ގައުމީ އިނާމް

ހަތަރު ބޭފުޅަކަށް ޝަރަފު އަރުވައި 22 ބޭފުޅަކަށް ހިތްވަރުދީފި

މިއަހަރު ޝަރަފުވެރިކަމުގެ ގައުމީ އިނާމު ހަތަރު ބޭފުޅަކަށް އަދި ހިތްވަރު ދިނުމުގެ ގައުމީ އިނާމު 22 ބޭފުޅަކަށް ދީފި އެވެ. އެ ބޭފުޅުން އިނާމް ދެއްވާފައިވަނީ މިރޭ ބޭއްވި ޖުމްހޫރީ ދުވަހުގެ ހާއްސަ ޖަލްސާގަ އެވެ.

ޝަރަފުވެރިކަމުގެ ގައުމީ އިނާމު ލިބިވަޑައިގެންނެވި ހަތަރު ބޭފުޅުންނަކީ، މީގެކުރިން ހިތްވަރު ދިނުމުގެ ގައުމީ އިނާމު ލިބިވަޑައިގެންފައިވާ ހަތަރު ބޭފުޅުންނެވެ. އެ ހަތަރު ބޭފުޅުންނަށް ރައީސް އަބްދުﷲ ޔާމީން ވަނީ ޝަރަފުގެ އައްޑަނާއި ބެޖް އަދި ހަނދާނީ ލިޔުމެއް އަރުވާފަ އެވެ.

ގައުމީ އިނާމު ލިބިވަޑައިގަންނަވާ ބޭފުޅުން ހޮވަން ގައުމީ އިނާމާބެހޭ ކޮމިޓީން މައިގަނޑު ގޮތެއްގައި ބަލާފައިވަނީ، މި އިނާމާ ބެހޭގޮތުން ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއު ކުރި ކަންކަމުގެ މައްޗަށް ކަމަށެވެ.

ޝަރަފުގެ އިނާމު ލިބުނު ބޭފުޅުން

  • ދިވެހި ބަހާއި އަދަބިއްޔާތުގެ ދާއިރާއިން: ހއ. އުތީމް، އަލިމަސްގެ އާދަމް އަބްދުލް ރަހްމާން
  • ދިވެހި ތާރީހުގެ ދާއިރާއިން: މ. ކަށިމާ، އަހުމަދު ޝާކިރު
  • އިޖްތިމާއީ ހިދުމަތުގެ ދާއިރާއިން: ޅ. ނައިފަރު، މަދުގަސްދޮށުގެ، މުހައްމަދު ނިޒާރު އިބްރާހިމް
  • ޕާފޯމިން އާޓްސްގެ ދާއިރާއިން ހަނދާނަށް: ގ. އަލިފުށީގެ، އަހުމަދު ނާޝިދު

