ރާއްޖެ ކުޅިވަރު

ޔޫވީގެ އަމާޒު ތިން ވަނައަށް

Nov 10, 2016

ފުޓްބޯޅައިގެ މިދިޔަ ތިން އަހަރަކީ ފުރަތަމަ ޑިވިޝަނަށް އަލަށް އަންނަ ޓީމު ލީގްގައި ރަނގަޅު ހިސާބެއްގައި ހިފަހައްޓަމުން އަންނަ ޓީމުތަކެވެ. މި އަހަރު ފުރަތަމަ ޑިވިޝަނަށް އައި ޔުނައިޓަޑް ވިކްޓްރީން ވެސް ވަނީ ފުރަތަމަ އަހަރު ގަދަ ހަތަރެއްގެ ތެރޭގައި ނިންމާލާފަ އެވެ.

އެފްއޭކަޕް ކްއާޓާ ފައިނަލުގައި ވަރުގަދަ މާޒިޔާ ބަލިކޮށް ސެމީފައިނަލަށް ދަތުރު ކުރިއެެވެ. ސެމީ ފައިނަލުން ކުރިއަށް ނުދިއުމުން އެޓީމަށް އޮތީ ތިން ވަނަ ހޮވާ މެޗެވެ. ތިން ވަނަ ހޮވާ މެޗްގައި މިރޭ ނިއުރޭޑިއަންޓާ ދެކޮޅަށް ނިކުންނަ މެޗުން މޮޅުވެ އެފްއޭކަޕްގެ ރަންވަންލޯ މެޑަލް ލިބުނަސް ޔޫވީ އަށް އެއީ ކާމިޔާބަކަށް ވެގެންދާނެ އެވެ.

ސީޒަންގައި ޔޫވީގެ ޓީމުން އެންމެ ރަނގަޅަށް ކުޅުނު ކުޅުންތެރިޔަކީ އެޓީމުގެ ކީޕަރު ސީރިޔާގެ ކީޕަރު މުހައްމަދު އަލް ޔޫސުފެވެ. ކްއާޓާ ފައިނަލުގައި މާޒިޔާ ބަލިކުރުމުގައި އެންމެ މުހިންމު ދައުރެއް އަދާ ކުރީވެސް މުހައްމަދު އަލް ޔޫސުފެވެ.

ނަމަވެސް މިރޭގެ މެޗްގައި ޔޫސުފެއް ނެތެވެ. ސީރިޔާގެ ގައުމީ ޓީމު ވޯލްޑްކަޕް ކޮލިފައިންގައި ކުޅެންޖެހޭ މެޗަށް އޭނާ ވީ ސީރިޔާގެ ގައުމީ ޓީމާއެކު ގައެވެ.

"މުހައްމަދު އަލް ޔޫސުފްއަކީ ޓީމުގެ އެންމެ މުހިންމު ކުޅުންތެރިޔާ އޭނަ ނެތުމަކީ ވަރަށް ބޮޑު މައްސަލައެއް މީގެ އިތުރަށް ޓީމުގެ ބައެއް ކުޅުންތެރިން ކޮންމެވެސް ވަރެއްގަ އަނިޔާއެއްގައި ތިބީ،" ޔޫވީގެ މެނޭޖަރު އަބުދުލް ލަތީފު އަބްދުލް ހަކީމު ވިދާޅުވިއެވެ.

ގަދަ ހަތަރެއްގައި ހިމެނިގެން ޔޫވީ އޮތީ ޕްރެޒިޑެންޓް ކަޕްގައެވެ. ގުރޫޕް އެކުލެވިފައިވާ ގޮތުން އެޓީމު އޮތީ އެ މުބާރާތުގެ ވެސް ސެމީ ފައިނަލަށް ދެވޭ ހިސާބެއްގައެވެ. އޭރުން އަނެއްކާވެސް ޔޫވީއަށް އެއީ ކަމިޔާބަކަށް ވެގެންނދާނެއެވެ.

"ޕްރެޒިޑެންޓް ކަޕްގެ ވާހަކަ ދެއްކުމަށްވުރެ މި ވަގުތަށް އެންމެ މުހިންމީ މިރޭގެ މެޗް ހުރިހާ ފޯކަސް އެއް ހުރީ ތިން ވަނަ ހޯދުމަށް." ލަތީފު ވިދާޅުވިއެވެ.