ހަބަރު

15 އަހަރުން މުޅި ރާއްޖެއަށް ސަބުމެރިންގެ ރަހަ!

ދެ ރައްޓެއްސަކު ގުޅުނަސް "ބޭނުމީ ސަބުމެރިން" އެކެވެ. މަހު މުސާރަ ލިބުމުންވެސް، ވަޒީފާގެ ސަޔަށް ވެސް ސަބުމެރިން އެކެވެ. އޮފީސް ވަރުބަލި ފިލުވާލާ، ރައްޓެހިންނާއެކު މަޖާކޮށްލަން ވެސް ސަބުމެރިން ވަރެއް ނޯވެއެވެ. ކުޅު ދިޔާކޮށްލާފަދަ ހިތްގައިމު މައޮނައިޒް ރަހަގަނޑަކާއެކު އެމެރިކާއަށް އުފަން ސަބުމެރިން ރާއްޖެއަށް ޒިޔާރަތްކުރިތާ މިއަހަރަށް 15 އަހަރު ވެއްޖެ އެވެ. މި ފަނަރަ އަހަރުގެ ތެރޭގައި ސަބްމެރިންގެ ރަހަ ބަލައި ނުލާ ދިވެއްސަކު މާލޭގެ ފަސްގަނޑުގައި ފައި ބީއްސާލާނެއެކޭ ހިތެއް ނުބުނެ އެވެ. ސަބްމެރިންއަށް ދިވެހިންގެ ހިތުގެ އެންމެ ފުންމިނުން ދެވިފައި ވަނީ ލޯތްބެކެވެ. އެ ލޯތްބަށް ފަނޑުކަމެއް ނެތެވެ.

ދިވެހިންގެ ތެރޭގައި ސަބުމެރިން އަށް ދިން ލޯތްބާއެލު ހެވިލާފައި އޮތީ ސަބުމެރިންގެ ނަމުން މަޝްހޫރުވި ޑައިން މޯ ނުވަތަ ދިވެހިންގެ ބަހުން ނަަމަ "ޑައިނަމޯ" ރެސްޓޯރެންޓެވެ. މަހެއްގެ މައްޗަށް އެތަކެއް ހާސް މީހުން ޑައިންމޯ ސަބްމެރިން ކާން އެ ރެސްޓޯރެންޓަށް ދާއިރު، އެ ރެސްޓޯރެންޓްގެ މެނޫއަށް ލިބޭ އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ވެސް ހަމަ ސަބުމެރިން އެވެ. އެކަމާ ޑައިންމޯ ފަހުރުވެރިވެ އެވެ. ފާއިތުވި 15 އަހަރު ދިވެހިންގެ ފަރާތުން ސަބްމެރިންއަށް ލިބުނީ ފަނޑުވުމެއް ނެތް ލޯތްބެކެވެ. ޑައިންމޯ ގަބޫލުކުރާ ގޮތުގައި ސަބުމެރިންގެ ހިތްގައިމު ރަހަ މުޅި ރާއްޖެއަށް ވެސް ކަމުގޮސްފި އެވެ.

ސަބުމެރިން ކާން ކުރާ ހޭދަ އަންދާޒާ ކޮށްލެވޭތަ؟

ދިވެހިންނަކީ ހޭދަކުރުން ބޮޑު ބައެކޭ ބުނުމަކީ ގޯހަކަށް ނުވެދާނެ އެވެ. ރާއްޖޭގެ ހުރިހާ ރަށެއްގެ ކެފޭ ރެސްޓޯރެންޓްތައް އަބަދު ފުރި ބާރުވެފައި އޮންނަ މަންޒަރަކީ މިކަމަށް ލިބޭ ހެއްކެކެވެ. ބައެއް މީހުން ދެކޭ ގޮތުގައި ކާން ހޭދަކުރަނީ ބޭކާރު ފައިސާއެއް ނޫނެވެ. އަނެއް ބަޔަކު މިކަމާ މުޅިން ދެކޮޅުވާއިރު، ރެސްޓޯރަންޓްތަކަށް ބަރޯސާ ވާންޖެހެނީ ކުރަންޖެހިފައިވާ ކަންކަން ގިނަވެ، ކޮންމެ އިރަކު ގެއަށް ކާން ދިއުން ދަތިަކަމަކަށް ވެފައި އޮތުމުންނޭވެސް އެއްބަޔަކު ބުނެ އެވެ. ކޮންމެ ގޮތަކަށް އޮތަސް ހަގީގަތަކީ ރެސްޓޯރަންޓް ތަކަށް ދިވެހިން ހޭދަކުރާވަރު އިތުރު ކަމެވެ. އޭގެ އެއް ހެއްކަކީ ވެސް ހަމަ މި ސަބްމެރިން އެކެވެ.

