ގުޅިފަޅު

ގުޅިފަޅުގެ ލޭބާޕާކް ތަރައްގީ ކުރަން އަނެއްކާވެސް ހުޅުވާލައިފި

Nov 13, 2016
2

ގުޅިފަޅުގައި ލޭބާ ޕާކެއް ތަރައްގީ ކުރަން ހުޅުވާލި ފުރުސަތަށް އެކަށީގެންވާ ތަރުހީބެއް ނުލިބުމުން ދެވަނަ ފަހަރަށް ބީލަމަށް ހުޅުވާލައިި އެވެ.

ގުޅިފަޅު އިންވެސްޓްމެންޓް (ޖީއައިއެލް) އިން ބުނީ ގުޅިފަޅުގައި ލޭބާ ޕާކެއް ތަރައްގީކޮށް ބަލަހައްޓައި ހިންގަން ޝައުގުވެރިވާ ފަރާތްތަކުން އެކްސްޕްރެޝަން އޮފް އިންޓްރެސްޓް (އީއޯއައި) ހުށަހަޅަން ހުޅުވާލުމުން އެކަށީގެންވާ ތަރުޙީބެއް ލިބިފައިނުވާ ކަމަށާއި އެހެންވެ އަލުން އެކަމަށް ޝައުގުވެރިވެލައްވާ އަދި ޝަރުޠު ހަމަވާ ފަރާތްތަކަށް ބީލަމުގެ ދައުވަތު ދޭ ކަމަށެވެ.

ޖީއައިއެލް އިން ބުނީ ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީ މުވައްޒަފުން ދިރިއުޅޭނެ ރަނގަޅު މާހައުލެއް ގާއިމު ކުރަން ސަރުކާރުގެ އިސްނެންގެވުމަށް ގުޅިފަޅުގައި ލޭބާ ޕާކެއް ތަރައްގީ ކުރަން ނިންމާފައިވާތީ އެ ޕާކް ތަރައްގީކޮށް ހިންގާ އަދި ޚިދުމަތްތައް ފޯރުކޮށްދިނުމަށް ލޭބާ ކްއާޓާސް އިމާރާތް ކުރުމާއި، ކައްކާ ތަންތަނާއި މެސް ރޫމާއި މުނިފޫހިފިލުވުމަށް ޚާއްޞަކޮށް ހެދޭ ތަންތަނާއެކު އެހެނިހެން ޚިދުމަތްތައް ޖީއައިއެލް އިން ކަނޑައަޅާ ގަވާއިދުތަކާ އެއްގޮތަށް ކުރިޔަށް ގެންދިޔުން ހިމެނޭ ކަމަށާއި ރާއްޖެއިން ބޭރުގެ ފަރާތްތަކަށް މި ބީލަމުގައި ފުރުސަތު އެބައޮތް ކަމަށެވެ.

މި ޕްރޮޖެކްޓުގެ ބިޑް ސެކިޔުރިޓީއަކީ 150،000.00 އެމެރިކާ ޑޮލަރެވެ. ބިޑް ސެކިއުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީޙުން ފެށިގެން 168 ދުވަހެވެ. ޕާފޯމަންސް ސެކިއުރިޓީގެ ގޮތުގައި ހުށަހަޅަން ޖެހޭނީ ލަފާކުރާ އިންވެސްޓްމަންޓް އަގުގެ ފަސް ޕަސެންޓެވެ. ބީލަންފޮތްތަކަށް ފައިސާ ބަލައިގަތުން އޮންނާނީ މި މަހުގެ 16 އިން އަންނަ ޑިސެންބަރު މަހުގެ އަށް ވަނަ ދުވަހަށެވެ. މި ޕްރޮޖެކްޓްގެ ބީލަން ހުށަހެޅުން އޮންނާނީ އަން އަހަރުގެ މާޗު ހައެއްގަ އެވެ.

ގުޅީފަޅަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދު އިންޑިޔާގެ ކުންފުންޏެއް ކަމަށްވާ ގްލޯބަލް ޑިވެލޮޕްމަންޓް ފަންޑް އާ ހަވާލުކޮށްގެން ހިއްކި ރަށެކެވެ. ނަމަވެސް އެ ރަށުގައި އަޅާ ފްލެޓްތައް ލަސްވުމާއިއެކު މަޝްރޫއު ކުރިއަށް ނުގެންދެވިގެން ސަރުކާރުވަނީ ރަށް އަނބުރާ ނަގާފަ އެވެ.