"އަހަރެން މިއީ ކުރިން އެއްގޮތަކަށް ވެސް ސްމޯކްކުރި މީހެއް ނޫން. އަހަންނަށް ހީވަނީ އަހަރެން މިކަންތައް ފެށީ މިއީ ކިހިނެތްވާ ކަމެއްތޯ ބަލާލަން ހެން. ވެދާނެ އެކުގައި އުޅޭ އެންމެން ސިނގިރޭޓް ބޯން ތިބޭއިރު ބާކީވެފައި ނުހުންނަން ވެގެން ކަމަށް ވެސް،" މިއީ ކުރިން ސިނގިރޭޓް ނުބުޔަސް މިހާރު ސިނގިރޭޓަށް ދެވި ހިފާފައިވާ 23 އަހަރުގެ އަންހެން ކުއްޖަކު އޭނާގެ ވާހަކަ ކިޔައި ދިން ގޮތެވެ.
ހިތާމަ އަކީ މިއީ އެވެ. ޒުވާން އަންހެން ކުދިންގެ ބޮޑު ބައެއް މިއަދު މި ވަނީ ދުންފަތުގެ ވަބާގައި ޖެހިފަ އެވެ. މި ވާހަކަ އަށް ދައްކާގެ ރަސްމީ ރިކޯޑްތަކެއް ނެތަސް މިއީ އެންމެނަށް ވެސް އެނގެން އޮތް ހަގީގަތެކެވެ.
ކެފޭ ރެސްޓޯރެންޓަކަށް ނުވަތަ ގާޑިއާއަކަށް ގާތްކޮށްލިޔަސް ފެންނަ މަންޒަރަކީ ސިނގިރޭޓެއް ތުނބުގައި ޖަހައިގެން ހުންނަ ޒުވާން އަންހެނެކެވެ.
ދެން ބުނާނެތެވެ. ހަމައެކަނި އަންހެނުންގެ ވާހަކަ ދައްކަނީ ކީއްކުރަން ހެއްޔެވެ؟ މުޅި ގައުމު މި އޮތީ ދުންފަތާއި މަސްތުގެ ވަބާގައި ޖެހިފައެއް ނޫން ހެއްޔެވެ؟
އެކަމަކު މިއަދު މިއީ ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރާ އަންހެނުންގެ ދުވަހެވެ. ގައުމާ ހަވާލުވާން ތިބި އަންހެނުންގެ ވާހަކަ އާއި އެމީހުންގެ ލައިފްސްޓައިލާ ބެހޭ ގޮތުން މިއަދު ވާހަކަ ދެއްކިއްޔާ ކިހިނެތް ވާނެ ހެއްޔެވެ؟ މިއަދުގެ ޒުވާން އަންހެން ކުދިންނާ އެކު ގައުމަށް ފާވެފައިވާ ބަލާވެރިކަމުގެ ވާހަކަ ދައްކަން މިއަށް ވުރެ މުނާސަބު ދުވަހެއް ވެސް ދެން ނުލިބޭނެ އެވެ.
ސަބަބަކީ އަންހެނެއްގެ ގޯސް ވާހަކައެއް ފަށާ އިރަށް އަންހެނުންގެ ހައްގޭ ކިޔުނު ޓޭޕު އަނގަމަތީގައި އަޅައި މީހާ ރަހީނުކޮށްލާތީ އެވެ.
އެކަމަކު އެނގޭ ހެއްޔެވެ؟ ތަރައްގީވަމުން އަންނަ މިފަދަ ކުދި ގައުމުތަކުގެ އަންހެން ޖީލު ހަލާކުކޮށްލި ކެމްޕޭނަކީ ވެސް އަންހެނުންގެ ހައްގެވެ. ދުންފަތާ ގާތް ބަޔަކަށް އަންހެނުން ބަދަލުވީ ވެސް މި ކެމްޕޭނުގެ ތެރެއިންނެވެ.