ސަބްމެރިންގެ ރަސްމީ ފެކްޓަރީ ޑައިންމޯގެ ތަފާސް ހިސާބުތަކަށް ބަލައިލަމާހެއްޔެވެ. ރާއްޖޭގައި މިހާރު ހުރީ ޑައިންމޯގެ ފަސް ރެސްޓޯރެންޓެވެ. އެ ފަސް ރެސްޓޯރެންޓަށް އެވްރެޖްކޮށް ދުވާލަކު 3000 އެއްހާ ކަސްޓަމަރުން ވަދެއެވެ. އޭގެ ތެރެއިން 90 ޕަސެންޓް ކަސްޓަމަރުންނަކީ ސުފުރާގައި ސަބުމެރިންއެއް އިންސާފުކޮށްލުމަށް ދާ މީހުންނެވެ. ދިވެހިން ސަބްމެރިން ކާން ހޭދަކުރާވަރު ވަޒަން ކޮށްލުމަށް ޑައިންމޯއިން ހާމަކުރި މި މައުލޫމާތުގެ މައްޗަށް ބިނާކޮށް ކުޑަ ހިސާބެއް ހަދާލުމުން ފުދޭނެ އެވެ.

ރެސްޓޯރެންޓަށް ދުވާލަކު 3000 ކަސްޓަމަރުން ޒިޔާރަތްކުރާއިރު ބޮލަކަށް 150ރ ގެ ރޭޓުން ބަލާނަމަ ދުވާލެއްގެ މައްޗަށް ޑައިންމޯއަށް 345،000 އެއްހާ ރުފިޔާ ވަންނާނެ އެވެ. މި އަދަދަކީ ހަމަ އެކަނި ޑައިންމޯ އަށް ސަބްމެރިން ކާން ދިވެހިން ހޭދަކުރާ މިންވަރެވެ. މިއީ ރާއްޖޭގެ އާބާދީގެ ނިސްބަތަށް ބަލާއިރު ދުވާލެއްގެ މައްޗަށް ހޭދަކުރަން ބޮޑު އަދަދެކެވެ.

ކޮންމެއަކަސް މިއީ ދިވެހިން ސަބްމެރިންއަށް ކުރާ ހޭދައިގެ އަންދާޒާއެކެވެ. ސަބްމެރިންގެ ފޯރި ދިވެހިންގެ ތެރޭގައި ފަނޑުނުވި ނަމަވެސް ސަބްމެރިން ފޭނުންގެ ޝަކުވާ މިހާރު ގިނަވާން ފަށައިފި އެވެ. އެއްބަޔަކު ގަބޫލުކުރާ ގޮތުގައި އެންމެ ކުރީގެ ސަބްމެރިންގައި އެހުންނަ ހިތްގައިމު ރަހަ މިހާޜު ކޮންމެވެސް ވަރަކަށް ކެނޑިއްޖެ އެވެ. ސަބްމެރިން ބަނަސް ވެސް މާ ކުޑަވެ، ދަހިވެއްޖެ އެވެ. ނަމަވެސް ދަށް ނުވީ އޮތް ފޯރިއެވެ. ފަނޑު ނުވީ ކެއުމަށް ދެވިހިފި މިންވަރާއި ވެވުނު ލޯތްބެވެ. އަތުން ދާ ހަރަދަކަށް މިކަމުގައި އެއްވެސް ބަޔަކު ބަލާހެނެއް ހިއެއް ނުވެ އެވެ. މި މައުލޫއަށް އިތުރަށް އިންސާފުކޮށްލަން ކިޔުންތެރިންނަށް ދޫކޮށްލަމެވެ.