މިނިވަން ޗެމްޕިއަންޝިޕްގެ ފުޓްބޯޅަ މުބާރާތް ބ. އޭދަފުއްޓަށް ކާމިޔާބު ކޮށްދިނުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރި ކުޅުންތެރިޔަކަށް ވާނީ އެޓީމުގެ ގޯލްކީޕަރު އަބްދުﷲ ޒިޔަޒަން އެވެ. މީގެ ކުރިން ފުރަތަމަ ޑިވިޝަންގައި ނިއުރޭޑިއްޓާއި ވީބީ އައްޑޫ އެފްސީގެ އިތުރުން އޭވައިއެލް އަށް ކުޅުނު ޒިޔަޒަން ވަނީ މެޗްގައި އޭނާގެ ތަޖުރިބާ ވަރަށް ބޮޑަށް ބޭނުންކޮށްފަ އެވެ.
ސެމީ ފައިނަލުގައި ޕެނަލްޓީ ޖަހައިގެން މިދިޔަ އހަރުގެ ޗެމްޕިއަން ސ. ފޭދޫ ބަލިކުރުމުގައި ވެސް އެންމެ މުހިންމު ކުޅުންތެރިޔަކީ ޒިޔަޒަން އެވެ. އޭނާ ވަނީ ޕެނަލްޓީ ޝޫޓްއައުޓްގައި ފޭދޫގެ ތިން ޕެނަލްޓީއެއް ދިފާއުކޮށްފަ އެވެ.
އަތޮޅު ތެރޭގައި ކުރިއަށް ދިޔަ މުބާރާތުގެ ގުރޫޕް ސްޓްޖެ މެޗްތަކާއި ޒޯން ބުރާއި ކްއާޓާ ފައިނަލާއި ސެމީފައިނަލް މެޗްތައް އޮބްޒާވް ކުރި އެފްއޭއެމްގެ ޓެކްނިކަލް އޮފިޝަލުން އެއްބަސްވާ ގޮތުގައި މުޅި މުބާރާތުގައި އެންމެ މޮޅު ކުޅުމެއް ދެއްކި އެއް ކުޅުންތެރިޔަކީ ޒިޔަޒަންއެވެ.
ޒިޔަޒަން އަކީ ރާއްޖޭގައި ތިބި މަދު ކީޕަރުންގެ ތެރޭގައި ފާހަގަކޮށްލެވޭ ކީޕަރެއް އޭނާ ގޯލްގައި ހުރުމަކީ ޓީމުގެ ކުރީގެ ކުޅުންތެރިންނަށް ވެސް ލިބޭ ވަރަށް ބޮޑު އިތުބާރެއް،" އޭދަފުށީ ޓީމުގެ ކޯޗް އަބްދުލް މަޖީދު ހަސަން ބުންޏެވެ.
ގައުމީ ޓީމުގެ ކުރީގެ ގޯލްކީޕަރު އަދި ރާއްޖޭގެ އެއް ވަނަ ކީޕަރު އިމްރާން މުހައްމަދު ބުނީ "ޒިޔަޒަންގެ ފަރާތުން ރޭ ފެނުނު ކުޅުން ވަރަށް ބޮޑަށް ފާހަގަ ކުރާ" ކަމަށާއި "ފުރަތަމަ ޑިވިޝަންގައި އޭނާގެ ތަޖުރިބާ ވަރަށް ރަނގަޅަށް ބޭނުންކޮށްފި،" ކަމަށެވެ.
"މިގެން އެނގިގެންދަނީ ރާއްޖޭގައިވެސް މޮޅެތި ކީޕަރުން އެބަތިބިކަން ކޮންމެވެސް ސަބަބާކާ ހުރެ ނޫނީ ކޮންމެވެސް ކަމެއް ދިމާވެގެން ފުރަތަމަ ޑިވިޝަނުން ނުފެނުނީ އެހެން ހުއްޓާ މި ފެނުނީ އޭދަފުށީ ޓީމުން ރޭ ކީޕަރަކު މުޅި ޓީމުގައި ތަފާތަކަށް ފެނުމަކީ އެއީ އަޅުގަނޑަށް ލިބޭ ވަރަށް ބޮޑު އުފަލެއް. އިމްރާން ބުންޏެވެ.
ގައުމީ ފުޓްބޯޅަ ދަނޑުގައި ރޭ ކުޅުނު މެޗްގައި ޒިޔަޒަން ވަނީ އޭނާގެ ތަޖުރިބާ ވަރަށް ބޮޑަށް ބޭނުންކޯށްފައެވެ. ތިމަރފުށިން ނުރައްކާ ކުރަން އުފެއްދި ކޮންމެ ބޯޅައެއް ކަހަލަ ގޮތަކަށް އޭނާ ވަނީ ދިފާއުކޮށްފައެވެ. ގައުމީ ފުޓްބޯޅަ ދަނޑުގައި މީގެ ކުރިން ކުޅެފައިވުމުގެ ތަޖުރިބާ އޭނަ ވަނީ ވަރަށް ރަނގަޅަށް ބޭނުން ކޮށްފައެވެ.
"ތެދެއް އަހަރެންގެ އެންމެ ބޮޑު ތަފާތަކަށް ވާނީ މި ދަނޑުގައި ފުރަތަމަ ޑިވިޝަންގެ ޓީމުތަކުން ލިބުނު ތަޖުރިބާ." ޒިޔަޒަން ބުންޏެވެ.