ދައުލަތުގެ ބަޖެޓް

ބަޖެޓްގެ ބޮޑު މަންޒަރު: މިދަނީ ރަނގަޅު މިސްރާބަކަށް

Nov 14, 2016
3
  • އެންމެ މުހިންމީ ބަޖެޓް ތަންފީޒު ކުރުން
  • ރިކަރަންޓް ހަރަދު ވަނީ 11 ޕަސެންޓް ކުޑަކޮށްފައި
  • ބަޖެޓްގެ ބޮޑު ބައެއް އުމްރާނީ ތަރައްގީއަށް

އަންނަ އަހަރަށް ލަފާކޮށްފައި ސަރުކާރުން މިހާރު ވަނީ 300 މިލިއަން ރުފިޔާގެ ޑެފިސިޓަކާއެކު، މަޖިލީހަށް 26.8 ބިލިއަން ރުފިޔާގެ ބަޖެޓެއް ހުށަހަޅައިފަ އެވެ. އަހަރުން އަހަރަށް ސަރުކާރުން ހުށަހަޅާ ބަޖެޓް ބޮޑުވަމުން ގޮސް އެންމެ ފަހުން މިފަހަރު މި ވަނީ މިއަހަރަށް ވުރެ، ގާތްގަނޑަކަށް ބިލިއަނެއްހާ ރުފިޔާ ކުޑަ ބަޖެޓެއް މަޖިލީހަށް ހުށަހަޅައިފަ އެވެ. މަޖިލީހުން ބަޖެޓް ދިރާސާކޮށް ބަދަލު ގެންނަ އިރު، ދައުލަތުގެ ބަޖެޓް މިއަހަރުގެ ބަޖެޓާ އެއްވަރު ވުމުގެ ފުރުސަތު ވެސް އަދި އޮތީ ހުޅުވިފަ އެވެ. މިފަހަރު ލިބޭ ބަޖެޓް ކުޑަވާނެ ކަމަށް ނިންމޭނީ މަޖިލީހުގެ މަރުހަލާތައް ނިމި ބަޖެޓް ފާސްވުމުންނެވެ.

މިއަހަރުގެ މުޅި ބަޖެޓް ފިނޭންސުން އެކުލަވާލާފައި ވަނީ ހަތަރު އަމާޒެއް ހާސިލް ކުރުމުގެ މައްޗަށެވެ. އެންމެ ފުރަތަމަ އަމާޒަކީ އުމްރާނީ ތަރައްގީ އާއި ރަށްވެރިކަން، ދިރިއުޅުމުގެ ފެންވަރު ރަނގަޅު ކުރުން އަދި އިގްތިސާދީ ދުވެލި ހަލުއިކޮށް ވަޒީފާގެ ފުރުސަތު އިތުރުކުރުން އަދި ދައުލަތުގެ ޑެފިސިޓް ކުޑަކުރުމެވެ. ކޮންމެ އަހަރަކު ވެސް ބަޖެޓް ހުށަހަޅަކީ މިކަހަލަ މުހިންމު އެތައް މަގުސަދެއް ހާސިލް ކުރުމަށެވެ. އެހެން ނަމަވެސް އަހަރު ނިންމާލަން ޖެހެނީ އޭގެ ތެރެއިން ބައިކުޅަ ބައިވެސް ފުރިހަމަ ނުކުރެވި އެވެ.

މިހާރު އެންމެންގެ ސުވާލަކީ ވެސް މި ބަޖެޓުން އެ މަގުސަދުތައް ހާސިލްވާނެ ހެއްޔެވެ؟ މި ބަޖެޓާ އެކު އިގްތިސާދަށް އަންނާނީ ކޮން ބަދަލުތަކެއް ހެއްޔެވެ؟ މިއީ ހަމަ ރިއަލިސްޓިކް ނޫނީ ހާސިލް ކުރެވޭނެ ކަންތައްތަކެއް ހުރި ބަޖެޓެއް ހެއްޔެވެ؟

ރިކަރަންޓް ހަރަދު ކުޑަވުން؛ ކުރިއެރުމެއް

ދައުލަތް ހިންގުމަށް ދުވަހުން ދުވަހަށް ހިނގާ ހަރަދުތައް ބޮޑުވުން އޮންނަނީ ކޮންމެ އަހަރެއްގެ ވެސް ބަޖެޓްގައި ބޮޑު މައްސަލައަކަށް ވެފަ އެވެ. އެ ހަރަދުތައް ބޮޑުވުމުގެ ސަބަބުން ބަޖެޓް އޮންނަނީ އެ ދިމާލަށް މާ ބޮޑަށް ބުރަވެފަ އެވެ. އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި ރިކަރަންޓް ހަރަދު ވަނީ 11 ޕަސެންޓަށް ވުރެ ކުޑަކޮށްފަ އެވެ. މިއީ އަހަރުން އަހަރަށް ރިކަރަންޓް ހަރަދު ކުޑަކޮށް ހުށަހެޅި ފުރަތަމަ ބަޖެޓެވެ.

