އެމެރިކާގެ ރިޔާސީ އިންތިހާބުގައި ޑިމޮކްރެޓިކް ޕާޓީގެ ކެނޑިޑޭޓް ހިލަރީ ކްލިންޓަން އިންތިހާބުގައި ނާކާމިޔާބު ވެވަޑައިގެންނެވީ ރައްޔިތުންގެ ތާއީދު ނެތިގެނެއް ނޫނެވެ. ހަނި އަގުލަބިއްޔަތަކުން ނަމަވެސް ރައްޔިތުންގެ އެންމެ ގިނަ ވޯޓް ލިބި ވަޑައިގެންނެވި ކެނޑިޑޭޓަކީ ހިލަރިއެވެ.
ހިލަރީއަށް 47.7 ޕަސަންޓް ވޯޓް ލިބި ވަޑައިގެންނެވި އިރު ރިޕަބްލިކަން ޕާޓީގެ ރިޔާސީ ކެނޑިޑޭޓް ޑޮނަލްޑް ޓްރަމްޕަށް 47.5 ޕަސަންޓެވެ. ސުމެއް ޕޮއިންޓް ދޭއް ގެ ތަފަތަކުން ހިލަރީ ކުރި ހޯއްދެވިއެވެ. ނަމަވެސް ހިލަރީއަށް އިންތިހާބު ކާމިޔާބެއް ނުކުރެއްވުނެވެ. އިންތިހާބު ކާމިޔާބު ކުރެއްވީ ޑޮނަލްޑް ޓްރަމްޕެވެ.
ރައްޔިތުންގެ ތާއީދުން ޓްރަމްޕަށް ނާކާމިޔާބުވެ ވަޑައިގެންނެވި ނަމަވެސް އޭނާ އަށް އިންތިހާބު ކާމިޔާބުވީ އިލެކްޓޯރަލް ކޮލެޖްގެ ވޯޓްގެ އަގުލަބިއްޔަތު ލިބިގެނެވެ. އެމެރިކާގައި ރިޔާސީ ނިޒާމު އެކަށައަޅާފައިވާ ގޮތުން ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވެނީ ސީދާ ރައްޔިތުންގެ ވޯޓަކުން ނޫނެވެ. އިލެކްޓޯރަލް ކޮލެޖޭ ކިޔާ 534 މެންބަރުގެ މަޖލިހެއް އޮވެއެވެ. އެއީ އެމެރިކާގެ ސީޓީތަކުން އައްއްޔަން ކޮށްފައި ތިބި މެންބަރުންނެވެ. އެ ސިޓީއެއްގެ އާބާދީގެ ޕަސެންޓަށް ބެލުމަށްފަހު ސިޓީތަކުން މެންބަރުން އައްޔަން ކުރާނެއެވެ.
އިންތިހާބު ކާމިޔާބު ކުރުމަށްޓަކައި އިލެކްޓޯރަލް ކޮލެޖްގެ މަދުވެގެން 270 ވޯޓް ބޭނުން ވެއެވެ. މިފަހަރުގެ އިންތިހާބުގައި ހިލަރީއަށް ނާކާމިޔާބުވީ ރައްޔިތުންގެ ވޯޓް ލިބުނަސް އިލެކްޓޯރަލް ވޯޓް ޓްރަމްޕަށް ވުރެ މަދުން ލިބުމުންނެވެ. ޓްރަޕްމަަށް 290 ވޯޓް ލިބުނު އިރު ކްލިންޓަނަށް ލިބުނީ 228 ވޯޓެވެ.
ރައްޔިތުންގެ ތާއީދު ލިބުނު ނަމަވެސް އިލްކްޓޯރަލް ވޯޓްގެ ތާއީދު ނުލިބުމުން އިންތިހާބުގައި ނާކާމިޔާބުވުން މިއީ ޑިމޮކްރެޓިކް ޕާޓީއަށް އާ ކަމެއް ނޫނެވެ. ދެހާސް ވަނަ އަހަރު އެމެރިކާގެ ކުރީގެ ރައީސް ޖޯޖް ޑަބުލިއު ބުޝްއާ ވާދަކުރި ޑިމްކްރެޓިކް ޕާޓީގެ ކެޑިޑޭޓް އަލްގޯ އަށްވެސް ކުރިމަތިވީ މި މައްސަލަ އެވެ.
އިންތިހާބު ޓްރަމްޕްް ކާމިޔާބު ކުރެއްވުމުން ޑިމޮކްރެޓިކް ޕާޓީގެ ސަޕޯޓަރުން މުޒާހަރާއަށް ނިކުމެ އަޑު އުފުލަން ފެށިއެވެ. "ޓްރަމްޕަކީ ރައްޔިތުންގެ ރައީސެއް ނޫން" މުޒާހަރާގައި ބައިވެރިވި މީހަކު ނިއްކުރީގައި ލިޔެފައިވެ އެވެ. މުޒާހަރާގެ ބައިވެރިން ވަނީ އިލެކްޓޯރަލް ކޮލެޖް އުވާލުމަށް ގޮވާލާ މުޒާހަރާކޮށްފަ އެވެ.
ނަމަވެސް އެކަން އެ ޕާޓީއަށް ކުރެވޭކަށް ނެތެވެ. އެއީ އެމެރިކާގެ ރައްޔިތުންގެ މަޖިލިސް ސެނެޓްގައި އެވަރުގެ އަގުލަބިއްޔަތެއް އެ ޕާޓީ އަތުގައި ނެތުމެވެ. ޑިމޮކްރެޓިކް ޕާޓީއަކީ މަޖިލީހުގެ މައިނޯރިޓީ ޕާޓީ އެވެ. މެޖޯރިޓީ ޕާޓީއަކީ ރިޕަބްލިކަންއެވެ.
މީގެ ކުރިން އިލްކްޓޯރަލް ކޮލެޖް އުވާލަން ޖެހޭ ކަމަށް ވާހަކަ ދެއްކެވި އެއްބޭފުޅަކީ އެމެރިކާގެ ރައީސް ކަމާ ކުރިއަށް އޮތް ދައުރު ހަވާލުވެ ވަޑައިގަންނަވަން ތައްޔާރަށް ހުންނެވި ޑޮނަލްޑް ޓްރަމްޕެވެ.
ދެހާސް ބާރަ ވަނަ އަހަރު މިހާރުގެ ރައީސް ބަރަކު އޮބާމާއާ ވާދަ ކުރެއްވި ރިޕަބްލިކަން ޕާޓީގެ ކެނޑިޑޭޓް މިޓް ރޮމޮނީއަށް އިލްކްޓޯރަލް ވޯޓްގައި ނާކާމިޔާބުވެ ވަޑައިގެންނެވުމުން ޓްރަމްޕް ކުރެއްވި ޓްވީޓެއް ގައި ވިދާޅުވެފައިވަނީ "އިލެކްޓޯރަލް ކޮލެޖަކީ ޑިމޮކްރަސީ އަށް ހުރި މުސީބާތެއް." ކަމަށެވެ.