ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ 24.3 ބިލިއަން ރުފިޔާގެ ބަޖެޓް އިސްލާހުތަކަކާ އެކު މަޖިލީހުން މިއަދު ފާސްކޮށްފި އެވެ. އިދިކޮޅު މެންބަރުން ބަޖެޓަށް 20 އިސްލާހެއް ހުށަހެޅި ނަމަވެސް އެ އިސްލާހުތައް ފާސްވާ ވަރަށް ސަރުކާރުގެ މެޖޯރިޓީ އޮތް މަޖިލީހުން ފާހެއް ނުވި އެވެ.
ބަޖެޓް ފާސްކުރުމަށް ވޯޓް ދީފައި ވަނީ 60 މެންބަރެކެވެ. އަދި ނުފެންނަ ކަމަށް 19 މެންބަރަކު ވޯޓު ދެއްވި އެވެ. އެމްޑީޕީގެ މެންބަރުންގެ ތެރެއިން މަޖިލީހުގެ ނައިބު ރައީސް ހުޅުހެންވޭރު ދާއިރާގެ މެންބަރު ރީކޯ މޫސާ މަނިކު ވަނީ ބަޖެޓަށް ވޯޓު ދެއްވައިފަ އެވެ. ނަމަވެސް އެމްޑީޕީން ތްރީލައިން ވިޕް ނެރެފައި ވަނީ ބަޖެޓަށް ވޯޓް ނުދިނުމަށެވެ.
މިފަހަރު މި ފާސްކުރި ބަޖެޓަކީ ރެކޯޑް އަދަދަކަށް ބޮޑު ބަޖެޓެކެވެ. ތިރީގައި މި ވަނީ އެ ބަޖެޓްގައި ހުރި މުހިންމު ބައިތަކެވެ.
1. ހިންގުމުގެ ހަރަދަށް – 14.8 ބިލިއަން ރުފިޔާ [64.7 ޕަސެންޓް]
2. ކެޕިޓަލް ހަރަދު – 8.5 ބިލިއަން ރުފިޔާ [35.3 ޕަސެންޓް]: ކެޕިޓަލް ހަރަދުގެ 73.4 ޕަސެންޓް، 6.3 ބިލިއަން ރުފިޔާ ކަނޑައަޅާފައި ވަނީ އުމްރާނީ ތަރައްގީގެ މަޝްރޫއުތަކަށް.
ތިމާވެށި ރައްކާތެރި ކުރުމުގެ މަޝްރޫއުތައް [412.6 މިލިއަން ރުފިޔާ، މަޝްރޫއުތަކުގެ 65 ޕަސެންޓް]
-- ފެނާއި ނަރުދަމާ އެޅުމުގެ ބޮޑު ދެ މަޝްރޫއެއް، ފެނާއި ނަރުދަމާ އެޅުމުގެ 33 މަޝްރޫއެއް ހިންގުން
-- ތައުލީމާއި ސިއްހަތު އަދި ކުޅިވަރަށް: 639.3 މިލިއަން ރުފިޔާ – ޕީއެސްއައިޕީގެ 10.1 ޕަސެންްޓް
-- ހިތަދޫގައި ޓްރޯމާ އަދި އިމަޖެންސީ ފަރުވާއަށް ހާއްސަ ހޮސްޕިޓަލެއްގެ މަސައްކަތް ފެށުން.
-- ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް ޓާޝަރީ ފެންވަރަށް ތަރައްގީ ކުރުން
-- ހޮސްޕިޓަލްތަކާއި ހެލްތް ސެންޓަރުތައް ތަރައްގީ ކުރުން
-- ސްޕޯޓް އެރީނާތަކާއި ފުޓްސެލް ދަނޑުތައް އަދި ޒުވާނުންގެ މަރުކަޒުތައް ހެދުން
-- 1985 ހައުސިން ޔުނިޓް ނިންމުން
-- އުތުރުގައި އިމާރާތް ކުރާ 600 ހައުސިން ޔުނިޓް ނިންމުން
-- ކޮޅުފުށީގައި ފަށާފައިވާ ހައުސިން މަޝްރޫއު ނިންމުން
-- އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމަށް ހަ ބިލިއަން
-- ހުޅުލެ-ހުޅުމާލެ ބްރިޖް ތިން ބިލިއަން ރުފިޔާ
-- ޓެކުހުން 12.1 ބިލިއަން ރުފިޔާ [މުޅިން އަލަށް ނަގާ ޓެކުހުން 3.4 ބިލިއަން ރުފިޔާ]
-- ޓޫރިސްޓުން ރާއްޖޭގައި ހޭދަކުރާ ކޮންމެ ދުވަހަކުން ހަ ޑޮލަރު = 341 މިލިއަން ރުފިޔާ
-- އެސްއީޒެޑްގެ އެކުއިޒިޝަން ކޮސްޓް = 1.5 ބިލިއަން ރުފިޔާ
-- ބިންވެރިކޮށްގެން = 400 މިލިއަން ރުފިޔާ
-- އިތުރު 10 ރަށެއް ރިސޯޓް ހަދަން = 540 މިލިއަން ރުފިޔާ
*ޓެކްސް ނޫން ގޮތްގޮތުން ލިބޭ އާމްދަނީ 2.5 ބިލިއަން ރުފިޔާ
މިއަހަރު ނިމޭއިރު ޖުމްލަ ދަރަނި ހުންނާނީ 31.1 ބިލިއަން ރުފިޔާގަ އެވެ. އެއީ ގައުމުގެ އުފެއްދުންތެރިކަން ނޫނީ ޖީޑީޕީގެ 66.7 ޕަސެންޓެވެ. އަންނަ އަހަރު ނިމޭއިރު ގައުމުގެ ޖުމްލަ ދަރަނި 32.10 ބިލިއަން ރުފިޔާއަށް އަރާނެ އެވެ. އެއީ ގައުމުގެ އުފެއްދުންތެރިކަން ނޫނީ ޖީޑީޕީގެ 63.2 ޕަސެންޓެވެ. އަންނަ އަހަރު ވެސް ދަރަނި އަދާކުރުމަށް 2.8 ބިލިއަން ރުފިޔާ ހަރަދު ކުރާނެ އެވެ.