ޖިންސުގެ ހަމަހަމަކަމަށް ގޮވާލާ ކެމްޕޭނުގެ ފޯރި ނަވާރަސަތޭކައިގެ މެދު ތެރޭގައި އެމެރިކާ އާއި ޔޫރަޕްގައި ބައްދާލިއިރު ދުންފަތުގެ ވިޔަފާރިކުރާ ކުންފުނިތައް ތިބީ އެމީހުންގެ ވިޔަފާރީގައި އަންހެނުން ޖައްސާނެ މޮޅު ގޮތެއް ނޭނގިފަ އެވެ. އެ ހިސާބުން އެމީހުން ސިނގިރޭޓް ޕްރޮމޯޓްކުރަން ފެށީ އެއީ ޖިންސުގެ ހަމަހަމަކަމަށް ގޮވާލާ އެއްޗެއްގެ ގޮތުގަ އެވެ.
މި ކެމްޕޭނުގައި، ސިނގިރޭޓް ބުއިން، ރީތި ކަމަކަށް ހަދައި ސިނގިރޭޓް ބޯ އަންހެނާ މިނިވަން އަންހެނެއްގެ ގޮތުގައި ވެސް ވިއްކީ އެވެ. މި ކެމްޕޭން ނިކަން ގަދަ އަށް ވައިގައި ހިފި އެވެ.
މި ކެމްޕޭނުގެ ފޯރިއެއް އެމެރިކާ އާއި ޔޫރަޕްގައި މިހާރު ނެތަސް، އެމެރިކާ އާއި ޔޫރަޕް މީހުން ކަމަށް "ހެދިގެން އުޅޭ" ބައެއް ދިވެހިން އަދިވެސް މި ވާހަކަ އަށް ހެއްލެވެ. އޭގެ ނަތީޖާ މި ފެންނަނީ ދުންގަނޑެއްގެ ތެރެއިންނެވެ.
އަންހެން ކުދިން ސިނގިރޭޓް ބޯ މައިގަނޑު ސަބަބަކީ "ކޫލް" ވެލުމެވެ. ނުވަތަ މިނިވަން އަންހެނާގެ ހުވަފެނެވެ. މިއީ ދުނިޔޭގެ މަޝްހޫރު ސިނގިރޭޓް ކުންފުނިތަކުން އެމީހުންގެ އަވާގައި އަންހެނުން ޖެއްސުމަށް ގެންގުޅެފައިވާ އުކުޅުތަކަށް ބަލާއިރު މި ވާހަކަ ކިޔައިދެވެން އޮތް ގޮތެވެ.
"އާނ. ސިނގިރޭޓް ބުއިމަކީ ކޫލް ކަމެއް. އަހަރެން ސިނގިރޭޓް ނުބޯތީ އެކުގައި އުޅޭ އެކުވެރިން އަހަރެންނާ ދިމާލަށް ބުނަން ފެށީ ހާދަ ގަޓް ނެތް ގޮލައެކޭ ތިޔައީ،" އެކުގައި އުޅޭ އަންހެން އެކުވެރިންގެ ތެރެއިން ސިނގިރޭޓް ބޯ ރައްޓެހިންގެ ބަހުރުވައިން ވާހަކަ ކިޔައިދެމުން ޒުވާން އެހެން އަންހެން ކުއްޖަކު ބުނީ މިހެންނެވެ.
އޭނާ ވެސް މިހާރު ސިނގިރޭޓް ބޮއެ އެވެ. އެކަމަކު މަދުންނެވެ. އާންމުކޮށް ސިނގިރޭޓް ބޮނީ ކޮފީއެއް ބޯލުމަށް އެކުވެރިޔަކާ އެކު ހޭދަކޮށްލާ ވަގުތުގަ އެވެ.