ރިކަރަންޓް ހަރަދަކީ ހަގީގަތުގައި ހުޅުޖަހާ ފައިސާ ކަމަށް ސިފަ ކުރެވިދާނެ އެވެ. މިއަހަރަށް މަޖިލީހުން ފާސްކޮށް ދިން 27.5 ބިލިއަން ރުފިޔާގެ ބަޖެޓުން 15.8 ބިލިއަން ރުފިޔާ، 59.1 ޕަސެންޓަކީ ރިކަރަންޓް ހަރަދެވެ. ހާއްސަގޮތެއްގައި މުވައްޒަފުންގެ އެލަވެންސާއި މުސާރަ އަދި އޮފީސް ހިންގުމަށް ކުރަން ޖެހޭ ހަރަދު ހުރީ، 6.9 ބިލިއަން ރުފިޔާ، 43 ޕަސެންޓްގަ އެވެ. އެހެން ނަމަވެސް، އަންނަ އަހަރުގެ ބަޖެޓުގައި ރިކަރަންޓް ހަރަދު ވަނީ 13.6 ބިލިއަން ރުފިޔާއަށް ކުޑަކޮށް، އެ ހަރަދު މުޅި ޖުމްލަ ބަޖެޓްގެ 49.3 ޕަސެންޓަށް ދަށްކޮށްފަ އެވެ.

ރިކަރަންޓް ހަރަދަށް އެންމެ ބޮޑު ހޭދައެއް ހިނގާ، މުވައްޒަފުންގެ މުސާރަ އާއި އެލަވަންސަށް ކުރާ ހަރަދުން ވަނީ 117.6 މިލިއަން ރުފިޔާ އުނިކޮށް 6.8 ބިލިއަން ރުފިޔާއަށް އެ ހަރަދު ކުޑަކޮށްފަ އެވެ. އޮފީސް ހިންގުމުގެ ރިކަރަންޓް ހަރަދުން ވެސް 424.1 މިލިއަން ރުފިޔާ މަދު ކުރުމަށް ވެސް ހިމަނާފައިވެ އެވެ.

ސޯޝަލް ސެކިއުރިޓީގެ ގޮތުގައި ދޭ އިނާޔަތްތަކަށް އެއް ބިލިއަނަށް ވުރެ ގިނައިން ހަރަދު ކުރަމުން އައި ނަމަވެސް އެ ހަރަދު އަންނަ އަަހަރު 856 މިލިއަން ރުފިޔާއަށް ކުޑަ ކުރުމަށް ވަނީ ހިމަނައިފަ އެވެ. އަދި ތަކެތީގެ އަގު ހެޔޮ ކުރުމަށް ދޭ ސަބްސިޑީތަކުގެ ގޮތުގައި 458.3 މިލިއަން ރުފިޔާ ހަރަދު ކުރި ނަމަވެސް އެ އަދަދު، 130 މިލިއަން ރުފިޔާއަށް ކުޑަ ކުރަން ވެސް ހިމަނާފައިވެ އެވެ.

