ލޯކަލް ކައުންސިލްތަކުގެ އިންތިހާބު

ޓްރިވަންޑްރަމާއި ކޮލަމްބޯ ގައި ވޯޓުލާން ރަޖިސްޓްރީ ކުރަން ހުޅުވާލައިފި

ލަންކާގެ ކޮލަމްބޯ އާއި އިންޑިއާގެ ޓްރިވަންޑްރަމްގައި ތިބި ވޯޓުލާން ބޭނުންވާ ދިވެހިންނަށް ވޯޓަށް ރަޖިސްޓްރީ ކުރުމުގެ ފުރުސަތު އިލެކްޝަން ކޮމިޝަން (އޭސީސީ) އިން ހުޅުވާލައިފި އެވެ.

އޭސީސީއިން މިއަދު ބުނީ، ޓްރިވަންޑްރަމާއި ކޮލަމްބޯގައި ތިބި ދިވެހިންނަށް ވޯޓުލުމަށް ރަޖިސްޓްރީކުރުމުގެ ފުރުސަތު މިއަދުން ފެށިގެން މިމަހުގެ 21 އަށް ހުޅުވާލާފައިވާ ކަމަށެވެ. ވޯޓުލުމަށް ރަޖިސްޓްރީކުރަން އެދޭ ފޯމް އިލެކްޝަން ކޮމިޝަންގެ ވެބްސައިޓުންނާއި ޓްރިވަންޑްރަމާއި ލަންކާގައި ހުންނަ ރާއްޖޭގެ އެމްބަސީން ލިބެން ހުންނާނެ ކަމަށެވެ.

ފޯމް ބަލައިގަތުމުގެ ކަންކަން ޓްރިވަންޑްރަމްގެ ކޮންސިއުލޭޓް އޮފީހުންނާއި ކޮލަމްބޯގައި ހުންނަ ރާއްޖޭގެ އެމްބަސީން ހަމަޖައްސައިދޭނެ ކަމަށް އޭސީސީން ބުންޏެވެ.

ފޯމް ބަލައިގަންނަން ހަމަޖެހިފައިވަނީ 21 އާ ހަމަޔަށް ކޮންމެ ދުވަހެއްގެ ހެނދުނު 9:30 އިން ހަވީރު 4:00 އަށެވެ.

ކޮލަމްބޯއާއި ޓްރިވަންޑްރަމްގައިތިބި ދިވެހިންނަށް ވޯޓުލުމަށް ހުޅުވާލާފައިވާއިރު، ރާއްޖޭން ބޭރުގައި ވޯޓު ފޮށި ނުބެހެއްޓުމަށް ކުރިން ނިންމި ނިންމުން މުރާޖައާ ކުރުމަށްފަހު އީސީން ނިންމީ ކުރިން ވެސް އޮންނަ އުސޫލުގެ ދަށުން 300 މީހުން ހަމަވާ ގައުމުތަކުގައި ވޯޓުލުމަށެވެ. އެގޮތުން ރާއްޖޭން ބޭރުގައި ބަހައްޓާ ދެ ވޯޓު ފޮށި ބައްޓަން ނިންމާފައިވަނީ ކޮލަމްބޯއާއި ޓްރިވަންޑްރަމްގަ އެވެ.