ވިކްޓްރީ ސްޕޯޓްސް ކުލަބުގެ ޗެއާޕާސަން ކަމަށް ހޯރަފުށީ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއީލް ހޮވަން ބޭއްވި އިންތިހާބު ހޯމް މިނިސްޓްރީން ބާތިލުކޮށްފި އެވެ.
ހޯމް މިނިސްޓްރީން މިއަދު ވިކްޓްރީ އަށް ފޮނުއްވި ސޓީގައި ބުނެފައިވަނީ ރައީސް ނެތް ހާލަތުގައި ކުލަބު ހިންގުމުގެ ހުރިހާ ކަމެއް ކުރަން ޖެހޭނީ ނައިބު ރައީސުންގެ ބެލުމުގެ ދަށުން ކަމަށް ވިކްޓްރީގެ އަސާސީ ގަވައިދުގައިވާ ކަމަށެވެ.
އަދި މިދިޔަ މަހުގެ 17 ވަނަ ދުވަހު ބޭއްވި އިންތިހާބު ބާއްވާފައިވަނީ ވިކްޓްރީގެ ދެ ނައިބު ރައީސުން ނަށްވެސް ނޭންގި އެއްވެސް އިއުލާނެއް ކުރުމެއް ނެތިކަމަށް ވިކްޓްރީގެ ދެ ނައިބު ރައީސުން ކަމުގައިވާ ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަބްދުލް މުހްސިން (ޖޭފޯ) އާއި އަބްދުﷲ މައުމޫން ހޯމް މިނިސްޓްރީ އަށް އަންގާފައިވާ ކަމަށް ހޯމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަދި ޖަމްއިއްޔާތަކުގެ ރަޖިސްޓާ ޔޫސުފް އަބްދުލް ގަފޫރު (ޔޫސޭ) ސޮއި ކުރައްވައި ފޮނުވާވާ ސިޓީގައި ބުނެފައިވެއެވެ.
"އެހެން ކަމުން ތިޔަ ކުލަބުގެ ހިންގާ ކޮމިޓީގެ ހުސްވެފައިވާ މަގާމުތަކަށް މަގާމުތަކަށް (މީހުން) އިންތިހާބު ކުރުމަށް ބޭއްވުނު ބައްދަލުވުން ބާއްވާފައިވަނީ ތިޔަ ކުލަބުގެ ހިންގާ ގަވައިދާ ހިލާފަށް ކަމަށްވާތީ 17 އޮކްޓޯބަރު 2016 ގައި ބޭއްވުނު ބައްދަލުވުމަކީ ބާތިލު ބައްދަލު ވުމެއް" ކަމަށް ހޯމް މިނިސްޓްރީގެ ނައިބުރައީސް އަބްދުﷲ މައުމޫނަށް އެޑްރެސްކޮށް ފޮނުވާފައިވާ ސިޓީގައި ބުނެފައިވެއެވެ.
ވިކްޓްރީގެ ޗެއާޕާސަން ކަމުގެ މަގާމު ހުސްވެފައިވަނީ ވަގުތު ދެވެން ނެތް ކަމަށް ވިދާޅުވެ ޗެއާޕާސަން ކަމުގެ މަގާމުގައި ހުންނެވި ދާންދޫ ދާއިރާގެ މެންބަރު އަހްމަދު އަސްއަދު މިއަހަރު ޖުލައި މަހު އިސްތިއުފާ ދެއްވުމުންނެވެ.
އޭގެ ފަހުން ޗެއާޕާސަން ކަމަށާއި ބޯޑުގެ ހުސްވެފައިވާ ދެ މަގާމަށް މީހުން އައްޔަން ކުރުމަށް މިދިޔަ މަހު 17 ވަނަ ދުވަހު ވަނީ އިންތިހާބެއް ބާއްވާފައެވެ.
އެދުވަހު ބޭއްވުނު އިންތިހާބުގައި ޗެއާޕާސަން ކަމަށް މުހައްމަދު އިސްމާއީލް އިންތިހާބު ކުރުމުގެ އިތުރަށް ބޯޑުގެ ހުސްވެފައިވާ މެންބަރު ކަމުގެ މަގާމަށް އިންތިހާބު ކޮށްފައިވަނީ އެފްއޭއެމްގެ އަންހެން ފުޓްބޯޅަ ޑިޕާޓްމެންޓްގެ އިސްމާގާމެއް ކުރިން ފުރުއްވި މަރިޔަމް މުހައްމަދު (މާޔަން) އާއި ކުރީގެ ކުޅުންތެރިޔާ އަހްމަދު އަރީޝްއެވެ.