ފިނޭންސް މިނިސްޓަރު، އަހުމަދު މުނައްވަރު ވިދާޅު ވަނީ ލިބޭ ހުރިހާ ފައިސާ ރިކަރަންޓް ހަރަދެއް އަބަދު ހޭދަ ކުރަން ތިބެވޭކަށް ނެތް ކަމަށާއި ލިބޭ ފައިސާ އިން އުމްރާނީ މަސައްކަތްތައް ހިންގައި ތަރައްގީއަށް ފޯކަސް ކުރަން ޖެހޭ ކަމަށެވެ. އެގޮތުން ރިކަރަންޓް ހަރަދު ކުޑަކުރަނީ، މުވައްޒަފުންނަށް އިތުރުގަނޑީގައި މަސައްކަތް ކުރެވޭނެ އުސޫލު ހަރުކަށިކޮށްގެންނާއި އިދާރީ ގޮތުން ހިދުމަތް ދިނުމުގައި ގެންގުޅޭ އުސޫލުތައް ވަރުގަދަކޮށްގެންނެވެ. އޭނާ ވިދާޅުވީ އެކަމުގެ ސަބަބުން މުވައްޒަފުންނަށް ލިބޭ އެއްޗެއް މަދުނުވާނެ ކަމަށާއި އަދި ސަރުކާރުން ދޭ ހިދުމަތް ތަކަށް ވެސް އަސަރެއް ނުކުރާ ކަމަށެވެ. ސަބްސިޑީ ވެސް ހައްގުވާ ފަރާތްތަކަށް ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ރިކަރަންޓް ހަރަދު ކުޑަވުމަކީ ރަނގަޅު ދިމާލަކަށް ދައުލަތުގެ ހަރަދުތައް އަނބުރާލުމަށް އެޅޭ ފުރަތަމަ ފިޔަވަޅެވެ. އެކަމަކު އެމްއެމްއޭގެ ލަފަޔަކީ ވެސް ކޮންމެހެން އާންމު ރައްޔިތުންނަށް ލިބެން ޖެހޭ ހެލްތް އިންޝްއަރެންސް ފަދަ ކަންތައްތަކަށް ބުރޫ ނާރާނެ ގޮތަކަށް އެކަން ކުރުމަށް އެދިވަޑައިގެންފަ އެވެ. އަދި މުވައްޒަފުންގެ ތަމްރީނާއި ތަރައްގީއަށް ކުރާ ހަރަދު ވެސް ކުޑަވުމަކީ އިގްތިސާދީ ނަޒަރިއްޔާއަކުން އެމްއެމްއޭގެ ކަންބޮޑުވުމެކެވެ. އެމްއެމްއޭ އިން ގަބޫލު ކުރާ ގޮތުގައި ރިަކަރަންޓް ހަރަދެއް ގޮތަށް އެ ފައިސާ ހިމެނުނު ނަމަވެސް އެއީ އިންސާނީ ތަރައްގީގެ ގޮތުގައި ހިމެނޭ ކެޕިޓަލް ހަރަދެއްގެ ގޮތުގައި ބަލައިގެން އެކަމަށް ހިނގާ ހަރަދު ކުޑަނުކުރުމަށް ވަނީ އެދިފަ އެވެ.

ބޮޑެތި މަޝްރޫއުތަކާ ދިމާލަށް

އަންނަ އަހަރުގެ ބަޖެޓްގައި މެގަ މަޝްރޫއުތަކުގެ ގޮތުގައި 16 މަޝްރޫއެއް ހިންގުމަށް ސަރުކާރުން މި ވަނީ ރާވައިފަ އެވެ. އެ ހުރިހާ މަޝްރޫއުތަކާ އެކު ކެޕިޓަލް ހަރަދަށް، 13.2 ބިލިއަން ރުފިޔާ ހަރަދު ކުރަން ވަނީ ނިންމައިފަ އެވެ. އޭގެ ތެރެއިން 60 ޕަސެންޓް ކަމަށްވާ، އަށް ބިލިއަން ރުފިޔާ ހަރަދު ކުރާނީ އުމްރާނީ ތަރައްގީގެ މަޝްރޫއުތަކަށެވެ. އެއީ އާންމު ބަޖެޓުން 4.4 ބިލިއަން ރުފިޔާ އާއި ބޭރުގެ ލޯނުން 2.9 ބިލިއަން ރުފިޔާ އަދި ހިލޭ އެހީން 397.1 މިލިއަން ރުފިޔާ މި މަޝްރޫއުތަކަށް ހަރަދު ކުރާނެ އެވެ.

ހަތަރު ރަށެއްގައި އެއާޕޯޓު އަޅައި ވިޔަފާރީގެ ބޭނުމަށް 20 ފަޅެއް ހިއްކުމާ އެކު މެގަ މަޝްރޫއުތަކަށް ގާތްގަނޑަކަށް އަށް ބިލިއަން ރުފިޔާ ހަރަދު ކުރަން މި ވަނީ ބަޖެޓްކޮށްފަ އެވެ. ތިރީގައި މި ވަނީ މެގަ މަޝްރޫއުތަކެވެ.

