ރާއްޖެ ކުޅިވަރު

ބަށި މުބާރާތް ފަށައިދޭނީ އެންމެފަހުގެ ޗެމްޕިއަނުން

Nov 14, 2016

މި އަންނަ އާދިއްތަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ އެސްޓީއޯ ހޯމް އިމްޕްރޫވްމެންޓް ބަށި މުބާރާތުގެ ފުރަތަމަ މެޗްގައި މިދިޔަ ހަތަރު އަހަރުގެ ޗެމްޕިއަން ފ. ފީއަލީ އެކުވެރި ޒުވާނުންގެ ގުޅުމާއި ހުޅުމާލޭ ވިމެން ސްޓާ ވާދަ ކުރަން ޖެހިއްޖެއެވެ.

މިމަހުގެ 27 ވަނަ ދުވަހު ފައިނަލް މެޗް ކުޅެން ހަމަޖެހިފައިވާ މުބާރާތް ކުރިއަށް ގެންދަނީ ހަތަރު ގުރޫޕަކަށް ބަހާލައިގެންނެވެ.

ގުރޫޕް އޭ ގައި ފީއަލީ ޒުވާނުންގެ ގުޅުމާއި ހުޅުމާލޭ ވިމޭން ސްޓާގެ އިތުރުން ދެން ހިމެނެނީ މައްޗަންގޯޅި ޑާބީގެ ގޮތުގައި ބެލެވޭ ވާދަވެރި ދެ ޓީމު ކަމަށްވާ ވިދާތަރި އާއި ވިދުވަރެވެ. -- ޑާބީއަކީ އެއް ސަރަހައްދަކަށް ނިސްބާތްވާ ވާދަވަރި ދެޓީމުގެ ކުރިމަތިލުމެވެ.

ގުރޫޕް ބީގައި ހިމެނެނީ ރ. އިނގުރައިދޫއަށް ނިސްބަތްވާ ކާމިޔާބު ޓީމާއި ލ. މާއެނބޫދޫ އިސްދަރިވަރުންގެ ގުޅުމާއި މަހިބަދޫ ސްޕޯޓްސް ކުލަބުގެ އިތުރުން ހުޅުމާލޭ ވިމޭން ސްޕޯޓްސްއެވެ.

ގުރޫޕް ސީ ގައި ހިމެނެނީ މުބާރާތުގެ އެންމެ ފަހުގެ ރަނަރަފު ނިސްބަތްވާ ލ. ގަމުގެ ޓީމެއް ކަމަށްވާ މާސް އާއި ޅ. ނައިފަރުގެ ގުއޮށި އާއި ފީއަލީ އެކުވެރި ޒުވާނުންގެ ރޫހާއި ހުޅުމާލޭ ދިރުން ޓީމެވެ. މުބާރާތުގެ ރަނަރަފު މަގާމު މިދިޔަ އަހަރު ހޯދީ ލ. ގަމު ރިއަލް އައިލެންޑް ކުލަބެވެ.

ގުރޫޕް ޑީ ގައި ހިމެނެނީ ސ. މީދޫއަށް ނިސްބަތްވާ ބަށި ހިތްވަރު ޓީމާއި ތ. އޮމަދޫ އުޖާލާ ޓީމާއި ބަށިބޯޅައިގެ ގަދަބާރެއް ކަމަށްވާ މާފުށީ ނިއުސްޓާގެ އިތުރުން ގަލޮޅަށް ނިސްބަތްވާ ރަންކަނި ޓީމެވެ.

މުބާރާތުގެ ކްއާޓާ ފައިނަލަށް ދާނީ ކޮންމެ ގުރޫޕަކުންވެސް އެންމެ ގިނަ ޕޮއިންޓް ހޯދާ ދެޓީމެވެ. ކްއޓާ ފައިނަލް މެޗްތައް ކުޅުމަށް ހަމަޖެހިފައިވަނީ މިމަހު 25 ވަނަ ދުވަހުއެވެ.