- ބަޖެޓް ތަންފީޒުވާ މިންވަރު ބަލަން އެދިވަޑައިގެންނެވި
- އާ އާމްދަނީ ހޯދުމުގެ ކަންކަން ތަންފީޒު ކުރުމަށް ގޮވާލެއްވިި
- މަޝްރޫއުތަކަށް ފައިސާ ޔަގީން ކުރަން އެދިވަޑައިގެންނެވި
އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ 26.8 ބިލިއަން ރުފިޔާގެ ބަޖެޓަކީ ރިއަލިސްޓިކް ބަޖެޓަކަށް ނުހެދޭންވީ ސަބަބެއް ނުފެންނަ ކަމަށާއި އެކަމުގައި ރައްޔިތުންގެ މަޖިލީހާއި އެހެން ވެސް ކަމާ ގުޅޭ މުއައްސަސާތަކުން އެއްބާރުލުން ދެއްވުމަށް އެމްއެމްއޭގެ ގަވަރުނަރު އަޒީމާ އާދަމް މިއަދު ރައްޔިތުންގެ މަޖިލީހުގައި އެދިވަޑައިގެންފި އެވެ.
ބަޖެޓް ކޮމިޓީއަށް ބަޖެޓާ ގުޅޭ ގޮތުން އެމްއެމްއޭގެ ފަންނީ ލަފާ ހުށަހަޅުއްވަމުން ގަވަރުނަރު އަޒީމާ ވިދާޅުވީ، ބަޖެޓަކީ އަންދާޒާތަކެއް ކަމަށާއި އެކަން ހަގީގަތަކަށް ހެދޭނީ މަޖިލީހުގެ ތެރެއިން ވެސް އަދި ސަރުކާރުން ވެސް ބަޖެޓްގައި ހުރި ކަންކަން ތަންފީޒު ކުރަން ބުރަ މަސައްކަތްތަކެއް ކޮށްގެން ކަމަށެވެ.
އެގޮތުން އަޒީމާ ވިދާޅުވީ ބަޖެޓްގައި ލިބޭނެ ކަމަށް ޖަހާފައި ހުރި އާމްދަނީ ނުލިބެންވީ ސަބަބެއް ނެތް ކަމަށެވެ. އެކަމަނާ ވިދާޅުވީ އަބަދުވެސް ދިމާވާ މައްސަލައަކީ އާ އަހަރު ފެށޭ އިރު އަލަށް ލިބޭނެ ކަމަށް ލަފާކުރާ އާމްދަނީ އެކި ސަބަބުތަކާ ހުރެ އަހަރު ފަށާ އިރު ނުލިބުމެވެ. އެކަމަނާ ވަނީ އަލަށް އާމްދަނީ ހޯދުމަށް ބަޖެޓްގައި ޖަހާފައިވާ ކަންކަން ބަޖެޓް ފާސްވުމާއެކު ތަންފީޒު ކުރުމަށް މަސައްކަތް ކޮށްދިނުމަށް އެދިވަޑައިގެންފަ އެވެ.