"އެކަމަކު އަހަރެން ސިނގިރޭޓް ބޮނީ ކޮންހެން މާ ކަމުދާ އެއްޗަކަށް ވާތީކީއެއް ނޫން. އަހަރެން ފެށީ ތަޖުރިބާކޮށްލަން ވެގެން،" މި އަންހެން ކުއްޖާ ކިޔައިދިނެވެ.
ދެން މި އަންނަނީ މިއަދުގެ ޒުވާން އަންހެން ކުދިންގެ އަނެއް ވާހަކަ އެވެ.
"ދެން ސިނގިރޭޓް ބޮމުން ގޮސް ފެށުނީ ތެލާއި ވީޑް ވެސް ސްމޯކްކުރަން."
މާލޭގައި އުޅޭ ނަމަ، މަސްތުވާތަކެތީގެ އާންމު ދެ ވައްތަރެއް ކަމުގައިވާ ހޭޝް އާއި މެރުވާނާ އަތުޖެއްސުމަކީ އެއްވެސް ކަމެއް ނޫނެވެ. އަތުން ދާނީ 100ރ. އެވެ. މި އަގަށް "ޕީސްއެއް" ލިބޭނެ އެވެ.
"ދެން މިގޮތަށް ގޮސް އަހަރެން ފެށީ ތެޔޮ ބިޑި ބޯން. ދެން ސިނގިރޭޓަށް ވުރެ ވެސް މާ ސަޅި އެއްޗަކަށް ވެއްޖެ މީތި،" އަންހެން ކުއްޖާގެ ވާހަކަ ދިޔައީ ކުރިއަށެވެ.
އެންމެފަހުން ރާ ވެސް ބޯން ފެށުނީ އެވެ. އެކަމަކު، ކޫލުވެގެން ގޮސް އަނެއް އަތަށް އަޅައިލި މި އަންހެން ކުއްޖާ ހުރީ މިއަދު އިންތިހާ އަށް ދެރަވެފަ އެވެ.
"މިއީ އަހަރެން އެއްވެސް އިރަކު ބޭނުންވި ދިރިއުޅުމެއް ނޫން. ދުންފަތާއި ތެލާއި ރަލަކީ މީހާ ހަލާކުކޮށްލާ އެއްޗެއް. އަހަރެން މިހާރު މަސައްކަތް މި ކުރަނީ މި ހުރިހާ ކަމެއް ހުއްޓާލަން،" އަންހެން ކުއްޖާ ބުންޏެވެ.
މިއީ މިއަދުގެ މުޖުތަމައުގެ ވަރަށް ގިނަ އަންހެން ކުދިންގެ ވާހަކަ އެވެ. ސިނގިރޭޓާއި މަސްތުވާ ލުއި އެއްޗެހީގައި ޖެހިފައިވާ އަންހެން ކުދިންގެ މައްސަލަ ވެސް ކަންބޮޑުވާން ޖެހޭ މިންވަރަކަށް އުފުލިފައިވާއިރު ނަހަލާލަށް ބަލިވެ އިންނަ ޒުވާން އަންހެން ކުދިންގެ މައްސަލަ އަކީ ވެސް ރާއްޖޭގެ މި މުޖުތަމައުގައި މިއަދު ބޮޑުވަމުން އަންނަ މައްސަލަ އެކެވެ.
މި އަނދިރީގައި ފޮރުވިފައި ތިބި ޒުވާން އަންހެން ކުދިން ވެސް ފެންނަނީ ހާވައި ފުރޮޅައި ބެލީމަ އެވެ. ސިއްރު ގުޅުންތަކުން ނަހަލާލަށް ބަލިވެ އިންނަ އަންހެން ކުދިން އިތުރުވެފައިވާއިރު ބައެއް ފަރާތްތަކަށް މި އަންހެން ކުދިން ވެފައި ވަނީ "ބޮޑު ވިޔަފާރިއަކަށް" ކަން ވެސް ފާހަގަކޮށްލަން ޖެހެ އެވެ.
