންނެވެ. އިލެކްޓޯރަލް ވޯޓުގައި ޓްރަމްޕަށް ވަނީ މިހާތަނަށް 288 ވޯޓް ލިބިވަޑައިގެންފަ އެވެ.
ހިލަރީ އަށް ހަމަކުރެއްވުނީ 215 ވޯޓެވެ. ރިއާސީ ރޭހުގައި ނާކާމިޔާބުވެ ވަޑައިގަތުމުން ހިލަރީ ވަނީ އެންމެފަހުވަގުތު ޓްރަމްޕަށް ފޯނުކުރައްވައި ބަލި ގަބޫލުކުރައްވައި މަރުހަބާ ވެސް ވިދާޅުވެފަ އެވެ.
އެމެރިކާގެ ރައީސްކަމުގެ ހުވާ ޓްރަމްޕް ކުރައްވާނީ އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 20 ވަނަ ދުވަހު އެވެ. ޓްރަމްޕްގެ ވެރިކަމުގެ ދައުރު ފެށޭނީ އެއަށް ފަހު އެވެ.
ޓްރަމްޕާ އެކު ރިޕަބްލިކަން ޕާޓީ އިން ރިއާސީ އިންތިހާބު ކާމިޔާބުކޮށްފައިވާއިރު އެމީހުން ވަނީ ޑިމޮކްރޭޓުން ބަލިކޮށް، ގާނޫނު ހަދާ މަޖިލީހުގެ ދެ ގެ ކަމުގައިވާ، ސެނެޓާއި ކޮންގްރެސް ވެސް ކާމިޔާބުކޮށްފަ އެވެ.
އެމެރިކާގެ އިންތިހާބުގައި ރައީސް ހޮވަނީ ކިހިނެތް؟
އެމެރިކާގެ ރިއާސީ އިންތިހާބު ގަވާއިދުކޮށްފައި އޮންނަ ގޮތުން ރައީސަކު ހޮވުމުގެ ސީދާ އިހްތިޔާރެއް ރައްޔިތުންނަކަށް ނޯވެ އެވެ.
އޭގެ ބަދަލުގައި ރައީސް އާއި ނައިބު ރައީސް ހޮވަނީ ސްޓޭޓްތަކުގައި ރައްޔިތުން ތަމްސީލުކުރާ "އިލެކްޓަރުން" ނެވެ. އެކި ސްޓޭޓްތަކުގައި "އިލެކްޓަރުން" ތިއްބަވަނީ އެކި އަދަދުތަކަށެވެ.
"އިލެކްޓަރުން" ގެ ރަސްމީ އަދަދު 538 އަށް އެރި ނަމަވެސް މީގެ ތެރެއިން 270 ވޯޓު ކާމިޔާބުކުރާ ފަރާތަކަށް ރައީސްކަން ލިބިވަޑައިގަންނަވާނެ އެވެ. އެހެންކަމުން ރިއާސީ އިންތިހާބުގައި ގިނައިން އާންމުންގެ ވޯޓު ލިބިވަޑައިގަންނަވާ ކެންޑިޑޭޓަށް ރައީސްކަން ލިބިވަޑައިނުގަތުމުގެ ފުރުސަތު ވެސް އޮވެ އެވެ.
އިލެކްޓޯރަލް ވޯޓުގައި އަދި އާންމުންގެ ވޯޓުގައި ވެސް ހިލަރީގެ މައްޗަށް ޓްރަމްޕް ކުރި ހޯއްދަވާފައިވާއިރު އިލެކްޓޯރަލް ވޯޓް ގިނަ ސްޓޭޓްތަކުގެ ތެރެއިން ހިލަރީ އަށް ލިބިވަޑައިގަތީ ނިއު ޔޯކް އާއި ކެލިފޯނިއާ އެވެ. އެހެން ބޮޑެތި ސްޓޭޓްތަކަށް ބަލާއިތު ޓެކްސަސް، ޕެންސިލްވޭނިއާ އަދި ފްލޯރީޑާ ފަދަ އިލެކްޓޯރަލް ވޯޓްތައް ގިނަ ސްޓޭޓްތައް ގެންދިޔައީ ޓްރަމްޕެވެ.
މި ކާމިޔާބީއާ އެކު ޓްރަމްޕް ތާރީޚުގެ ތެރެއަށް
މިއީ އެމެރިކާގެ ތާރީޚުގައި ވެސް އެގައުމުގެ ރައީސް ކަމަށް، ސިޔާސީ ދާއިރާގެ ތަޖުރިބާ މަދު ނުވަތަ ސަރުކާރުގެ މަގާމެއް ނުވަތަ އޮފީހެއްގެ ތަޖުރިބާ ނެތް ބޭފުޅަކު އިންތިހާބުކުރެވުނު ފުރަތަމަ ފަހަރެވެ.
މީގެ އިތުރުން ޓްރަމްޕަކީ ކުރީގެ ރައީސް ރޮނަލްޑް ރޭގަން އަށް ފަހު ވައިޓް ހައުސްގެ ބާރުތަކާ ހަވާލުވެ ވަޑައިގަންނަވާ އެމެރިކާގެ އެންމެ މުސްކުޅި ރައީސެވެ. ޓްރަމްޕަށް މިހާރު 70 އަހަރުފުޅެވެ.
އެމެރިކާގެ ސިޔާސީ ދާއިރާ އަށް ވަދެވަޑައިގެން ޓްރަމްޕް ހޯއްދެވި މި ތާރީޚީ ކާމިޔާބީގެ ކުރިން އެ ބޭފުޅާ އަކީ ބޮޑަށް ޝޯބިޒްނަސް އާއި އެހެނިހެން ވިޔަފާރީގެ ތެރެއިން މަޝްހޫރުވެ ވަޑައިގެންނެވި މަހުޖަނެކެވެ. ފޯބްސް މަޖައްލާގެ ހިސާބުތަކަށް ބަލާއިރު ޓްރަމްޕަކީ އެމެރިކާގައި 156 ވަނަ އަށް އެންމެ މުއްސަނދި ބޭފުޅާ އެވެ.
ޓްރަމްޕްގެ މި އާދަޔާހިލާފު ކާމިޔާބީގެ ވާހަކަ ދައްކާއިރު އެ ބޭފުޅާ މި އިންތިޚާބު ކާމިޔާބުކުރެއްވީ ނިކަން ބޮޑު ގޮންޖެހުންތަކަކާ އެކުގައި ވެސް ފާހަގަކޮށްލަން ޖެހެ އެވެ. އެގޮތުން އަހުލާގީ ތަފާތު އެކި މައްސަލަތަކެއް ފެންމަތިވެ ވަޑައިގެން ހޫނުފެނަށް ވެއްޓިވަޑައިގެންނެވިއިރު އަމިއްލަ ޕާޓީގެ ވަރަށް ގިނަ އިސް މެމްބަރުންނާއި ލީޑަރުން ވެސް ޓްރަމްޕަށް ތާއީދެއް ނުކުރައްވަ އެވެ.
ޓްރަމްޕަށް ފާޑުކީ އެންމެން ވެސް ބުނަމުން ދިޔައީ ޓްރަމްޕް އަކީ ރައީސްކަން ކުރެއްވުމަށް އަދި ވަކިން ހާއްސަކޮށް އެމެރިކާގެ ރައީސް ކަމަށް ކުފޫހަމަވާ ބޭފުޅެއް ނޫން ކަމަށެވެ.