މިއުޒިކް

އުނޫޝާއަށް ހިތްވަރު ދީފި

ދިވެހި މިއުޒިކް އިންޑަސްޓްރީގައި މަރިޔަމް އުނޫޝާ ވަރުގެ ދެ ވަނަ ލަވަކިޔުންތެރިއެއް ނެތް ކަމަށް ގަބޫލުކުރާ އެތައް ބަޔަކު އެބަތިއްބެވެ. މިއުޒިކް އިންޑަސްޓްރީގައި ފިޔަޖަހައިގަނެ މައްޗަށް އަރަމުންދާ ލަވަކިޔުންތެރިންތަކަށްވެސް އުނޫޝާއަށްވުރެ މައްޗަސް ފިޔަ ނުޖެހޭނެކަމަށްވެސް ގަބޫލުކުރެ އެވެ. ފަހަރުގައި މިއީ ހަގީގަތަކަށްވެސް ވެދާނެ އެވެ. ނުވަތަ އުނޫޝާ އާ އެއް ހަމައެއްގައި ވާދަކޮށް އެއަށްވުރެ މައްޗަށް ފިޔަޖަހައިގަންނާނެ ތަރިންވެސް އުފެދިދާނެ އެވެ. ނަމަވެސް ނަމްބަރުން ތަރުތީބު ކުރާނަމަ ހަމަގައިމުވެސް އުނޫޝާ ހިމެނޭނީ ނަމްބާ ވަން ގައެވެ.

ބޮލީވުޑް ފިލްމަކަށް ލަވައެއް ކީ ދިވެހި ލަވަކިޔުންތެރިޔާ އަދި ރާއްޖޭން ބޭރުގައި ދިވެހި ލަވަކިޔުންތެރިއެއްގެ ޝޯތަކެއް ބޭއްވުނު ހަމައެކަނި ލަވަކިޔުންތެރިޔަކީވެސް އުނޫޝާ އެވެ. ފްރެންޗައިޒް އުސޫލުން ރާއްޖޭގައި މިއަހަރު އަލަށް ބޭއްވި އަދި ރާއްޖޭގެ އާބާދީގެ 80 ޕަސަންޓު މީހުންގެ ޝައުގުވެރިކަން ދަމައިގަން ޝޯގެ ޖަޖިން ޕެނަލްގައި ހިމެނޭ ހަމައެކަނި އަންހެން ބައިވެރިޔާ އުނޫޝާ މިވަނީ އަނެއްކާވެސް އިތުރު ހަރުފަތެއް ކުރިއަށް ޖެހިލާފަ އެވެ. ލަވަކިޔުމާއި، މީހުން ތަމްރީނު ކުުރުމުގެ ދާއިރާއިން އުނޫޝާ މިވަނީ ރައީސް ދެއްވާ ހިތްވަރު ދިނުމުގެ އިނާމް ހާސިލްކޮށްފަ އެވެ.

ސްކޫލް ދައުރުން ފެށިގެން ލަވަކިޔުމުގެ ދާއިރާގައި ހަރަކާތްތެރިވާ އުނޫޝާވަނީ ސްކޫލްގައި އުޅެމުންވެސް އެތައް ކާމިޔާބީއެއް ހާސިލްކޮށްފަ އެވެ. އަދި އެއަށްފަހު ރާއްޖޭގައި ބާއްވަފައިވާ އެކި ފެންވަރުގެ ލަވަ މުބާރާތްތަކުގެ ޖަޖުކަންވެސް ކޮށްފައިވާ ފަރާތެކެވެ. އަދި މޯލްޑިވިއަން އައިޑޮލްގެ ސީޒަން ދެ އެއްގައިވެސް ގިނަ މީހުންގެވެސް "ފޭވަރިޓް" އުނޫޝާ ހިމެނެ އެވެ. އުނޫޝާވަނީ ބައިނަލްއަގްވާމީ ޝޯތަކުގައިވެސް ރާއްޖެ ތަމްސީލުކޮށް ރީތި ނަން ހޯދައިދީފަ އެވެ.

އުނޫޝާއަކީ ކުޑަކުދިންގެވެސް ފޭވަރީޓް އެކެވެ. ޓީވީއެމްއިން ގެނެސްދިން "ލެޓްސް ސިންގް ވިތް ކިޑީ" ޕްރޮގްރާމުން އެތައް ސަތޭކަ ކުޑަކުދިންނެއްގެ ހިތްތަކުންވަނީ ޖާގަ ހޯދާފަ އެވެ.