  • ހުޅުމާލެ ތަރައްގީކުރުން: 121 މިލިއަން ރުފިޔާ
  • ކުޅުދުއްފުށީ އެއާޕޯޓު (ބިން ހިއްކުމާ އެކު): 157 މިލިއަން ރުފިޔާ
  • ށ. ފުނަދޫ އެއާޕޯޓު (ބިން ހިއްކުމާ އެކު): 150 މިލިއަން ރުފިޔާ
  • ގދ. ފަރެސްމާތޮޑޯ އެއާޕޯޓު (ބިން ހިއްކުމާ އެކު): 147 މިލިއަން ރުފިޔާ
  • ނިލަންދޫ އެއާޕޯޓު (ބިން ހިއްކުމާ އެކު): 171 މިލިއަން ރުފިޔާ
  • އައިޖީއެމްއެޗުގެ 25 ބުރީގެ އިމާރާތް: 1.3 ބިލިއަން ރުފިޔާ
  • ބިން ހިއްކާފައިވާ ތަންތަނުގައި އަޅާ 600 ހައުސިން ޔުނިޓު: 90 މިލިއަން ރުފިޔާ
  • ސައުދީ ރަސްގެފާނުގެ މިސްކިތް: 230 މިލިއަން ރުފިޔާ
  • މާލެ-ހުޅުލެ ބްރިޖު: 287 މިލިއަން ރުފިޔާ
  • މައި އެއާޕޯޓު ތަރައްގީކުރުން: 864 މިލިއަން ރުފިޔާ
  • ވިޔަފާރި ބޭނުމަށް 10 ހެކްޓަރަށް ވުރެ ބޮޑު 20 ފަޅު ހިއްކުން: 107 މިލިއަން ރުފިޔާ
  • ތިލަފުށީގައި އިންސިނަރޭޓަރެއް ބެހެއްޓުން: 100 މިލިއަން ރުފިޔާ
  • ފިނޭންސްގެ އާ އިމާރާތް: 132 މިލިއަން ރުފިޔާ
  • ފެނާއި ނަރުދަމާ: 101 މިލިއަން ރުފިޔާ
  • އެެހެނިހެން މަޝްރޫއުތައް: ހަތަރު ބިލިއަން ރުފިޔާ

"ސަރުކާރުގެ އަމާޒަކީ މި ބަޖެޓު މެދުވެރިކޮށް ގައުމުގެ ތަރައްގީ އާއި ރައްޔިތުންގެ އާއްމު ދިރިއުޅުމުގެ ހާލަތު ބާއްޖަވެރިކުރުން،" މަޖިލީހަށް ބަޖެޓު ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު ވިދާޅުވެފައި ވަނީ މިހެންނެވެ. އެމްއެމްއޭ އިން ވެސް ބަޖެޓަށް ހުށަހެޅި ލަފާގައި ބުނެފައި ވަނީ އުމްރާނީ ތަރައްގީގެ މަޝްރޫއުތަކަކީ އިގްތިސާދީ ގޮތުން ގައުމަށް ފައިދާ ކުރާނެ ގިނަ ވަޒީފާތަކެއް އުފެދޭނެ މަޝްރޫއުތަކެއްކަން ފާހަގަ ކުރެވޭ ކަމަށެވެ.

އިގްތިސާދީ ދާއިރާގެ ބޭފުޅަކު ވިދާޅުވީ މިއަހަރުގެ ބަޖެޓްގައި އުމްރާނީ ތަރައްގީގެ މަޝްރޫއުތަކަށް ފޯކަސް އަނބުރާލާފައި އޮތުމަކީ ބަޖެޓްގެ އެންމެ ޕޮޒިޓިވް އެއްކަންތައް ކަމަށެވެ. އަދި އެ މަޝްރޫއުތައް ހިންގުމުގައި ރާއްޖެއަށް އެންމެ މުހިންމު މަޝްރޫއުތަކަށް އިސްކަން ދީ ކުރީބައިގައި އެ މަޝްރޫއުތަކަށް ފައިސާ ހޯދާނެ ގޮތެއް ހަމަޖައްސަން ޖެހޭ ކަމަށް އެބޭފުޅާ ވިދާޅުވި އެވެ. އެމްއެމްއޭ އިން ވެސް ދެކެނީ މިހެންނެވެ.

