ހޮލީވުޑް

"ޓޯއީ ސްޓޯރީ" އަށް ލޯބީގެ އިންގިލާބެއް

"ޓޯއީ ސްޓޯރީ" އަކީ އެނިމޭޝަން ފިލްމުގެ ދުނިޔެ އަށް އިންގިލާބެއް ގެނައި އުފެއްދުމެކެވެ. މިހާރު އިންގިލާބެއް އަންނަން އުޅެނީ އެންމެންގެ ހިތްތަކާ ކުޅެލި މި ފިލްމަށެވެ.

މި ސިލްސިލާގެ އާ ފިލްމަކަށް ބެލުންތެރިން އިންތިޒާރުކުރަމުން އަންނައިރު ކުރިއަށް އޮތީ މުޅިން ތަފާތު "ޓޯއީ ސްޓޯރީ" އެކެވެ. މި ކާމިޔާބު ފިލްމު ސިލްސިލާގެ ފަހަތުގައި އޮތް ސްޓޫޑިއޯ، ޕިކްސާ އިން ބުނަނީ "ޓޯއީ ސްޓޯރީ" ގެ ހަތަރު ވަނަ ފިލްމު ވެގެންދާނީ ރޮމޭންޓިކް ކޮމެޑީއަކަށް ކަމަށެވެ.

މިހާތަނަށް ގެނެސްދިން މި ސިލްސިލާގެ ތިން ފިލްމަކީ، ކުޅޭ އެއްޗެހިތަކެއްގެ ގޮތުގައި ސިއްރު ދިރިއުޅުމެއް އުޅޭ ކެރެކްޓާސްތަކެއްގެ އެކުވެރިކަމުގެ ގަދަފަދަކަން ދައްކުވައިގެން ގުޅިގެން އައި ތިން ފިލްމެވެ. ޕިކްސާގެ ރައީސް ޖިމް މޮރިސް ވިދާޅުވެފައި ވަނީ ހަތަރު ވަނަ ފިލްމު ލޯބީގެ ޕްލޮޓަކަށް އުފައްދާއިރު ކުރީގެ ތިން ފިލްމުގެ ވާހަކައާ މި ފިލްމުގެ ވާހަކަ ނުވެސް ގުޅޭނެ ކަމަށެވެ.

"ޓޯއީ ސްޓޯރީ" ގެ އަސްލު ބަދަލުވެ އޭގައި ރޮމޭންޓިކް ކޮމެޑީއެއްގެ ސިފަ ޖެހޭނެ ކަމުގެ ޔަގީންކަން ޕިކްސާ އިން ދީފައި ވިޔަސް މި ފިލްމުގައި ކިޔައިދޭން ހަމަޖެހިފައިވާ ލޯބީގެ ވާހަކައިގެ ލީޑް ކެރެކްޓާސްތަކުގެ މައުލޫމާތެއް އަދި އާންމެއް ނުކުރެ އެވެ. "ޓޯއީ ސްޓޯރީ" ގައި އާންމުކޮށް ލޯބީގައި ޖެހިފައި ހުންނަ މަންޒަރު ފެންނަނީ ލީޑް ކެރެކްޓާ ވުޑީ އެވެ.

ނަމަވެސް ޓޮމް ހޭންކްސްގެ އަޑާ އެކު ވުޑީ އެނބުރި އަންނަ ކަމުގެ ޔަގީންކަމެއް ވެސް ނެތެވެ.

"ޓޯއީ ސްޓޯރީ 4" ގެ މާ ގިނަ ތަފްސީލެއް ލިބިފައި ނެތަސް މި ފިލްމު 2017 ވަނަ އަހަރު ބެލުންތެރިންނާ ހަމަ އަށް އަންނަކަން އޮތީ ޔަގީންވެފަ އެވެ.

އެންމެފަހުން މި ސިލްސިލާގެ ފިލްމެއް ބެލުންތެރިންނާ ބައްދަލުކުރީ 2010 ވަނަ އަހަރު އެވެ. އޭގެ ފަހުން ފަސް އަހަރުވީ އެވެ. އެކަމަކު ހީއެއްވެސް ނުވެއެއް ނޫން ހެއްޔެވެ؟ އެއީ "ޓޯއީ ސްޓޯރީ" ގެ ޖާދޫ އެވެ.

މި ސިލްސިލާގެ ފުރަތަމަ ފިލްމު ނުކުތީ 1995 ވަނަ އަހަރު އެވެ. އެ ފިލްމަކީ ކޮމްޕިއުޓާ ޖެނެރޭޓެޑް އިފެކްޓްސް ބޭނުންކޮށްގެން އުފެއްދި ފުރަތަމަ އެނިމޭޓެޑް ފީޗާ ފިލްމެވެ. އެ ފިލްމުގެ ކާމިޔާބީ އަށް ފަހު އުފެއްދި ދެ ފިލްމާ އެކު "ޓޯއީ ސްޓޯރީ" ވެގެން ދިޔައީ ޕިކްސާގެ އެންމެ މަގްބޫލު ފިލްމު ސިލްސިލާ އަށެވެ.

އެންމެފަހުން ނެރުނު މި ސިލްސިލާގެ ތިން ވަނަ ފިލްމަށް އެކަނި ވެސް ބޮކްސް އޮފީހުގައި އެއް ބިލިއަން އެމެރިކާ ޑޮލަރު ލިބުނެވެ.