"އަލަށް ލަފާކުރާ އާމްދަނީ ލިބިއްޖެ ނަމަ، ޑެފިސިޓް 300 މިލިއަން ރުފިޔާގައި ހުންނާނީ. މައްސަލައަކަށް މި ވަނީ އަހަރު ނިމޭ ހިސާބުގައި ކިރިޔާ މިކަންކަން މި ކުރެވެނީ. އެކަމަކު ހަރަދު އެބަ ހިނގާ. މިއަހަރު ވެސް މިވީ ގޮތަކީ އާމްދަނީ ތަކެއް ނުލިބުނީމާ ޑެފިސިޓް މި ބޮޑު ވަނީ. މީގައި އަޅުގަނޑުމެންނަށް ފެންނަ ގޮތަކީ ބަޖެޓް ފާސްވާ ހިސާބުން ފެށިގެން މަސައްކަތް ކޮށް އަހަރު ފެށޭ ދުވަހުން ފެށިގެން މި އާމްދަނީ ހޯދަން މަސައްކަތް ކުރުން،" އަޒީމާ ވިދާޅުވި އެވެ. "މި އާމްދަނީ ނުހޯދެން ޖެހޭ ސަބަބެއް ނެތް. އަދި މިއީ ރިއަލިސްޓިކް ބަޖެޓެއް ނޫނެކޭ ބުނެވޭކަށް ވެސް ނެތް،"
އަޒީމާ ވިދާޅުވީ ބޭންކްތަކަށް ޓީ-ބިލް ވިއްކައިގެން ބަޖެޓް ޑެފިސިޓަށް ފައިނޭންސް ކުރި ނަމަވެސް، ބޭންކްތަކުގެ ލިކުއިޑިޓީ ހުރި މިންވަރަށް ބަލާ އިރު އެކަމުގެ ސަބަބުން ޕްރައިވެޓް ސެކްޓަރަށް ލޯނު ދޫކުރަން އުނދަގޫ ކަމަކަށް ވާނެ ކަމަށް ނުބެލެވޭ ކަމަށެވެ. އަދި ޓީ-ބިލް ވިއްކައިގެން ފައިނޭންސް ހޯދި ނަމަވެސް، އެކަމުގެ ސަބަބުން މާލީ ބާޒާރަށް ނޭދެވޭ އަސަރުތަކެއް ކުރާނެ ކަމަށް ލަފާ ނުކުރެވޭ ކަމަށް ވެސް އަޒީމާ ވިދާޅުވި އެވެ.
ބައެއް ސަބްސިޑީތަކާއި ހެލްތް އިންޝްއަރެންސަށް ހަރަދު ކުރަން ހިމަނާފައި އޮތްވަރު ކުޑަކޮށްފައި ވާތީ އަޒީމާ ވިދާޅުވީ އެމްއެމްއޭ އިން ގަބޫލު ކުރަނީ ސަބްސިޑީ އާއި ހެލްތް އިންޝްއަރެންސް ވެސް ދޭންވާނީ އޭގެ ހައްގުވެރި ފަރާތްތަކަށް ކަމަށެވެ. ގަވަރުނަރު ވިދާޅުވި ގޮތުގައި އާސަންދައިގެ ހަރަދު ވެސް ކުޑަކުރަން ވާނީ އޭގެ ސަބަބުން އެންމެ އާދައިގެ ރައްޔިތު މީހާއަށް ގެއްލުން ނުވާނެ ގޮތަށް ބަލައިގެން ކަމަށެވެ.
ތައުލީމާއި ތަމްރީން އަދި ސްކޮލަޝިޕް ފަދަ ކަންކަމަށް ކުރާ ހަރަދު ކުޑަކޮށްފައި ވާތީ ގަވަރުނަރު ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ. ގަވަރުނަރު ވިދާޅުވި ގޮތުގައި ހަމައެކަނި އިސްކަން ދޭންވީ އުމްރާނީ ތަރައްގީގެ މަޝްރޫއުތަކަކަށް އެކަނި ނޫން ކަމަށާއި އިންސާނީ ތަރައްގީއަށް ވެސް އިސްކަން ދޭން ޖެހޭ ކަމަށެވެ. އަދި ރިކަރަންޓް ހަރަދުގެ ގޮތުގައި އެކަން ހިމަނާފައި އޮތް ނަމަވެސް އެއީ ވެސް ކެޕިޓަލް ހަރަދެއްގެ ގޮތުގައި ހިމަނައިގެން އެކަމަށް ކުރަން ޖެހޭ ހަރަދު އިތުރު ކުރަން ޖެހޭ ކަމަށް ވެސް ގަވަރުނަރު ވިދާޅުވި އެވެ. އޭގެ ސަބަބުން ވަޒީފާތައް އިތުރުވެ، ވަޒީފާ އަދާކުރާ ފަރާތްތަކުގެ ގާބިލްކަން އިތުރުކުރެވޭނެ ކަމަށް ވެސް ގަވަރުނަރު ވިދާޅުވި އެވެ.
