- ވަތަނިއްޔާގެ ފުރަތަމަ ދިވެހިންގެ ތެރޭގައި ހިމެނޭ
- ސިފައިންގޭގައި ހިދުމަތް ކުރި، 12 އަހަރު
- މިހާރު އުރީދޫގެ ހެޑް އޮފް ސޭލްސްގެ މަގާމުގައި
އެކި މީހުންގެ ދިރިއުޅުމަށް ބަދަލު އަންނަނީ އެކި ގޮތް ގޮތަށެވެ. ބައެއް މީހުން ހަމަ މިހެން ހުއްޓައި، ނަސީބު އަތުގައި ހިފަނީ އެވެ. އަނެއް ބަޔަކު ނަސީބު ލައްވައިލަނީ ލައްކަ މަސައްކަތުންނެވެ. މި ހުނަރުވެރިޔާއަކީ ވެސް މުޅިން ތަފާތު މީހެކެވެ. މަސައްކަތް ކުރައްވަނީ އުރީދޫގަ އެވެ. އުރީދޫގެ ހެޑް އޮފް ސޭލްސް ހުސެއިން ނިޔާޒު (ނިޔާ) ގެ ދިރިއުޅުން ބަދަލުވީ ސްކޫލުގައި އުޅުނުއިރު ތައްޔާރު ކުރި "އިޔާ ބުކް" ފޮތުންނެވެ. މަޖީދިއްޔާ ސްކޫލްގައި ކިޔެވިއިރު ސްކޫލުގައި ތައްޔާރު ކުރި ފޮތުގައި އޭނާ ލިޔުނީ ސްކޫލް ނިންމާފައި ކުރި އަށް ދާން ބޭނުން ވަނީ އިލެކްޓްރޯނިކް ދާއިރާ އިން ކަމަށެވެ. މި ފޮތަކީ ނިޔާގެ ދިރިއުޅުން ބަދަލުކޮށްލި ފޮތެވެ.
"ސްކޫލްގައި [މަޖީދިއްޔާ] ގައި އުޅުނުއިރު ތައްޔާރުކުރި އިޔާ ބުކްގައި ޖެހީ ބޭނުންވަނީ އިލެކްޓްރޯނިކް ދާއިރާ ކަމަށް. މިހެން ޖަހާފައި އޮތްތަން ފެނުނީ ސިފައިންގެ ކުރީގެ ޖެނެރަލް ޑީޑީ އަށް. ފެނިގެން ސިފައިގެ އަށް ވެއްދީ،" ވިއްސަކަށް އަހަރުގައި، ނޭޝަނަލް ސެކިއުރިޓީ ސާވިސަސް (އެންއެސްއެސް) ގެ ހިދުމަތާ ގުޅުނު ގޮތް ނިޔާ ވިދާޅުވި އެވެ.
ނިޔާ ސިފައިންގެ އަށް ވެއްދި ނަމަވެސް، އެ ތަނުގައި ފުރަތަމަ ގުޅުނީ ހިތުން ރުހުމަކުން ނޫނެވެ. އުޅެން ޖެހޭތީ އުޅުނީ އެވެ. އޭރު ސިފައިން ދެކެ އޭނާ އަންނަނީ އަމަށަކު ރުޅި އެއް ނޫނެވެ.
"އޭރު ސިފައިން ދެކެ ފޫއްސެއްވޭ، އެއީ އެންމެ ލާނެތް ދުވަސްވަރު. މާލެ ތެރޭގައި ބައިސްކަލް ބައްތި ނުޖަހައި ދުއްވާނަމަ ސިފައިން ހިފަހައްޓައި ސުވާލު ކުރޭ. އެހެންވެ ރުޅި އަންނަނީ،" ޓީން އޭޖް ދުވަސްވަރުގެ ހަނދާންތައް އާ ކޮށްލި އެވެ.
"މިހެން މާލެ ތެރޭގައި އުޅެނިކޮށް ސްކޫލް ނިންމި ތަނާ ސިފައިގެން އިން ގުޅީ. ގުޅާފައި ބުނީ ބައްދަލު ކޮށްލަން ބޭނުންވާ ވާހަކަ. ގުޅީމަ އަޅުގަނޑު ބުނީ ކުށެއް ނުކުރަމޭ. އެހެން ބުނީމަ ބުނީ މައްސަލައެއް ނެތޭ ބުނެފައި ފޯނު ބޭއްވި، އެކަމަކު ޖެހިގެން އައި ދުވަހު މަންމަ ގޮވާފަ ބުނެފި. ސިފައިންގެ މީހަކު އެބަހުއްޓޭ. ބުނީމަ އަވަހަށް މޫނު ދޮވެލައިގެން ނުކުތީ،" ނިޔާ ބުންޏެވެ.
