- ކުރިން ނެރެނީ ފޮތެއް އެކަނި
- މިއީ ކޮންމެހެން މުހިންމު ހިދުމަތެއް
- މައުލޫމާތު ހޯދަން މިހާރު ފަސޭހަ
"ދައުލަތުގެ ބަޖެޓޭ" ބުނުމުން ހިތަށް އަރަނީ ބޮޑު ފޮތެކެވެ. އަދި މި ބަޖެޓް ފޮތުގެ ކޮޕީއެއް މަދު މީހަކަށް ނޫނީ ނުލިބޭނެ އެވެ. ކުރިން ބަޖެޓާ ބެހޭ ގޮތުން އެނގެނީ ނޫސްތަކުގައި ލިޔެފައި ހުންނަ އެއްޗަކާއި މަޖިލީހުގައި ދައްކާ ވާހަަކަ އެކަންޏެވެ. ހާއްސަކޮށް ބަޖެޓުގެ މައުލޫމާތު އެންމެ މުހިންމުކޮށް އެނގެން ޖެހޭ، އާއްމުންގެ ގިނަ ބަޔަކަށް މައުލޫމާތު ހޯދޭނެ ގޮތެއް ނޯވެ އެވެ. ވެބްސައިޓުގައި ބަޖެޓުގެ މައުލޫމާތު އާއްމު ކުރި ނަމަވެސް ހުންނަނީ ޒަމާނަށް ފަހި ގޮތަކަށް ނޫނެވެ. ނަމަވެސް މި ކަން މި ވަނީ ބަދަލުވެފަ އެވެ.
އަންނަ އަހަަރަށް ލަފާކުރާ ބަޖެޓް ފިނޭންސް މިނިސްޓްރީން މި ފަހަރު ދައްކާލާފައި މި ވަނީ އެންމެ ފަސޭހަ ގޮތަށެވެ. ފޯނުތަކުން ވެސް ފަސޭހަކަމާއެކު ބަލައި ލެވޭ ގޮތަށް އެކަމަށް ހާއްސަ "ބަޖެޓު ޑޮޓްކޮމް ޑޮޓްއެމްވީ" ސައިޓު މެދުވެރިކޮށެވެ. މިއީ ވަރަށް މުހިންމު މަސައްކަތެކެވެ.
"މިއީ ފެށުމެއް. އިރާދުކުރެއްވިއްޔާ ކުރިއަށް އޮތް ދުވަސްތަކުގައި ބަޖެޓުގެ މައުލޫމާތާއި، އެހެނިހެން މައުލޫމާތު ފިނޭންސް މިނިސްޓްރީން ނުލިބިގެން އުޅޭކަން ނުޖެހޭ،" ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު ވިދާޅުވި އެވެ.
ހުރިހާ މައުލޫމާތެއް ދިވެހިން
އިގްތިސާދީ "ބޮޑެތި ވާހަކަ" ރާއްޖޭގައި އާއްމު ގޮތެއްގައި ލިޔެ ދައްކަމުން އަންނަނީ އިނގިރޭސި ބަހުންނެވެ. ހާއްސަކޮށް ބޮޑެތި ފައިނޭންޝަލް ރިޕޯޓު ތަކަކީ އިނގިރޭސި ބަހުން ލިޔެފައި ހުންނަ އެއްޗިއްސެވެ. ނަމަވެސް ރާއްޖޭގެ ބަޖެޓުގެ މައުލޫމާތު ހާމަ ކުރަން ތައާރަފުކޮށްފައިވާ ބަޖެޓު ވެބްސައިޓުގައި ހުރިހާ މައުލޫމާތެއް ވެސް ހުރީ ދިވެހި ބަހުންނެވެ.
ވެބްސައިޓު ފަރުމާކޮށްފައިވަނީ ފަސޭހަ އިން ބޭނުން ކޮށްލެވޭ ގޮތަށެވެ. ހާއްސަކޮށް "ބަޖެޓުގެ ހުލާސާ" އާއި "އާމްދަނީ" އަދި "ހަރަދު" ގެ އިތުރުން ބޭނުންވާ ފަރާތްތަކަށް "ބަޖެޓުގެ ލުއި ފޮތް" އަދި "ބަޖެޓު ފޮތު" ގެ އިތުރުން "ބަޖެޓު ބަޔާން" އަދި "ބަޖެޓު ޑޭޓާ" ތައް ހޯދައިލަން ވަރަށް ފަސޭހަ އެވެ. މީގެ އިތުރުން ގްރާފްތައް ފަސޭހައިން ލިބޭނެ ގޮތަށް ހުރުމަކީ މި ސައިޓު އިތުރަށް ހިތް ގައިމު ވެގެންދާނެ ކަމެކެވެ.
