އާމްދަނީގެ ޓެކްސް ނޫނީ އިންކަމް ޓެކްސް ނަގަން ތާއީދު ކުރައްވާ ކަމަށާއި އެހެން ނަމަވެސް އެކަން ވަގުތުން ވަގުތަށް ކުރުމަކީ ފެނިވަޑައިގަންނަވާ ކަމެއް ނޫން ކަމަށް، އެމްއެމްއޭގެ ގަވަރުނަރު ޑރ. އަޒީމާ އާދަމް މިރޭ ވިދާޅުވެއްޖެ އެވެ.
ބަޖެޓާ ގުޅޭ ގޮތުން، އެމްއެމްއޭގެ ފަންނީ ލަފާ ބަޖެޓް ކޮމިޓީއަށް ދެއްވަމުން، އަޒީމާ ވިދާޅުވީ ރާއްޖޭގެ ޓެކްސް ނިޒާމު ދުވަހެއް ދުވަހަކަށް ބޮޑުވަމުން އަންނަ ކަމަށާއި މިހާރު ވެސް ރާއްޖޭގައި އެކަށީގެންވާ ޓެކްސް ނިޒާމެއް އެބައޮތް ކަމަށެވެ. އަދި ތަފާތު ބާވަތްތަކުގެ ޓެކްސްތައް މިހާރު ވެސް ނަގަމުން އަންނަ އިރު، އެ ނިޒާމް އިތުރަށް ފުރިހަމަ ކުރުމަށް ޓަކައި އިންކަމް ޓެކްސް ނެގުމަކީ އެކަމަނާގެ އަމިއްލަ ހައިސިއްޔަތުން ދެކެވަޑައިގަންނަވާ ގޮތުގައި ކުރަން ވެއްޖެ ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށެވެ. އަދި ވިދޅުވީ އެއީ ޓެކްސް ނިޒާމް އިތުރަށް ފުރިހަމަ ކުރުމަށް އަޅަން ޖެހޭ ފިޔަވަޅެއް ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.
އެހެން ނަމަވެސް އަޒީމާ ވިދާޅުވީ އެ ޓެކްސް ވެސް ކުއްލިއަކަށް މިހާރު މިހާރަށް ނަގަން ފެނިވަޑައި ނުގަންނަވާ ކަމަށެވެ. އާ ޓެކްސްތައް ނަގަން ޖެހޭނީ އަލަށް ޓެކްސްތައް ތައާރަފް ކުރާނެ މުއްދަތުތަކާއި އެއީ ކޮން ބާވަތެއްގެ ޓެކްސްތަކެއްކަން އެނގޭނެ ފަދަ ސިޔާސަތެއް އެކުލަވާލައިގެން ކަމަށެވެ. ގަވަރުނަރު ވިދާޅުވީ، ޓެކްސް ނިޒާމަށް ގެންނާނެ ބަދަލުތަކުގެ ސިޔާސަތެއް ނެތި ކުއްލި އަކަށް އެއްވެސް ޓެކްސްއެއް ތައާރަފް ކުރަން އެކަމަނާއަށް ތާއީދެއް ނުކުރެއްވޭ ކަމަށެވެ.
"އެބަ ޖެހޭ ޓެކްސް ނިޒާމަށް ގެންނާނެ ބަދަލުތަކުގެ ސިޔާސަތެއް އޮންނަން. އެފަދަ ސިޔާސަތެއްގެ ތެރެއިން ދުރާލައި އެނގިގެން ރާވައިގެން އާ ޓެކްސްއެއް ނަގަން ވާނީ،" ގަވަރުނަރު ވިދާޅުވި އެވެ.
އެހެން ނޫން ނަމަ އިގްތިސާދަށް ނޭދެވޭ އަސަރުތަކެއް ކުރުން ގާތް ކަމަށް އެކަމަނާ ވެސް ލަފާކުރެއްވި އެވެ.
މީގެ ކުރިން ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު ބަޖެޓް ކޮމިޓީގައި ވިދާޅުވީ އިންކަމް ޓެކްސް ނެގުމަކީ މި ސަރުކާރުގެ ސިޔާސަތެއް ނޫން ކަމަށެވެ. އެހެން ނަމަވެސް ޓެކްސްގެ ނިޒާމު އަދިވެސް އިތުރަށް ރަނގަޅު ކުރަން ޖެހޭ ކަންކަން އެބަހުރި ކަމަށާއި އެ ބަދަލުތައް ގެންނާނީ އިގްތިސާދަށް ލޮޅުން ނާންނަ ގޮތަށް ފިޔަވަޅަކަށް ފަހު ފިޔަވަޅެއް ކަމަށެވެ. އަދި މިހާރު ވެސް ރާއްޖޭގައި އޮތީ މުއްސަދިންގެ އަތުން ގިނައިން ޓެކްސް ނަގާ ޕްރޮގްރަސިވް ޓެކްސް ނިޒާމެއް ކަމަށް ވެސް މުނައްވަރު ވަނީ ވިދާޅުވެފަ އެވެ.