އެމްޑީޕީގެ ރައީސް އާއި ނައިބު ރައީސްގެ ދައުރު ހަމަވެފައިވާއިރު ވެސް އެ އިންތިހާބު ބާއްވާފައިނުވާ ކަމަށް ބުނެ އެ ޕާޓީގެ ކުރީގެ ނައިބު ރައީސް އަލްހާން ފަހުމީ ސިވިލް ކޯޓަށް ވެއްދި މައްސަލާގެ ޑިސްޕިއުޓް މަރުހަލާގައި އެމްޑީޕީއަށް ޖަވާބުދާރީވުމަށް ދެވަނަ ފުރުސަތެއް ދީފި އެވެ.
ސިވިލް ކޯޓަށް އަލްހާން ހުށަހެޅި މައްސަލާގައި ބުނެފައިވަނީ އެމްޑީޕީގެ ރިޔާސީ ދައުރަކަށް 2011 ވަނަ އަހަރުގެ މެއި މަހުގެ އެއްވަނަ ދުވަހުގައި އެ ޕާޓީގެ ރައީސް ކަމަށް ޑރ. އިބްރާހިމް ދީދީ އާއި ނައިބު ރައީސް ކަމަށް އަލްހާން ފަހުމީ އިންތިހާބުކޮށްފައިވާ ދައުރު ހަމަވެފައި ވަނީ، 2012 ވަނަ އަހަރު އޭޕްރީލް މަހުގެ 30 ވަނަ ދުވަހަށް ކަމަށެވެ.
އިބްރާހިމް ދީދީ އާއި އަލްހާން މަގާމުން ވަކިކުރުމަށްފަހު ޕާޓީގެ ރައީސް ކަމަށް މުހައްމަދު ނަޝީދާއި ނައިބު ރައީސް ކަމަށް މުހައްމަދު ޝިފާޒު ވަނީ އިންތިހާބުކޮށްފަ އެވެ. އަލްހާން ވަކާލާތު ކުރައްވާ ގޮތުގައި އެ ދެ ބޭފުޅުންގެ މަގާމުގެ ދައުރު މިހާރު ވަނީ ހަމަވެފަ އެވެ. އެއީ، އެ ދެ ބޭފުޅުން އިންތިހާބު ކޮށްފައިވަނީ ދައުރެއްގެ މެދު ތެރެއިން، ބައި-އިލެކްޝަނެއްގައި ހިނގަމުން ދިޔަ ދައުރަށް ކަމަށްވާތީ އެވެ. އެ ދައުރު މިދިޔަ އޭޕްރީލް މަހު ވަނީ ހަމަވެފަ އެވެ.
އަލްހާން މި މައްސަލާގައި އެދިފައިވަނީ، ޕާޓީގެ އަސާސީ ގަވައިދުގައިވާ ގޮތުގެ މަތިން ޕާޓީގެ ރައީސް އާއި ނައިބު ރައީސް އިންތިހާބުކުރުމަށް، ޕާޓީގެ އެތެރޭގެ އިންތިހާބު ބާއްވައިދިނުމަށް ޕާޓީއަށް އަމަރުކޮށްދިނުމަށެވެ. މި މައްސަލާގައި އެންމެ ފުރަތަމަ ސިވިލް ކޯޓުން އުސޫލު އޮންނަ ގޮތުން ޑިސްޕިއުޓް މަރުހަލާ އިއްޔެ ވަނީ ފަށާފަ އެވެ.
އިއްޔެ އެމްޑީޕީގެ ފަރާތުން ކޯޓަށް ހާޒިރުވެފައިވަނީ އެ ޕާޓީ އޮފީހުގެ އިދާރީ މުވައްޒަފެކެވެ. މައްސަލާގައި ހިމެނޭ ކަންކަން ސާފުކުރުމަށް މުއްދަތެއް ބޭނުންވާ ކަމަށް އެ މުވައްޒަފު ބުނި ކަމަށް އަލްހާން ފަހުމީ މިއަދު ވިދާޅުވި އެވެ. ނަމަވެސް އަލްހާން ވިދާޅުވީ އެ މައްސަލާގައި ފުންކޮށް ތަހުލީލުކުރަންޖެހޭ ކަމެއް ނެތް ކަމަށެވެ.
ކަންކަން ސާފުކުރުމަށް ހަފުތާއެއް ފުރުސަތަކަށް އެމްޑީޕީގެ މުވައްޒަފު އެދުމުން އަންނަ ބުދަ ދުވަހުގެ ނިޔަލަށް ވަނީ މުއްދަތު ދީފަ އެވެ. އަދި އެ ދުވަހަށް ޑިސްޕިއުޓްގެ ދެވަނަ އަޑުއެހުން ތާވަލުކޮށްފަ އެވެ. އެ އަޑުއެހުމުގައި ސުލްހަވެރި ހައްލެއް މި މައްސަލާގައި ނުލިބިއްޖެނަމަ މައްސަލަ ޝަރީއަތަށް ފޮނުވާނެ އެވެ.
އަލްހާން ވިދާޅުވީ، އެމްޑީޕީއަށް ނިސްބަތްވާ މިފަދަ މައްސަލައެއްގައި އެމްޑީޕީ ތަމްސީލުކުރުމަށް ކޯޓަށް ވަކީލެއް ނުފޮނުވާ އިދާރީ މުވައްޒަފެއް ފޮނުވުމުން ކަންބޮޑުވާ ކަމަށެވެ. އަލްހާން ވިދާޅުވީ، މައްސަލައަކީ އެމްޑީޕީއަށް ނިސްބަތްވާ ސީރިއަސް މައްސަލައެއް ކަމަށެވެ. އެމްޑީޕީގައި ވެސް ގާނޫނީ ޓީމެއް އޮންނަ ކަމާއި މޮޅެތި ވަކީލުން ވެސް ތިއްބެވިކަން އަލްހާން ފާހަގަކުރެއްވި އެވެ.
އަލްހާން ވަނީ މި މައްސަލާގެ އިތުރުން އޭނާ އެމްޑީޕީއިން ވަކިކުރީ ގާނޫނާ ހިލާފަށް ކަމަށް ވިދާޅުވެ ވެސް މައްސަލައެއް ސިވިލް ކޯޓަށް ވައްދާފަ އެވެ.