ބަޖެޓު ސައިޓަށް ވަމުން މިހާރު ފަސޭހަކަމާއެކު، ރަށުގެ ތަރައްގީއަށް ހުރި މަޝްރޫއުތަކުގެ މައުލޫމާތު އެނގެން ހުރެ އެވެ.
ފިނޭންސް މިނިސްޓަރު މުނައްވަރު ވިދާޅުވީި ގޮތުގައި މިއީ އަދިފެށުމެކެވެ. މައުލޫމާތު އިތުރަށް ފުރިހަމަ ކުރަމުންދާނެ އެވެ. އެގޮތުން ބަޖެޓުގެ މައުލޫމާތު އާއްމު ކުރުމަށް މޮބައިލް އެޕެއް ތައާރަފު ކުރާނެ އެވެ. ފިނޭންސް މިނިސްޓްރީން ދަނީ މަސައްކަތް ކުރަމުންނެވެ.
އަންނަ އަހަރަށް ލަފާކުރި ބަޖެޓު
އަންނަ އަހަރަށް ލަފާކޮށްފައިވަނީ 26.8 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. މި ބަޖެޓުގައި ދައުލަތަށް ލިބޭނެ ކަމަށް އަންދާޒާ ކޮށްފައިވަނީ ވަނީ 21.9 ބިލިއަން ރުފިޔާ އެވެ. މީގެ ތެރޭގައި ހިމެނެނީ ޓެކުހުގެ ގޮތުގައި ލިބޭނެ ކަމަށް އަންދާޒާ ކުރެވޭ 14.1 ބިލިއަން ރުފިޔާ އާއި ޓެކުސްނޫން ގޮތްގޮތުން ލިބޭނެ ކަމަށް ބެލެވޭ 4.8 ބިލިއަން ރުފިޔާ އެވެ. އަދި ހިލޭ އެހީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކުރެވޭ 878 މިލިއަން ރުފިޔާ އެވެ. އަދި އާމްދަނީ އިތުރުކުރަން ހުށަހެޅު ކަންކަމުން ލިބޭނެ ކަމަށް ބެލެވޭ ދެ ބިލިއަން ރުފިޔާާ އެވެ.
2017 ބަޖެޓު ކުރުކޮށް
- ޖުމްލަ ބަޖެޓު 26 ބިިލިއަން ރުފިޔާ
- ލިބޭނެ އާމްދަނީ 21 ބިލިއަން ރުފިޔާ
- ބަޖެޓުގެ ދަރަނި 303 މިިލިއަން ރުފިޔާ
- 1.1 ބިލިއަން ރުފިޔާ އަރަނި ބަޖެޓެއް
އަންނަ އަހަރުގެ ބަޖެޓު ދަރަނި ހުންނާނެ ކަމަށް އަންދާޒާ ކޮށްފައިވަނީ 303.7 މިލިއަން ރުފިޔާގަ އެވެ. މި އަދަދަކީ ގައުމީ އުފެއްދުންތެރިކަމުގެ (ޖީޑީޕީ) ގެ ނިސްބަތުން ބަލާނަމަ ގާތްގަނޑަކަށް ފަސް ޕަސެންޓެވެ. އަދި އަންނަ އަހަރުގެ ބަޖެޓު 1.1 ބިލިއަން ރުފިޔާ އަރަނި ވާނެ ކަމަށް އަންދާޒާ ކުރާއިރު، އެއީ ޖީޑީޕީގެ ނިސްބަތުން 1.7 ޕަސެންޓެވެ.
ރާއްޖޭގެ ތާރީހުގައި ބަޖެޓުގެ މައުލޫމާތު އެންމެ ފުރިހަމަ އަށް ހާމަ ކުރުމަށް ކުރާ މަސައްކަތްތައް މިކަން ވާނެ އެވެ. ހަމަ ޔަގީނުންވެސް މިއީ މުހިންމު އެހާމެ މުހިންމު މަސައްކަތެކެވެ.