"ނިކުމެ ބަލައިލިއިރު މަހުމާ އަރާފައި ހުރި ސިފައިންގެ މީހަކު ހުރި. އެއީ ޖެނެރަލް ޑީޑީ، ޑީޑީ ވިދާޅުވީ މަޖީދިއްޔާގެ އިޔާ ބުކްގައި އެބައިން ނޫންހޭ އިލެކްޓްރޯނިކް ދާއިރާ އިން ކުރިއަށް ދާން ބޭނުން ކަމަށް ލިޔެފައި. ސިފައިން ގޭގައި އެބައޮތޭ އިލެކްޓޯނިކް ކޯހެއް، އެހެންވެ އޭ މި އައީ. އެކަމަކު ސިފައިންގެ އަށް ވަންނަން ޖެހޭނެ އޭ! އެހެން ބުނެފައި ދިޔައީ. އޭގެ ކުރިން އޮތީ ބައްޕަ އާއި މަންމައާ ވާހަކަ ދައްކާފަ. ބައްޕަ އާއި މަންމަ ވެސް ބުނީ ތިއީ ވަރަށް ރަނގަޅު ކަމެކޭ! ރަނގަޅު ތަނެކޭ ސިފައިންގެއަކީ އުޅެން. އަނެއްކާ ދެ ދުވަސް ފަހުން ސިފައިންގެ އިން ގުޅީ. ގުޅާފައި ބުނީ އަންނާށޭ. ދެން ދިޔައީ. ގޮސް ސިފައިގެ 10 ވަރަކަށް މީހުންނާއެކު ކޯސް ފެށީ، އެއީ ޑިޕްލޮމާ ކޯހެއް."
"މި ކޯސް ފެށިތާ އެއް އަހަރު ފަހުން ކޯސް ކެންސަލްވީ! ދެން ބޭނުންވީ ސިފައިންގެ އިން ކެނޑެން. އެހެންވެ ކެނޑެން ސިޓީ ވެސް ލައިފިން. ސިޓީލީމަ ވާގޮތަކީ ސިޓީ ގެއްލެނީ!؟ ތިން ފަހަރު ސިޓީލިން. އޭރު އަދި ހުރީ ސިފައިގެ ތަމްރީން ވެސް ނުހަދާ. ވަކި ހިސާބަކުން ބުނެފި ޓްރެއިން އަށް ދާން ޖެހޭއޭ! އެކަމަކު ޓެރެއިނިން އަށް ނުދާން އައިސް އޮތީ ގޭގައި،" ސިފައިންގޭގެ ތަޖުރިބާ ހިއްސާ ކުރި އެވެ.
"ގޭގައި ހުއްޓައި ސިފައިން ގެ އިން އައީ ބަލައި. އައިސް ގެންދިޔައީ. ގޮސް ޓްރެއިނިން ހަދަން ފެށި ތަނާ ވަރަށް ޝައުގުވެރި ވެއްޖެ އެ ތަނަށް. އެ [ސިފައިން] ގެ އަށް ހިތް ޖެހިއްޖެ. ޓްރެއިނިން ހަދައިލީމަ މީހާ ފިޓް ވެއްޖެ. ފިޓްވީމަ އުޅޭ ހިތް ވެއްޖެ."
ތަމްރީންތަކުގައި ނިޔާ ފިޓުވި ނަމަވެސް މި ތަމްރީން ތަކަކީ ނިޔާ އަށް ބިރުވެރި ހުވަފެނެ އެވެ. އެންމެ ބޮޑު އެއް ސަބަބަކީ ނިޔާ އަށް ފަތަން ނޭނގުމެވެ. ތަމްރީންތަކުގައި އުޅުނުއިރު ދިމާވި ހާދިސާއެއް ނިޔާ މިހާރު ވެސް ހަނދާން ހުރެ އެވެ. އެއީ މޫދަށް ފުންމާލަން ޖެހުނު ދުވަހެކެވެ. ފަތާކަށް ނޭނގެ އެވެ.
"ޖެހުނީ މޫދަށް ފުންމާލަން. އަހަރެން ބުނިން ސާ ނޭނގެއޭ ފަތާކަށް. ފުންމާލައިފިއްޔާ ގެނބިގެން މަރު ވެދާނެއޭ! މިހެން ބުނީމަ އޮފިސަރު އެެނގީ ހަމަ މިހާރު ފުންމާލާށޭ. މަރު ވަންޏާ މަރުވާނެ އޭ. ހަމަ މިހާރު ފުންމާލާށޭ. ބުނީމަ ބިރުން ހުރެ ފުންމާލީ. މޫދުގައި ޖެހުނު ގޮތަށް ދިޔައީ އަޑި އަށް ލޮނު ބޮވިއްޖެ. އެކަމަކު އެ މީހުން ވަގުތުން ނަގައިފި. އެކަމަކު ޓްރެއިނިން ނިމުނުއިރު ރަނގަޅަށް ފަތަން ދަސް ވެއްޖެ." ނިޔާ ބުންޏެވެ.