ބަޖެޓްގައިވާ ގޮތުގައި އަތޮޅުތަކަށް އަދި މާލެ ސަރަހައްދަށް މަޝްރޫއުތައް ބަހާލާފައި ވަނީ ހަމަހަމަ ވާނެ ގޮތަކަށެވެ. ޕީއެސްއައިޕީގެ ބަޖެޓުން އެންމެ ބޮޑު ހަރަދެއް ކުރަން ރާވާފައި ވަނީ ލަފާފުރުމާއި ދަތުރުފަތުރުގެ ދާއިރާ އަށެވެ. މި ދާއިރާ އަށް 2.2 ބިލިއަން ރުފިޔާ (ޕީއެސްއައިޕީ ބަޖެޓުގެ 28.7 ޕަސެންޓް) ބަޖެޓުކޮށްފައި ވާއިރު، ސިއްހީ އަދި އިޖުތިމާއީ ތަރައްގީ އަށް 1.8 ބިލިއަން ރުފިޔާ (ޕީއެސްއައިޕީ ބަޖެޓުގެ 22.3 ޕަސެންޓް) ވަނީ ކަނޑައަޅައިފަ އެވެ. އަދި ފެނާއި ނަރުދަމާގެ ނިޒާމު ގާއިމުކަން 796.9 މިލިއަން ރުފިޔާ (ޕީއެސްއައިޕީ ބަޖެޓުގެ 10 ޕަސެންޓް)، ބިން ހިއްކުމާއި މަގު ހަދަން 603.2 މިލިއަން ރުފިޔާ (ޕީއެސްއައިޕީ ބަޖެޓުގެ 7.6 ޕަސެންޓް)، ތިމާވެށި ރައްކާތެރިކުރަން 585 މިލިއަން ރުފިޔާ (ޕީއެސްއައިޕީ ބަޖެޓުގެ 7.3 ޕަސެންޓް) އަދި ބޯހިޔާވަހިކަމަށް 494.9 މިލިއަން ރުފިޔާ (ޕީއެސްއައިޕީ ބަޖެޓުގެ 6.2 ޕަސެންޓް) ވަނީ ހަމަޖައްސައިފަ އެވެ.

މީގެ އިތުރުން، މިސްކިތް އިމާރާތްކުރުމަށް 451.8 މިލިއަން ރުފިޔާ، އިދާރީ ވަސީލަތްތައް ތަރައްގީ ކުރަން 266.7 މިލިއަން ރުފިޔާ، ތައުލީމާ ގުޅޭ ވަސީލަތްތައް ތަރައްގީ ކުރަން 291.7 މިލިއަން ރުފިޔާ، ގައުމީ ސަލާމަތާއި ސުލްހަ މަސަލަސްކަން ގާއިމްކުރުމުގެ ވަސީލަތްތައް ތަރައްގީ ކުރަން 270.6 މިލިއަން ރުފިޔާ އަދި އެހެނިހެން ވަސީލަތްތައް ތަރައްގީ ކުރަން 67.9 މިލިއަން ރުފިޔާ ވަނީ ބަޖެޓުކޮށްފަ އެވެ.

ޑެފިސިޓް ކޮންމެހެން ކުޑަކުރަން ޖެހޭ

އަންނަ އަހަރުގެ ބަޖެޓު ޑެފިސިޓް ހުންނާނީ، ބަޖެޓުގައި އަންދާޒާކޮށްފައިވާ ގޮތުގައި، 303.7 މިލިއަން ރުފިޔާގަ އެވެ. އެއީ ގައުމީ އުފެއްދުންތެރިކަމުގެ (ޖީޑީޕީ)ގެ ނިސްބަތުން ފަސް ޕަސެންޓް ކަމަށް ވާއިރު، އަންނަ އަހަރުގެ ބަޖެޓުގައި 1.1 ބިލިއަން ރުފިޔާ އަރަނި ވާނެ އެވެ. އެއީ ޖީޑީޕީގެ ނިސްބަތުން 1.7 ޕަސެންޓެވެ.

ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނުގެ ދަށުން މިއަހަރުގެ ނިޔަލަށް ބަޖެޓް ޑެފިސިޓް ޖީޑީޕީ ނޫނީ އުފެއްދުންތެރިކަމުގެ 3.5 ޕަސެންޓަށް ވުރެ އިތުރު ނުވާނެ ވަރެއްގައި ހިފަހައްޓަން ޖެހެ އެވެ. ދައުލަތުގެ ޖުމްލަ ދަރަނި 60 ޕަސެންޓްގައި ހިފަހައްޓަން ޖެހެ އެވެ. އެމްއެމްއޭ އިން ބަޖެޓް އިވެލުއޭޓްކޮށްފައި ބުނެފައި ވަނީ އަންނަ އަހަރުގެ ބަޖެޓުން އެ އަމާޒުތައް ހާސިލް ކުރެވޭނެ ކަމަށެވެ.

