ރާއްޖެ ކުޅިވަރު

މިނިވަން ޗެމްޕިއަންޝިޕް އޭދަފުށި ކާމިޔާބު ކޮށްފި

Nov 13, 2016
1

ފައިނަލުގައި ތ. ތިމަރަފުށީގެ މައްޗަށް 1-0 ގެ ނަތީޖާއަކުން ކާމިޔާބު ހޯދައި އެސްޓީއޯ މިނިވަން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތް، އޭދަފުށި ކާމިޔާބު ކޮށްފިއެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި ރޭ ކުޅުނު މެޗް ފެށިގެން ފުރަތަމަ ދެ ހަމަލާ އުފެއްދީ ތިމަރަފުށިންނެވެ. ނަމަވެސް މެޗް 10 ވަނަ މިނެޓްގައި އޭދަފުށީ ޓީމުގެ ލަނޑު ކާމިޔާބު ކުރީ ސާމީ އިބްރާހިމެވެ.

ތިމަރަފުށީގެ ޕެނަލްޓީ އޭރިއާގެ ބޭރުން އިރު ދެކުނުން ސާމީއަށް ލިބުނު ބޯޅަ އޭނާ ގޯލް ތެރެއަށް ފޮނުވާލީ ތިމަރަފުށީގެ ކީޕަރު މުހައްމަދު ޝަރުހާން ބޯ މަތިން އޮހިގެންދާ ގޮތަށެވެ.

ލަނޑަފަހު ތިމަރަފުށީ ވިންގްގައި މޮޅު ކުޅުމެއް ދައްކަމުން ދިޔަ އާދަމް ނާސިހް ވަނީ ލަނޑުޖަހަން ނުރައްކާތެރި ފުރުސަތުތަކެއް ތަނަވަސް ކޮށްފައެވެ. ނަމަވެސް އޭނާ ގޯލް އޭރިއާ ތެރެއަށް ހުރަސް ކުރި ކޮންމެ ބޯޅައެއް ކުރިން ނިއުރޭޑިއަންޓަށާއި ވީބީ އައްޑޫ އެފްސީގެ އިތުރުން ވިޔަންސާއަށް ކުޅުނު ތަޖުރިބާ ކާރު ކީޕަރު އަބްދުﷲ ޒިޔަޒަން ވަނީ ސޭވް ކޮށްފަ އެވެ.

ފުރަތަމަ ހާފުގެ 34 ވަނަ މިނެޓްގައި ތިމަރަފުށީ ޓީމުގެ ބިދޭސީ ކުޅުންތެރިޔާ ޑަންކްއާ ޑޭވިޑް އަށް ނާސިހް ތަނަވަސް ކޮށްދިން ބޯޅައެއް ޕެނަލްޓީ އޭރިއާ ތެރެއަށް ވަދެ ފޮނުވާލަން އުޅެނިކޮށް އޭދަފުށީ ޓީމުގެ ޑިފެންޑަރުން ވަނީ ދިފާއުކޮށް ކުރިއަށް ފޮނުވާލާފައެވެ.

ފުރަތަމަ ހާފުގައި އޭދަފުށީ ޓީމަށް ލަނޑުޖަހާނެ އެންމެ ފަހި ފުރުސަތެއް ލިބުނީ އެޓީމުގެ ހުސައިން ޝިފާހް އަށެވެ.

މެޗްގެ 40 ވަނަ މިނެޓާއި 46 ވަނަ މިނެޓްގައިވެސް އޭނާ އަށް ލިބުނު ބޯޅަ ޕެނަލްޓީ އޭރިއާ ތެރެއަށް ވަދެ ފޮނުވާލި ނަމަވެސް އެބޯޅަ ދިޔައީ ގޯލް ދަނޑިމަތިން ބޭރަށެވެ.

ދެ ވަނަ ހާފު ފެށިގެންވެސް ނުރައްކާތެރި ހަމަލާއެއް އެންމެ ފުރަތަމަ އުފެއްދީ ތިމަރަފުށިންނެވެ.

އޭދަފުށީ ޓީމުގެ ޑިފެންޑަރެއް ކައިރިން ނައްޓާ ލުމަށްފަހު ޕެނަލްޓީ އޭރިއާ ތެރެއަށް ވަދެ ނާސިހް ބޯޅަ ކޮންޓްރޯލް ކުރުމަށްފަހު ފަހު ފޮނުވާލަން އުޅުނު ބޯޅަ ޒިޔަޒަން ވަނީ ކުރިއަށް ނިކުމެ ސޭވް ކޮށްފައެވެ.

ނަތީޖާ ހަމަހަމަ ކުރުމަށްޓަކައި ތިމަރަފުށިން ވަނީ ގިނަ ހަމަލާތަކެއް އުފައްދާފަ އެވެ. ނަމަވެސް އޭދަފުށީ ޓީމު ސަލާމަތް ކޮށްދިނީ ޒިޔަޒަންގެ މޮޅު ސޭވް ތަކުންނެވެ.

މެޗްގެ 81 ވަނަ މިނެޓްގައި އޭދަފުއްޓަށް ވަނީ ނަތީޖާ ފުޅާ ކުރުމަށްޓަކައި ރަނުގެ ފުރުސަތެއް ލިބިފައެވެ. ގައުމީ ޓީމުގެ ފޯވަޑް އަލީ ފާސިރު (ސެންޓޭ) ގެ އެއްބަނޑުއެއްބަފާ ބޭބޭ މުހައްމަދު ފާސިރު (ފާއްޓޭ) ތިމަރަފުށީ ޕެނަލްޓީ އޭރިއާ ތެރެއަށް ހުރަސް ކުރި ބޯޅަ ތިމަރަފުށީ އޭރި ތެރޭގައި ހުހަށް ހުރެފައި ޝިފާހް ފޮނުވާލި ބޯޅަ އަމާޒުވީ ގޯލްގެ އަރިމަތީ ދާގަނޑަށެވެ.

މެޗްގެ 89 ވަނަ މިނެޓްގައި ތިމަރަފުށީގެ އަހްމަދު ހައިލަމް އަށް ވަނީ ނަތީޖާ ހަމަހަމަ ކުރުމަށް ރަނުގެ ފުރުސަތެއް ލިބިގެން ގޮސްފައެވެ.

އޭދަފުށީގެ ޕެނަލްޓީ އޭރިއާގެ ރޮނގުމަތިން އޭނާ ފޮނުވާލި ބޯޅަ ދިޔައީ ގޯލްގެ މަތީ ދަނޑިއަށް ވުރެ އިންޗިއެއް ހައި މަތިން ބޭރަށެވެ.

އޭދަފުށީ ޓީމަކީ މިދިޔަ އަހަރު މުބާރާތުގެ ތިން ވަނަ ޓީމެވެ. އެޓީމު ފައިނަލަށް އައީ ސެމީ ފައިނަލުގައި މިދިޔަ އަހަރުގެ ޗެމްޕިއަން ސ. ފޭދޫ ބަލި ކުރުމަށްފަހުއެވެ.