މި ފަދަ އެހެން ހާދިސާ އެކެވެ.
" ތަމްރީންގައި އުޅެނިކޮށް އެއް ރެއެއްގެ ދަންވަރު މުޅި ގިރިފުޅިން ކަރަންޓު ކެނޑިއްޖެ. ބަޑި ޖަހާ އަޑު އިވެން ފަށައިފި. ބަޑި ޖަހާ ތަން ވެސް ފެނޭ. ކުދިން ބުނަން ފަށައިފި، ރަށަށް ބަޔަކު އަރައިފިއޭ. ގިރިފުށި ބަޔަކު ހިފައިފިއޭ. ބަޑި ގުދަން ވެސް އޮތީ އެ މީހުންގެ ބެލުމުގެ ދަށުގަ އޭ. އެހެން ކިޔަން ފެށީމަ ވަރަށް ބިރު ގަތް. އެހެންވެ އަވަހަށް އުޅުނީ ސަލާމަތް ވެގެން ތިބެ، ބަޑި އެއް އަތު ޖެހޭތޯ ބަޑި ޖަހާ މީހުންގެ އަތުން، އަތުލައިގެން ނަމަވެސް. ހަގީގަތުގައި އެއީ އޮފިސަރުން ރާވައިގެން ކުރި ކަމެއް."
އަސްކަރީ ތަމްރީންތައް ފުރިހަމަ ކުރުމަށް ފަހު ނިޔާ އަށް އިނގިރޭސިވިލާތުގައި އިލެކްޓޯނިކް ދާއިރާ އިން އިތުރަށް ކިޔަވަން ފުރުސަތު ލިބިއްޖެ އެވެ. އޭގެ ފަހުން ސިފައިން ގޭގެ ފޯނާއި ޓޯކީގެ ޓެކްނިކަލް ކަންތައް ބެލެހެއްޓުމުގައި ނިޔާ މަސައްކަތް ކުރި އެވެ. ނަމަވެސް އޭގެ ފަހުން 12 އަހަރަށް ފަހު އެ ވަޒީފާ އިން ކެނޑުނީ އެވެ. ބޭނުންވީ މުޅިން އާ ފުރުސަތެއް ހޯދުމަށެވެ. މިގޮތަށް އަތް ފުނާ އަޅަމުން ދަނިކޮށް އަތުގައި ޖެހުނީ، ވަތަނިއްޔާގެ ވަޒީފާ އެކެވެ. އޭރު އެ ކުންފުނީގެ ހިދުމަތް ރާއްޖޭގައި ފަށަން ތައްޔާރު ވަނި އެވެ. ނިޔާއަކީ އޭރުގެ ވަތަނިއްޔާ އަދި މިހާރުގެ އުރީދޫގެ ވަޒީފާ އަށް ދިޔަ ފުރަތަމަ ދިވެހިންގެ ތެރެ އިން އެކަކެވެ.
"އިންޓަވިއު އަށް ދިޔަ ތަނާ ވަޒީފާ ލިބިއްޖެ. ފުރަތަމަ ވަތަނިއްޔާގައި އުޅުނީ ރަށްތަކުގައި ހިދުމަތް ފަށަން ދެން. ހަ މަސް ދުވަހު އުޅުނީ ރަށްރަށުގައި. އަޅުގަނޑާ ހަވާލުކޮށްފައި އޮތީ ބ. ރ، ޅ އަދި މ. އަތޮޅުގައި ޓަވަރު ޖަހަން. ކުރަން ޖެހޭ ކަމަކީ މާލެއަށް އަޕް ޑޭޓް ދިނުން. އޭރު ކުރަން ޖެހޭ ކަމަކީ ހެނދުނު ސައި ބޮއިގެން ފުރާ ގޮތަށް ރަށްރަށް ދިއުން،" އުރީދޫގެ ފުރަތަމަ ތަޖުރިބާ ނިޔާ ވިދާޅުވި އެވެ.