ނަހަލާލަށް ބަލިވެ އިނދެއްޖެ ނަމަ އެކަމުން ސަލާމަތްވުމަށް ބޭނުންކުރާ ހާއްސަ ބޭސްތައް ނިކަން ބޮޑު އަގުގައި މާލޭގެ ކަޅު ބާޒާރުން ލިބެން އެބަހުއްޓެވެ. ލިބިފައިވާ މައުލޫމާތުތަކަށް ބަލާއިރު މި ވިޔަފާރީގެ ތެރެއަށް ގޭންގްތަކާއި ބޭސް ވިއްކާ މީހުންނާއި ޑޮކްޓަރުން ވެސް ވަނީ ވަދެފަ އެވެ.
"މީގެ ހައެއްކަ މަސް ކުރިން އަހަންނަށް ޖެހުނު ބޭސް ނަގަން. އެންމެ އާދައިގެ އަގަކީ 2000 ރުފިޔާ. އެންމެ މޮޅު ކަމަށް ބުނާ ބޭހުގެ ގުޅައެއް ލިބެނީ 10،000 ރުފިޔާ އަށް. އެހެންވެ ކިތަންމެ އަވަހަށް އެކަމުން ސަލާމަތްވާން ބޭނުންވެފައި ހުއްޓަސް އަހަރެންގެ އަތުގައި ނެތް އެހާ ފައިސާއެއް،" މިއީ 23 އަހަރުގެ އަންހެން ކުއްޖެއްގެ ތަޖުރިބާ އެވެ.
"ދެން ބޭސް ގަންނާނެ ގޮތެއް ނެތިގެން އަހަރެންގެ އޭރުގެ ބޯއިފްރެންޑް ގާތު ބުނީމަ އޭނަ ވެސް ބުނީ ލާރިއެއް ނެތޯ. އެންމެފަހުން ރައްޓެއްސަކު 2000 ރުފިޔާ ދީގެން އަހަރެން ގަތީ އެންމެ އާދައިގެ ބޭސް."
މި ގޮތަށް ބަނޑުބޮނޑުވި ޒުވާން އެހެން އަންހެނަކު އޭނާގެ ވާހަކަ ކިޔައި ދެމުން ބުނީ އޭނާ އަށް ބޭސް ހޯދައި ދިނީ މާލޭގެ ނިކަން މަޝްހޫރު ޑޮކްޓަރެއް ކަމަށެވެ. ނަމަވެސް އެ ނަން އާންމުކުރުމުގެ ބޭނުމެއް ނެތެވެ.
ރަސްމީ ފަރާތްތަކުން މިފަދަ މައްސަލަތަކުގެ ތެރެއަށް ވަދެ ރަނގަޅަށް ހާވައި ބަލައިފި ނަމަ މައްސަލަ އޮތް ހިސާބު ނިކަން ރަނގަޅަށް ފެންނާނެ އެވެ.
ޒުވާން ފިރިހެނުންގެ ބޮޑު އާބާދީއެއް ވަނީ މިހާރު ވެސް މަސްތުވާތަކެއްޗާއި މިފަދަ ތަފާތު އެކި މައްސަލަތަކުގެ ތެރެއަށް ވަދެ ގެއްލިފަ އެވެ. ހަމަ މި ދުވެލީގައި ޒުވާން އަންހެން ކުދިން ވެސް މި އަނދިރިކަމުގެ ތެރެއަށް ގެއްލެމުންދާ ކަން ގަބޫލުކޮށް މި އެންމެން ސަލާމަތްކުރާނެ ގޮތެއް މިހާރު ވެސް އެބަ ބޭނުންވެ އެވެ.
ދިވެހި އަންހެނާ ކޫލު ވާން ޖެހެ އެވެ. މިނިވަން ވެސް ވާން ޖެހެ އެވެ. ނަމަވެސް މި ދަރަޖަ އަށް ވެއްޓިގެނެއް ނޫނެވެ.
އުފާވެރި އަންހެނުންގެ ދުވަހަކަށް އެދެމެވެ.