އެހެން ނަމަވެސް މިއަހަރުގެ ބަޖެޓްގައި އެ އަމާޒުތައް ހާސިލް ކުރެވިފައެއް ނުވެ އެވެ. ޖީޑީޕީގެ ނިސްބަތުން ގައުމުގެ ޖުމްލަ ދަރަނި 70 ޕަސެންޓަށް މިއަހަރު ނިމޭ އިރު އަރާނެ ކަމަށް ވަނީ އަންދާޒާ ކުރެވިފަ އެވެ. ފިނޭންސް މިނިސްޓަރު ވިދާޅު ވަނީ އަންނަ އަހަރު ބަޖެޓް ޑެފިސިޓް ކުޑަކޮށް ދަރަނިތައް ދެއްކުމަށް އިސްކަމެއް ދީފައިވާނެ ކަމަށެވެ. އެގޮތުން އެ ދަރަނިތައް އަދާ ކުރުމަށް 1.5 ބިލިއަން ރުފިޔާ ހަރަދު ކުރަން ވަނީ ހިމަނައިފަ އެވެ.

ސޮވަރިން ވެލްތް ފަންޑް: އާ ފެށުމެއް

އަހަރަކު ބިލިއަނަކަށް ވުރެ ގިނަ ރުފިޔާ ލައިގެން، ފަހަށް ރައްކާކުރަން ފަންޑެއް ގާއިމުކުރަން ސަރުކާރުން ނިންމައި މި ވަނީ ބަޖެޓްގައި ހިމަނައިފަ އެވެ. ބަޖެޓުގައި ހިމަނާފައިވާ މި ފަންޑަށް އަންނަ އަހަރު ދައުލަތުގެ ބަޖެޓުން 1.1 ބިލިއަން ރުފިޔާ ލާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ. ޖެހިގެން އަންނަ 2018 ވަނަ އަހަރު ދައުލަތުގެ ބަޖެޓުން 1.4 ބިލިއަން ރުފިޔާ އަދި 2019 ގައި 1.6 ބިލިއަން ރުފިޔާ މި ފަންޑަށް ޖަމާކުރަން ވެސް ވަނީ ހުށަހަޅައިފަ އެވެ.

ސޮވެރިން ޑިވެލޮޕްމަންޓް ފަންޑުގެ ނަމުގައި ހިންގާ މި މާލީ ރިޒާވަށް މައިގަނޑު ގޮތެއްގައި ޖަމާކުރާނީ އަންނަ އަހަރު ނަގަން ހުށަހަޅާފައިވާ އެއާޕޯޓު ޑިވެލޮޕްމަންޓް ޗާޖްގެ އާމްދަނީ އިން ލިބޭ، 565.8 މިލިއަން ރުފިޔާ އެވެ. ދައުލަތުގެ ރަސްމީ ރިޒާވްގެ ބޭރުން ހިންގާ މި ފަންޑް މަރުކަޒީ ބޭންކުން ބަލަހައްޓާ އިރު، މި ފަންޑުން ފުރަތަމަ ތިން އަހަރުދުވަހުގެ ތެރޭގައި އެއްވެސް ފައިސާއެއް ނުނަގަން ވަނީ ނިންމައިފަ އެވެ. މިފަދަ ފަންޑުތައް ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކުގައި ވަނީ ހަދައިފަ އެވެ. އެކަށީގެންވާ މިންވަރަކަށް ފައިސާ ޖަމާވުމުން، ވަކި އުސޫލެއްގެ މަތިން ނަގަން ފެށޭ ގޮތަށް ހަދާ މިފަދަ ފަންޑުތަކުން ހަރަދުކުރަނީ ފައިސާ ހޯދަން އުދަނގޫ ތަރައްގީގެ މަޝްރޫއުތަކަށެވެ. އަދި ކުއްލި ހާލަތްތަކުގައި ވެސް މިފަދަ ފަންޑުތަކުގެ ބޭނުން ހިފަ އެވެ.

ފިނޭންސް މިނިސްޓަރު މުނައްވަރު ވިދާޅު ވަނީ، މި ފަންޑްގެ ބޭނުމަކީ ފައިސާ ދޫކުރާ ފަރާތްތަކަށް އިތުބާރު ހޯދައިދިނުން ކަމަށާއި އަންނަން އޮތް ޖީލުތަކަށް ދަރަނީގެ ސަބަބުން އަތުވެދާނެ ބުރަތައް ކުޑަކުރުން ކަމަށެވެ. އެމްއެމްއޭ އިން ވެސް ބުނަނީ މިއީ މުހިންމު ފިޔަވަޅެއް ކަމަށާއި އެހެން ނަމަވެސް އޭގެ ކުރިން މި ފަންޑާ ގުޅޭ ގާނޫނާއި ގަވާއިދުތައް މަޖިލީހުގެ ތެރެއިން ފާސްކޮށް އެ ފަންޑް ރަނގަޅަށް ބެލެހެއްޓޭނެ ނިޒާމެއް އުފައްދައި ދިނުމަށް އެދޭ ކަމަށެވެ.