އުރީދޫގައި ނިޔާ ފުރަތަމަ އުޅުނީ، އާރްއެފް ޓެކްނީޝަނެއްގެ ވަޒީފާގަ އެވެ. ނަމަވެސް މިހާރު ނިޔާއަކީ އުރީދޫ މޯލްޑިވްސް ވިއްކާ، ސޭލްސް ޑިޕާޓްމަންޓުގެ ހެޑެވެ. ނިޔާ ގަބޫލު ކުރައްވާ ގޮތުގައި އުރީދޫއަކީ ރާއްޖޭގައި ދިވެއްސަކަށް އިންޓަނޭޝަނަލް އެކްސްޕޯޝާ ލިބޭނެ އެންމެ ބޮޑު ކުންފުންޏެވެ.
"އެންމެ ފުރަތަމަ ވަރަށް ގިނަ ޗެލެނެޖުތަކާ ދިމާވި. އެންމެ ބޮޑު ޗެލެންޖަކަށްވީ އިސްވެރިންނަށް ކޮންވިންސް ކޮށްދެން ރާއްޖެއަކީ ތަފާތު ތަނެއްކަން. ފުރަތަމަ އިކްއިމްޕަންޓުތައް ގެނެސް ޖެހުނީ ރާއްޖެއާ ގުޅޭ ގޮތުން އިކްއިމްޕަންޓް ހަދަން. މީގައިވާ ގޮތަކީ މެދުއިރު މައްޗަކީ ހޫނު ތަނެއް. ރާއްޖޭގެ މާހައުލު ސޯލްޓީ. އެހެންވެ ރާއްޖެއާ ގުޅޭ ގޮތަށް ޖެހުނީ އިކްއިޕްމަންޓްތައް މޮޑިފައި ކުރަން. އެހެންވެ ޓެކްނިކަލް ޓީމުތައް ރާއްޖެ އައިސް ބަލައިފައި ތައްޔާރު ކުރަނީ،" ނިޔާ ވިދާޅުވި އެވެ.
އުރީދޫގެ ވަޒީފާގައި ނިޔާ މަސައްކަތް ކުރައްވާތާ ގިނަ ދުވަސް ތަކެއް ވެފައިވާއިރު، ފާހަގަ ކޮށްލެވޭ ގިނަ ދުވަސް ތަކެއް ވެސް އެ ބަހުއްޓެވެ. މިގޮތުން ވަތަނިއްޔާގެ ހިދުމަތް ރާއްޖެ އަށް ތައާރަފު ކުރި ދުވަސް ނިޔާގެ ހިތު ނުފިލާނެ އެވެ.
"ހަނދާން ހުންނާނެކަން ނޭނގެ. ވަތައްނިޔާ ތައާރަފު ކުރި ދުވަހު މީހަކު ޓަވަރުން ވެއްޓި މަރުވި ދުވަސް. އެއީ ވަރަށް ހަނދާން ހުންނަ ދުވަހެއް. އެ ދުވަހު އެ ތަނުގައި އުޅުނިން،"
ނިޔާ ހަނދާނުން ނުފިލާނެ އަނެއް ދުވަހަކީ، އުރީދޫއަށް ފައިބަ އޮޕްޓިކް އިންޓަނެޓު ލައިސަންސް ލިބުނު ދުވަހެވެ އަދި އާ ޓެކްނޮލޮޖީތައް ތައާރަފު ކުރެވޭ ކޮންމެ ދުވަހެއްވެސް ވަރަށް ހާއްސަ އެވެ. މީގެ އިތުރުން އުރީދޫ އިން ރާއްޖޭގައި ހިއްސާ ވިއްކަން ނިންމި ދުވަސް ވެސް ވަރަށް ފާހަގަ ކުރެ އެވެ. މި ދުވަސް އުފާވެރި ދުވަހަށްވީ ދިވެހިންގެ ހިއްސާ ކުންފުނީގައި އިތުރުވުމަށް އާ ދޮރެއް ހުޅުވިގެން ދިއުމުންނެވެ.
"އަސްލު މިއީ ވަރަށް ޗެލެންޖު ކަމެއް. މީގައި ޖެހެނީ ޕާފޯމަންސް. މި އޮގައިޒިން ތަކުގައި އޮންނަ ވޭ އޮފް ވޯކިން ވަރަށް ތަފާތު. މީގައި ޖެހޭނެ އައުޓް ޕުޓް ނުކުންނަން،" ނިޔާ ވިދާޅުވި އެވެ.
ސްކޫލުގައި އުޅުނުއިރު، އިޔާ ބުކެއް ލިޔެގެން ވިދައިލި ނިޔާއަކީ މިހާރު ދިވެހިން ފަހުރުވެރިވާ ދިވެއްސެކެވެ. އުރީދޫ މޯލްޑިވްސްގެ އެންމެ އިސް މަގާމުގައި ހުރެ އޭނާ ދަނީ ރާއްޖެ ފަހުރުވެރިވާ ފަދަ މަސައްކަތް ތަކެއް ކުރަމުންނެވެ.