ރާއްޖެ ކުޅިވަރު

ނިއު، ޓީސީ، އީގަލްސް، ޕްރެޒިޑެންޓް ކަޕްގެ އެންމެ ފޯރިގަދަ ގުރޫޕް

Nov 10, 2016

މިމަހު 15 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ ރާއްޖޭގެ އެންމެ ޝަރަފުވެރި ފުޓްބޯޅަ މުބާރާތުގައި އެންމެ ފަހުގެ ރަނަރަފު ނިއުރޭޑިއަންޓާއި ޓީސީ ސްޕޯޓްސް ކުލަބާއި ކުލަބު އީގަލްސް އެއް ގުރޫޕެއްގައި ލައްވާލައިފިއެވެ.

އެންމެ ފަހުގެ ޗެމްޕިއަން މާޒިޔާއާއެކު ގުރޫޕް ދޭއް ގައި ހިމެނެނީ ޔުނައިޓަޑް ވިކްޓްރީ އާއި މިދިޔަ އަހަރު ބޭއްވި މިނިވަން 50 ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ހޯދި ސ. ފޭދޫއެވެ.

ނިއުރޭޑިއަންޓާއެކު އީގަލްސް އާއި ޓީސީ ގުރޫޕް އެކެއްގައި ހިމެނުމުން އެ ގުރޫޕް ވެގެންދާނީ މުބާރާތުގެ އެންމެ ފޯރިގަދަ ގުރޫޕަށެވެ. ދިވެހި ލީގްގައިވެސް އެންމެ ވާދަވެރިކޮށް ފެނިގެންދިޔައީ އީގަލްސް އާއި ޓީސީގެ ކުރިމަތި ލުމެވެ. އަދި އެފްއޭކަޕްގެ ފައިނަލަށް ދަތުރުކޮށްފައިވާ ޓީސީ ކްއާޓާ ފައިނަލު ކަޑަތުކޮށް ސެމީއަށް ދަތުރު ކުރީ އީގަލްސް ބަލި ކުރުމަށްފަހުއެވެ. އެހެންވެ އީގަލްސް ނިކުންނާނީ ޓީސީއަތުން ޖެހިޖެހިގެން ބަލި ނުވުމުގެ އުންމީދުގައެވެ.

ގުރޫޕް ދޭއް ގައި މާޒިޔާ އާއި ޔުނައިޓަޑް ވިކްޓްރީ ބައްދަލު ކުރާ މެޗަކީވެސް ފޯރިގަދަ މެޗަކަށް ވާނެ ކަމަށް އެފްއޭކަޕްގެ ކްއާޓާ ފައިނަލްުގައި މި ދެ ޓީމު ބައްދަލު ކުރި މެޗުން ހާމަވެއެވެ. ސީޒަންގެ ހުރިހާ މުބާރާތެއް ކާމިޔާބު ކުރުމުގެ އަމާޒުގައި ނިކުތް މާޒިޔާ އަށް އެފްއޭކަޕްގެ ކްއާޓާފައި ނަލުގައި ހުރަސް އެޅީ ޔޫވީ އެވެ.

މުބާރާތުގެ ފުރަތަމަ މެޗްގައި 15 ވަނަ ދުވަހުގެ ހަވީރު ނިއުރޭޑިއަންޓް ވާދަ ކުރާނީ ކުލަބު އީގަލްސްއާ ދެކޮޅަށެވެ. ދެ ހާސް ސާދަ ވަނަ އަހަރު ނިއުރޭޑިއަންޓުން ޕްރެޒިޑެންޓްކަޕްގެ ޗެމްޕިއަން ކަން ހޯދީ ފައިނަލުގައި އީގަލްސް ބަލި ކުރުމަށް ފަހުއެވެ. ފަނަރަ ވަނަ ދުވަހުގެ ރޭ ބައްދަލު ކުރާނީ މާޒިޔާ އާއި ސ. ފޭދޫ އެވެ.

މުބާރާތުގެ ސެމީފައިނަލަށް ދަތުރު ކުރާނީ ކޮންމެ ގުރޫޕަކުންވެސް އެންމެ ގިނަ ޕޮއިންޓް ހޯދާ ދެޓީމެވެ. މިދިޔަ އަހަރުގެ މުބާރާތް ދެ ގުރޫޕަކަށް ބަހާލައިގެން ކުރިއަށް ގެންގޮސްފައިވާއިރު ގުރޫޕް އެކެއްގެ މެޗުތައް ކުޅެފައިވަނީ ކުޅުދުއްފުށީގައެވެ. އަދި ގުރޫޕް ދޭއް ގެ މެޗްތައް އައްޑޫ ސިޓީގައެވެ.