އިތުރު އާމްދަނީ، އެކަމަކު ނުލިބިދާނެ

ބަޖެޓާ ހަމަޔަށް އަންނަ އިރު އަބަދުވެސް ކުރިމަތިވާ އެންމެ ބޮޑު ގޮންޖެހުމަކީ ބަޖެޓް އެކަށީގެންވާ ގޮތުގައި ތަންފީޒު ނުކުރެވުމެވެ. މިސާލަކަށް ބަލާ ނަމަ، ކޮންމެ އަހަރަކު ވެސް ބަޖެޓްގައި އާމްދަނީ ހޯދުމަށް އާ ކަންތައްތަކެއް ހިސާބުކޮށް ޖަހަ އެވެ. އެހެން ނަމަވެސް މަޖިލީހުގެ ތެރެއިންނާއި ސަރުކާރުން އިދާރީ ގޮތުން ހަމަޖައްސަން ޖެހޭ ކަންކަން ނުނިމި އެ ޓެކްސްތައް ނުނެގޭ ގޮތް ދިމާވެ އެވެ. ނަތީޖާއެއްގެ ގޮތުން ބަޖެޓް ޑެފިސިޓް އިންތިހާއަށް ބޮޑުވެ އެވެ. އަންނަ އަހަރު ވެސް މުޅިން އަލަށް ތައާރަފް ކުރާ ކަންކަމުން ދެ ބިލިއަން ރުފިޔާ ހޯދަން ވަނީ އަމާޒު ހިފާފަ އެވެ.

އެހެން ނަމަވެސް މަޖިލީހުން ގިނަ ގާނޫނުތަކަށް ބަދަލު ގެންނަން ޖެހޭތީ އެ އާމްދަނީ ރިއަލައިޒް ވެދާނެ ކަމާ މެދު ޝައްކެވެ. ދައުލަތަށް ލިބޭނެ ކަމަށް ލަފާކޮށްފައިވަނީ 21.9 ބިލިއަން ރުފިޔާ އެވެ. އެއީ ޓެކްސްގެ ގޮތުގައި ލިބޭނެ ކަމަށް އަންދާޒާ ކުރެވޭ 14.1 ބިލިއަން ރުފިޔާ އާއި ޓެކްސްގެ ބޭރުން ލިބޭނެ ކަމަށް ބެލެވޭ 4.8 ބިލިއަން ރުފިޔާ އާއި ހިލޭ އެހީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކުރެވޭ 878 މިލިއަން ރުފިޔާ އަދި އާމްދަނީ އިތުރުކުރަން ހުށަހަޅާފައިވާ ކަންކަމުން ލިބޭނެ ކަމަށް އަންދާޒާ ކުރެވޭ ދެ ބިލިއަން ރުފިޔާާ އެވެ.

އެހެން ނަމަވެސް ސަރުކާރުން ބުނަނީ އެއީ ހަގީގަތުގައި ވެސް ލިބޭނެ އާމްދަނީ ކަމަށެވެ. ފިނޭންސް މިނިސްޓަރު ވިދާޅުވަނީ ތޯތޯކޮށް އާމްދަނީ ލިބޭނެ ކަމަށް ނުޖަހާ ކަމަށާއި އެއީ އަސްލު ވެސް ހޯދޭނެ އާމްދަނީ ކަމަށެވެ. އެކަމަކު މީގެ ކުރިން ކަންވެފައި ހުރި ގޮތަށް ބަލާއިރު އެކަން އެގޮތަކަށް ނުހިނގަ އެވެ.

""މައިގަނޑު ގޮތެއްގައި އަޅުގަނޑުމެން ހުރިހާ ރެވެނިއު ބޭސްކޮށްފައި މިހުރީ ވަރަށް ހިކުމަތްތެރިކޮށް، ހަމަ ކޮންމެ ގޮތަކަށް ނަގާކަށް ނޫން. މިސާލަކަށް ކޮންޖެޝަން ފީ ކަމަށް ވިޔަސް އަދި އެއާޕޯޓް ފީ ކަމަށް ވިޔަސް ވަރަށް ބޮޑަށް ބައްޓަންކޮށްފައި މިހުރީ ސްޕެސިފިކް ކަންތައްތަކަކަށް،" މުނައްވަރު ވިދާޅުވި އެވެ.