ޕީއެސްއައިޕީގެ މަޝްރޫއުތައް ހިންގާ އިރުވެސް އެ މަޝްރޫއުތަކީ އެންމެ ރާއްޖެއަށް ބޭނުންހުރި މަޝްރޫއުތައްތޯ އާއި އޭގެ ފީސިބިލިޓީއަށް ބަލަން ޖެހޭ ކަމަށް ވެސް އަޒީމާ ވިދާޅުވި އެވެ. އަދި ކޮންމެ އަހަރެއްގެ ވެސް ބަޖެޓްގައި ގިނަ މަޝްރޫއުތަކެއް ވެސް ހިމަނާފައިވާ ކަމަށާއި އެހެން ނަމަވެސް އެކި ސަބަބުތަކާ ހުރެ އޭގެ ތެރެއިން ގިނަ މަސައްކަތް ނުކުރެވޭ ކަމަށެވެ. އެކަމަނާ ވަނީ ބަޖެޓްގައި މަޝްރުއެއް ހިމެނުމުގެ ކުރިން އެ މަޝްރޫއަކަށް ބޭނުންވާ ފައިސާ ހަމަޖެހިފައިވޭތޯ ކަށަވަރުކޮށްފައި ނޫން މަޝްރޫއުތައް ބަޖެޓްގައި ނުހިމެނުމަށް އެދިވަޑައިގެންފަ އެވެ. އެހެން ނޫން ނަމަ، އޭގެ ސަބަބުން ބޭރު ފައިސާގެ ރިޒާވަށް އަސަރުތަކެއް ކުރާނެ ކަމަށް ވިދާޅުވި އެވެ. އެހެން ނަމަވެސް ޕީއެސްއައިޕީގެ ދަށުން ހިންގާ ބޮޑެތި މަޝްރޫއުތަކެއް ކަމަށްވާ އައިޖީއެމްއެޗް ތަރައްގީ ކުރުމުގެ މަޝްރޫ އާއި އެއާޕޯޓްގެ މަޝްރޫއު ފަދަ މެގަ މަޝްރޫއުތައް ޖުމްލަ ގޮތެއްގައި ރަނގަޅު ކަމަށް އެކަމަނާ ވަނީ ވިދާޅުވެފަ އެވެ.
ސޮވަރިން ވެލްތް ފަންޑެއް އުފައްދާތީ އެކަމަނާ ވަނީ އެއީ މުސްތަގުބަލަށް ޓަކައި ކުރަން ޖެހޭ ކަމެއް ކަމަށް ވިދާޅުވެ އެކަމަށް ތާއީދު ކުރައްވައިފަ އެވެ. އަދި އެ ފަންޑް ފުރަތަމަ އުފައްދަނީ ރާއްޖޭގެ މާލީ ހާލަތާއި އެއްވަރުގެ އެއްޗެއް ރައްކާ ކުރާ ފަންޑެއްގެ ގޮތުގައިގަން ފާހަގަ ކުރައްވައި އެކަމަނާ ވިދާޅުވީ ދުރު މުސްތަގުބަލެއްގައި އެކަމުން ފައިދާ ކުރާނެ ކަމަށެވެ.
ކުރިއެކޭ ވެސް އެއްގޮތަށް ޑެފިސިޓް ބޮޑުވުމުގެ ކަންބޮޑުވުން މިއަހަރު ވެސް އެބައޮތް ކަމަށާއި އެހެން ނަމަވެސް ބަޖެޓް އޭގެ ގޮތުގައި ތަންފީޒު ކުރެވިއްޖެ ނަމަ ޑެފިސިޓް ހިފެހެއްޓިދާނެކަން ފާހަގަ ކުރެއްވި އެވެ. އަދި ރިކަރަންޓް ހަރަދަށް ވުރެ ކެޕިޓަލް ހަރަދު ބޮޑު ކޮށްފައިވާތީ އެކަން ވެސް އެކަމަނާ ޕޮޒިޓިވް ކަމެއްގެ ގޮތުގައި ފާހަގަ ކުރެއްވި އެވެ.