މޯލްޑިވްސް މާކެޓިން އެންޑް ޕީއާރް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) ތެރެއިން ހިނގި ހިނޔާނާތުގެ މައްސަލައާ މެދު ސަރުކާރުން ވިސްނުން ގެންގުޅެނީ އެފަދަ ކަމެއް އިތުރަށް ތަކުރާރު ނުވާނެ ގޮތަކަށް ކަންކަން ރާވައި ބަދަލު ކުރުން ކަމަށާއި އަދި އެކަންތައް ވަރަށް ކާމިޔާބު ކަމާއެކު ކުރިޔަށްދާ ކަމަށް ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެ އެވެ.
ރައްޔިތުން މަޖިލީހުގެ ބަޖެޓު ކޮމިޓީގައި ވާހަކަފުޅު ދައްކަވަމުން ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު، ކިނބިދޫ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ޒަމީރު ވިދާޅުވީ އެމްއެމްޕީއާރްސީ ތެރެއިން ބޮޑު ހިޔާނާތެއް ހިނގަން ދިމާވީ އެއް ސަބަބަކީ ލިބޭ ފައިސާ ދައުލަތުގެ އާމްދަނީއަށް ނުވަދެ ބަޔަކު ބޭނުން ކުރަމުން ދިއުން ކަމަށެވެ. ނަމަވެސް މިހާރު އެ އާމްދަނީ ސީދާ މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ދާ ގޮތަށް ބަދަލުކޮށްފައިވާ ކަމަށާއި އޭގެ ސަބަބުން މި މައްސަލައަށް ދާއިމީ ހައްލެއް ލިބިގެން ދާނެ ކަމަށެވެ.
"އެމްއެމްޕީއާރްސީއަކީ މިހާރު [މޭންޑޭޓާ އެއްގޮތަށް] ހަމައެކަނި ޓޫރިޒަމް ޕްރޮމޯޝަންގައި އުޅޭ ކުންފުންޏެއް، ކުރިން ހިޔާނާތް ހިނގި މައިގަނޑު އެއް ކަމަކަށް ދިމާވީ ލިބޭ ފައިސާ ދައުލަތުގެ އާމްދަނީއަށް ނުވަދެ ބަޔަކު ބޭނުން ކުރި މައްސަލަ. މިހާރު އެއްވެސް އާމްދަނީއެއް އެހެނެއް ނުވާނެ އަދި އެގޮތަށް ބަޔަކަށް ބޭނުން ނުކުރެވޭ ގޮތަށް ވަނީ ބަދަލުކޮށްފައި،" ޒަމީރު ވިދާޅުވި އެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ އެމްއެމްޕީއާރްސީ ތެރެއިން ގެއްލުނު ފައިސާގެ ސީދާ އަދަދު ފުލުހުންގެ އިންވެސްޓިގޭޝަނުންނާއި އޮޑިޓާ ޖެނަރަލް ކުރެއްވި އިންވެސްޓިގޭޝަން އިން އެނގެން އެބައޮތް ކަމަށެވެ. އެގޮތުން ގާތްގަނޑަކަށް 70 މިލިއަން ޑޮލަރު (އެއް ބިލިއަންއަށް ވުރެ ގިނަ ރުފިޔާ) ގެއްލިފައިވާ ކަމަށެވެ. އަދި ވިދާޅުވީ އެ މައްސަލައިގެ އޭސީސީ ރިޕޯޓް އަދި ފުރިހަމަވެގެން ނާންނަ ކަމަށެވެ.
އެ ފައިސާ އަނބުރާ ހޯދަންކުރާ މަސައްކަތްތައް ފާހަގަކުރައްވާ ޒަމީރު ވިދާޅުވީ ޓޫރިޒަމަށް ރަށްތައް ވިއްކާފައި ތިބި ގިނަ ބަޔަކު މިހާރު ތިބީ ރާއްޖެއިން ބޭރުގައި ކަމަށެވެ. އެހެންކަމުން އެމީހުން ގެނެސްގެން ސުވާލު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި ނަމަވެސް އެކަން އެންމެ ފުރިހަމަޔަށް އަދި ފަށައި ނުގަނެވޭ ކަމަށެވެ.