މޯލްޑިވިއަން

އަންނަ އަހަރު ހަ އެއާޕޯޓެއް، މޯލްޑިވިއަން އިން އިތުރު ބޯޓުތައް ގެންނަނީ

Nov 13, 2016

ކުރިއަށް އޮތް އަހަރު ދުވަހުގެ ތެރޭގައި އިތުރު އެއާޕޯޓްތަކެއް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހުޅުވޭނެތީ ގައުމީ އެއާލައިން މޯލްޑިވިއަންގެ ފްލީޓް ވަރުގަދަ ކުރަން އިތުރު ފްލައިޓެއް އަންނަ މަހު ގެންނާނެ ކަމަށް އެ އެއާލައިނުން މިއަދު ބުނެފި އެވެ.

އެ އެއާލައިން ހިންގާ އައިލެންޑް އޭވިއޭޝަން ސާވިސަސް، އައިއޭއެސްގެ އެމްޑީ އަބްދުލް ހާރިސް މިއަދު "އަވަސް" އަށް ވިދާޅުވީ، މިހާރު ގެންނަން ނިންމާފައި ވަނީ ޑޭޝް-8 މަރުކާގެ ފްލައިޓެއް ކަމަށާއި އެ ފްލައިޓް ބޭނުން ކުރާނީ އަލަށް ހުޅުވާ ދ. އަތޮޅު ކުޑަހުވަދޫ އެއާޕޯޓަށް ދަތުރުތައް ބޭއްވުމަށް ކަމަށެވެ. އަންނަ އަހަރުގެ ތެރޭގައި ވެސް އިތުރު ފްލައިޓްތަކެއް ހޯދައި އެ ކުންފުނީގެ ފްލީޓް ވަރުގަދަ ކުރުމުގެ މަސައްކަތްތަކެއް ކުރަން ނިންމާފައިވާ ކަަމަށް ވެސް ހާރިސް މިއަދު ވިދާޅުވި އެވެ.

މޯލްޑިވިއަންގައި މިހާރު ވެސް އެއާބަސް ދެ ފްލައިޓާއި ޑޭސް އަށެއް މަރުކާގެ އަށް ފްލައިޓާއި 10 ސީޕްލޭން ހިމެނޭ ފްލީޓެއް މޯލްޑިވިއަންގައި އޮވެ އެވެ.

"ގިނަ އެއާޕޯޓްތަކެއް ރާއްޖޭގެ އެކި ހިސާބުތަކުގައި ހެދެމުން އަންނާތީ އަޅުގަނޑުމެންގެ ބޭނުމަކީ އަޅުގަނޑުމެންގެ ދަތުރުތައް ވެސް މި އާ މަންޒިލްތަލަށް އިތުރު ކުރުން. އަލަށް މި ގެންނަ ފްލއިޓްގެ އިތުރުން އަންނަ އަހަރު ވެސް އަޅުގަނޑުމެންގެ ފްލީޓަށް އިތުރު ބޯޓުތައް އިތުރު ކުރަމުން އަންނާނެ،" ހާރިސް ވިދާޅުވި އެވެ.

އަންނަ އަހަރުގެ ތެރޭގައި ހަތަރު އެއާޕޯޓެއް ހެދުމަށް ސަރުކާރުން ވަނީ ބަޖެޓްކޮށްފަ އެވެ. އެގޮތުން އެއާޕޯޓްތައް ހެދުމަށް 629.10 މިލިއަން ރުފިޔާ ވަނީ ހިމަނައިފަ އެވެ. މީގެ އިތުރަށް އައްޑޫ އެއާޕޯޓް އިތުރަށް ބޮޑު ކޮށް އަންގާރަ ދުވަހު ހުޅުވުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް ބޮޑު ކުރުމަށް 846.4 މިލިއަން ރުފިޔާގެ މަޝްރޫއެއް ހިންގުމަށް ވެސް ވަނީ ރާވައިފަ އެވެ.

އަންނަ އަހަރު މުޅިން އަލަށް އެއާޕޯޓް ހަދާ ރަށްތަކުގެ ތެރޭގައި ހދ.ކުޅުދުއްފުށި، ށ.ފުނަދޫ، ގދ. ފަރެސްމާތޮޑާ އަދި ފ. ނިލަންދޫ ހިމެނެ އެވެ.