ފައިނަލުގައި ޓީސީ ސްޕޯޓްސް ކުލަބުގެ މައްޗަށް 3-1 ގެ ނަތީޖާ އަކުން ކާމިޔާބު ހޯދައި އެފްއޭ ކަޕްގެ ޗެމްޕިއަންކަން ވެލެންސިއާ އިން ހޯދައިފިއެވެ.
އެފްއޭ ކަޕްގެ ކާމިޔާބާ އެކު ތައްޓެއް ނުހޯދި ވެލެންސިއާ އަށް ކުރިމަތިވި ފަޅުކަމަށް ވަނީ ނިމުން ގެނެސްފައެވެ. މިއީ އެޓީމުން އެފްއޭ ކަޕް ކާމިޔާބު ކުރި ފަސް ވަނަ ފަހަރެވެ. އަދި އެ ޓީމުން މުބާރާތް ކާމިޔާބު ކުރީ 12 އހަރަށް ފަހުއެވެ. އެންމެ ފަހުން އޓީމުން މި މުބާރާތް ކާމިޔާބު ކޮށްފައިވަނީ 2004 ވަނަ އަހަރުއެވެ.
ސީޒަންގެ އެހެން މެޗްތަކާ ހިލާފަށް މޮޅަށް ކުޅުމެއް ދެއްކި ވެލެންސިއާ އިން ވަނީ މެޗްގައި ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސް ކޮށްފައެވެ.
މެޗްގައި ވެލެންސިއާ އަށް ދެ ލަނޑު ކާމިޔާބު ކޮށްދިން އަދުހަމް ވަނީ މެޗްގައި މޮޅު ކުޅުމެއް ދައްކާފައެވެ.
ފުރަތަމަ ލަނޑު އަދުހަމް ކާމިޔާބު ކުރީ މެޗްގެ 23 ވަނަ މިނެޓްގައި އަވީލޯ ތަނަވަސްކޮށްދިން ފުރުސަތެއް ޓީސީގެ ޕެނަލްޓީ އޭރިއާ ތެރޭގައި ހުރެފައި ގޯލް ތެރެއަށް ފޮނުވާލައިގެންނެވެ.
ލަނޑުގެ ކުރިންވެސް އަވީލޯ ވަނީ ލަނޑު ޖަހާނެ ދެ ފުރުސަތެއް ތަނަވަސް ކޮށްދީފައެވެ.
މެޗްގައި ޓީސީ އަށް ދިމާވި އެންމެ ބޮޑު މައްސަލައަކީ ފަހަތުން ހެދެމުން ދިޔަ މިސްޓޭކްތަކުގެ ސަބަބުން ވެލެންސިއާގެ އަވީލޯއަށް ލިބުނު ބޯޅަތައް ނުރައްކާ ވުމެވެ.
އެކަން ފޫބައްދަން އެޓީމުގެ ކޯޗް މުހައްމަދު ނިޒާމު މެޗްގެ ކުރީ ކޮޅުގައި ގެނައި ބަދަލުތަކުންވެސް އެކަން ފޫބެދޭ ގޮތެއް ނުވިއެވެ.
ވެލެންސިއާގެ ދެ ވަނަ ލަނޑު މެޗްގެ 39 ވަނަ މިނެޓްގައި ކާމިޔާބު ކުރީ އަވީލޯ ދިން ފުރުސަތަކުން ހުސައިން ނިހާންއެވެ.
އެލަނޑަފަހު ޓީސިން ވަނީ ނަތީޖާ ބަދަލު ކުރުމަށްޓަކައި ދެ ވަނަ ބަދަލު ގެނެސްފައެވެ. އަހްމަދު ނިޒާމްގެ ބަދަލުގައި ހަސަން ނާއިޒު ކުޅެން އަރައި ޓީސީގެ ހަމަލާތަކުގައި ބައިވެރިވާން ފެށިއެވެ.
ނާއިޒު ހަސަން (ދާދު) ކުޅެން އެރިތާ މިނެޓެއް ނުވަނީސް ޓީސީގެ ލަނޑު އަލީ ފާސިރު (ސެންޓޭ) ތަނަވަސް ކުރި ފުރުސަތަކުން ކާމިޔާބު ކުރީ އަލީ ނާފިއު (ކަޅޭ) އެވެ.
އެ ނަތީޖާއިން ފުރަތަމަ ހާފު ނިމުމަށްފަހު ޓީސީން ވަނީ ނަތީޖާ ބަދަލު ކުރުމަށް މުޅި ޓީމު ކުރިއަށް ޖެހި ބުރަ މަސައްކަތްތަކެއް ކޮށްފައެވެ.
ޓީސީގެ މުޅި ޓީމު ހަމަލާ އުފެއްދުމަށްޓަކައި ކުރިއަށް ޖެހިތިބި ވަގުތު ވެލެންސިއާ އިން އުފެއްދި ކައުންޓަ އެޓޭކް ހަމަލާއެއްގައި އެޓީމު ތިން ވަނަ ލަނޑު ކާމިޔާބު ކުރީ އަދުހަމްއެވެ.
ލަނޑަށް ފަހުވެސް ދެ ވަނަ ހާފުގައި ގިނަ ހަމަލާތަކެއް އުފައްދައިގެން ކުޅުނީ ޓީސީއެވެ. ޓީސީ އުފެއްދި ހަމަލާތައް ނުރައްކާކޮށް ދިޔައިރު އަލީ ފާސިރު (ސެންޓޭ) ފޮނުވާލި ހިލޭ ޖެހުން ގޯލްތެރެއަށް ވަދެވަދެ އޮތްވައި ވެލެންސިއާގެ ކީޕަރު މުހައްމަދު ފައިސަލް ވަނީ ދިފާއުކޮށް ކޯނަރަކަށް ބޭރުކޮށްލާފައެވެ.
މި ކާމިޔާބާއެކު ވެލެންސިއާ އަށް ވަނީ މިއަހަރުގެ ސީޒަން ނިމިފައެވެ. ނަމަވެސް ޓީސީއަށް ޕްރެޒިޑެންޓް ކަޕް އެބައޮތެވެ. އެމުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ އަންގާރަ ދުވަހުއެވެ.