ހިތްވަރުގެ އިނާމު ލިބުނު ބޭފުޅުން

  • ޤުރުއާން ކިޔަވައިދީ އުނގަންނައިދިނުމުގެ ދާއިރާއިން: ފ. ނިލަންދޫ، އަމާޒު، ސަފިއްޔާ އަހުމަދު
  • ޤުރުއާން އިލްމް ދާއިރާއިން: ފ. ނިލަންދޫ ބިއްދޮށުގެ، އައް ޝައިހް އިބްރާހިމް އަހުމަދު
  • ތައުލީމީ ދާއިރާއިން: އއ. ފެލިދޫ، ސަބްނަމްގެ، އަހުމަދު އާތިފް
  • ސިއްހީ ދާއިރާއިން: ގ. ހުދުކޮކާ، ޑރ. އަލީ ޝާހިދު
  • ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ހިދުމަތްކުރުމުގެ ދާއިރާއިން: ހުޅުމާލެ ފްލެޓް ނަންބަރު 03-3-19، ފައުޒިއްޔާ މަހުމޫދު
  • އިޖްތިމާއީ ހިދުމަތުގެ ހިލޭ ސާބަހަށް މަސައްކަތްކުރުމުގެ ދާއިރާއިން: ގދ. ގައްދޫ، ދުންމާރި، މުހައްމަދު އަދީލް
  • މުޖުތަމައުގެ ނުރަނގަޅު އާދައެއް ނައްތާލުމަށް މަސައްކަތްކުރުމުގެ ދާއިރާއިން: ޖާނީ ޖަމިއްޔާ
  • ޖަމާއަތަށް ފައިދާހުރި މަސައްކަތެއް ކުރުމުގެ ދާއިރާއިން: ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާ
  • އަތްތެރި މަސައްކަތްކުރުމުގެ ދާއިރާއިން: ގދ. ގައްދޫ، ގޮފި، މަރިޔަމް ފާއިޒާ
  • ނޫސްވެރިކަން ކުރިއެރުމުގެ ދާއިރާއިން: ގ. ނަންރީތިގެ، އަހުމަދު ޒާހިރު މުހައްމަދު
  • މައުލޫމާތު ފެތުރުމާއި ޕްރޮގްރާމް އުފެއްދުމުގެ ދާއިރާއިން: ނ. ލަންދޫ، ފުރަވެލި، ހަފްސީ އަބްދުﷲ
  • ކުޅިވަރަށް ހިދުމަތްކުރުމުގެ ދާއިރާއިން: ގ. ފާނިސް، އަހުމަދު އަބީރު އިސްމާއިލް
  • ކުޅިވަރަށް ހިދުމަތްކުރުމުގެ ދާއިރާއިން: މ. ނީލޯފަރުމާގެ، ޑރ. ހުސެއިމް ހަލީމް
  • ކުޅިވަރު ކުޅުމާއި މީހުން ތަމްރީނުކުރުމުގެ ދާއިރާއިން: ހ. މިސްޓީނައިޓް، މުއިނާ މުހައްމަދު
  • ކުޅިވަރު ކުޅުމާއި މީހުން ތަމްރީނުކުރުމުގެ ދާއިރާއިން: މ. ޖަޒީމާ، މުހައްމަދު ޒިލާލް
  • ކުޅިވަރު ކުޅުމާއި މީހުން ތަމްރީނުކުރުމުގެ ދާއިރާއިން: މއ. މާންދޫ ދެކުނުގެ، އަހުމަދު އަކްރަމް
  • ކުޅިވަރު ކުޅުމާއި މީހުން ތަމްރީނުކުރުމުގެ ދާއިރާއިން: ހދ. ނޭކުރެންދޫ، ރޯޒީވިލާ، އަހުމަދު ޒުނޭޖު
  • ލިޔުމާއި ކުރެހުމާއި ފަރުމާކުރުމުގެ ދާއިރާއިން: މ. ލޮނުވެލި، ކާނަލް އަބްދުލް މަތީން
  • ލިޔުމާއި ކުރެހުމާއި ފަރުމާކުރުމުގެ ދާއިރާއިން: ހދ. ނޭކުރެންދޫ، ވާރޭވިލާ، ފަރުހާދު އިބްރާހިމް
  • ލަވަ ކިޔުމާއި މީހުން ތަމްރީނުކުރުމުގެ ދާއިރާއިން: ގ. ބެރުގެ، މަރިޔަމް އުނޫޝާ
  • އަންހެނުން ކުރިއެރުމުގެ ދާއިރާއިން: މ. މާހިމާ، ރަހީމާ އާދަމް
  • ޒުވާނުންގެ ދާއިރާއިން: ހއ. ހޯރަފުށި، އިރުދޭމާގެ، ހަސަން ޝިއާމް

މީގެ އިތުރުން މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ އިނާމު، މިއަހަރު 20 ބޭފުޅަކަށް ވަނީ ދެއްވާފަ އެވެ. އެގޮތުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ އެންމެމަތީ ލެވެލްގެ ސަނަދެއް ހާސިލު ކުރުމުގައި ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހާސިލު ކުރެއްވީ ދެ ބޭފުޅުންނެވެ. މަތީ ތައުލީމާއި ތަމްރީނުގެ ކޯހަކުން އެންމެމަތީ ވަނަ ހޯއްދެއްވީ 15 ބޭފުޅުންނެވެ.

ރާއްޖެއަށް ދިމާވެފައިވާ މައްސަލައަކަށް ހައްލެއް ހޯދުމުގެ ގޮތުން، ސައިންޓިފިކް ތަހުލީލެއް ނުވަތަ އިލްމީ ދިރާސާއެއް ކޮށްގެން ނުވަތަ ފާހަގަކޮށްލެވޭފަދަ އާދަޔާ ހިލާފު އުފެއްދުންތެރި މަސައްކަތެއް ކޮށްގެން ނުވަތަ އައު އީޖާދެއް އުފައްދައިގެން ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހާސިލު ކުރެއްވީ އެއް ބޭފުޅެކެވެ. ސަރުކާރުން ކަނޑައަޅާ ފެންވަރަކަށް މަސައްކަތެއް ކުރުން ނުވަތަ އެއްޗެއް އުފެއްދުމުގެ ދާއިރާއިން އިނާމު ހާސިލު ކުރެއްވީ ދެ ބޭފުޅުންނެވެ.

ސަރުކާރުން ދޭ ބައެއް ހާއްސަ މެޑެލްވެސް މިރޭގެ ޖަލްސާގައި ވަނީ ދެއްވާފަ އެވެ. އެގޮތުން މެޑެލް ދެއްވީ، ކީރިތި ގުރްއާން ހިތުދަސްކުރައްވައިގެން ހާފިޒް ކަމުގެ ސަނަދު ހާސިލު ކުރެއްވި ހަ ބޭފުޅަކަށާއި، 2015 ވަނަ އަހަރު ބޭއްވުނު ސާނަވީ އިމްތިހާނާއި، މިއަހަރު ބޭއްވުނު މަތީ ސާނަވީ އިމްތިހާނުން އެކި މާއްދާތަކުން މުޅި ދުނިޔެއިން އެއް ވަނަ ހާސިލުކުރި ދަރިވަރުންނަށެވެ.