އެހެން ނަމަވެސް އެ އާމްދަނީ ނުލިބިއްޖެ ނަމަ، އިތުރަށް ޓީބިލް ވިއްކަން ޖެހިއްޖެ ނަމަ އެމްއެމްއޭ އިން ބުނަނީ ޓީބިލްގެ އިންޓަރެސްޓް ރޭޓްތައް ބޮޑު ކުރަން ޖެހޭނެ ކަމަށެވެ. އޭގެ ސަބަބުން ދަރަނި ދެއްކުމަށް ކުރަން ޖެހޭ ހަރަދު ސަރުކާރަށް ވަރަށް ބޮޑުވާނެ އެވެ. އަދި އިގްތިސާދީ ނަޒަރިއްޔާ އަކުން ބަލާއިރު ޓީބިލް ވިއްކުމުގެ ސަބަބުން އާންމުންނަށް ދޫކުރަން ހުންނަ ފައިސާ މަދުވެ ބޭންކްތަކަށް އަސަރުތަކެއް ކުރާނެ އެވެ.

މުހިންމީ ތަންފީޒު ކުރުން

ކިތަންމެ މޮޅު ބަޖެޓެއް ވެސް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ދާނެ އެވެ. މިއަހަރުގެ ބަޖެޓް ވެސް އޮތީ ތަރައްގީގެ ގިނަ ކަންކަން ހާސިލް ކުރުމަށް އަމާޒު ހިފާފަ އެވެ. އެހެން ނަމަވެސް އެ ބަޖެޓް ތަންފީޒު ކުރަން ކުރަން ޖެހޭ މަސައްކަތް ވަރަށް ބޮޑުވެފައި ބުރަ އެވެ. އެމްއެމްއޭގެ ގަވަރުނަރު އަޒީމާ އާދަމް ވެސް ރޭ ވިދާޅުވީ މުހިންމީ ފާސްކުރާ ބަޖެޓް ތަންފީޒު ކުރުން ކަމަށާއި އެހެން ނޫން ނަމަ އިގްތިސާދީ ގޮތުން ގޮންޖެހުންތައް ކުރިމަތިވާނެ ކަމަށެވެ. އެކަމަނާ ދެކެވަޑައިގެން ގޮތުގައި ބަޖެޓް ތަންފީޒު ވޭތޯ ރައްޔިތުން މަޖިލީހުން އަހަރުގެ އެކި މުއްދަތުތަކުގައި ބަލާ ފާރަވެރިވާން ޖެހެ އެވެ. އަދި އެންމެންގެ އެއްބާރުލުމާ އެކު ބަޖެޓަކީ ތަންފީޒު ކުރެވޭ އެއްޗަކަށް ހެދިދާނެ އެވެ.

ބަޖެޓާ އެކު އަންދާޒާ އަކީ، އަންނަ އަހަރު ރާއްޖޭގެ އިގްތިސާދު 4.4 ޕަސެންޓްގައި ކުރިއަރާނެ ކަމަށެވެ. މިއަހަރު ލަފާ ކުރި އަދަދަށް އިގްތިސާދު ކުރި ނާރާ އެ އަދަދު ވަނީ 3.9 ޕަސެންޓަށް ވެއްޓިފަ އެވެ. އަދި ރަސްމީ ރިޒާވްގައި މި އަހަރު ނިމޭ އިރު 536 މިލިއަން ޑޮލަރު، 8.2 ބިލިއަން ރުފިޔާގައި ހުރި ނަމަވެސް އަންނަ އަހަރު ނިމޭ އިރު، ރަސްމީ ރިޒާވް އަންނަ އަހަރު 605 މިލިއަން ޑޮލަރު، 9.2 ބިލިއަން ރުފިޔާ އަށް ޖެއްސޭނެ ކަމަށް މި ވަނީ ލަފާކޮށްފަ އެވެ. އެކަމަކު މި ހުރިހާ ކަމެއް ހާސިލް ކުރެވޭނީ ވެސް ހުށަހަޅާ ބަޖެޓާ އެއްގޮތަށް ކަންތައްތައް ތަންފީޒު ކުރެވިގެންނެވެ.