ދުނިޔޭގެ އެތައް ބަޔަކު އެތަނަކަށް އެއްވި އެވެ. އެކި ނަސްލުގެ އެކި ޖިންސުގެ އެތައް ހާހުން މީހުން އެއްވި އެވެ. ލަންޑަނުގެ އެކްސެލް ކޮންފަރެންސް ސެންޓަރުގެ ތިން ހޯލް އެއްކޮށް ފުރެންދެން މީހުން އެއްވި އެވެ. މި އެންމެން އެއްވީ އަހަރަކު އެއް ފަހަރު ބާއްވާ އެންމެ ބޮޑު އެއް ޓްރޭޑް ފެއާ ކަމަށްވާ ވޯލްޑް ޓްރެވެލް މާކެޓަށެވެ.
ލަންޑަނުގައި މި މަހުގެ ހަތަކުން ނުވަޔަކަށް ކުރިއަށް ދިޔަ 37 ވަނަ ވޯލްޑް ޓްރެވެލް މާކެޓްގައި ދުނިޔޭގެ އެކި ބައްރުތަކުން ޖުމްލަ 182 ގައުމުން ބައިވެރިވެ، އެ ގައުމުތަކުގައި ހުރި ފަތުރުވެރިކަމުގެ ފުރުސަތު ހާމަކުރި އެވެ. ސަގާފީ ތަފާތު ހަރަކާތްތައް ވެސް ދައްކާލި އެވެ. ތިން ހޯލެއްގައި ކުރިއަށް ދިޔަ މި ފެއާގައި ރާއްޖޭގެ ސްޓޭންޑް ހުރީ، އޭޝިއާ / ޕެސިފިކް އަދި އިންޑިއަން އޯޝަންއަށް ހާއްސަ ކޮށްފައިވާ ހޯލްގަ އެވެ. އެންމެ ހަރަކާތްތެރި، ތަފާތު ހޯލެއްގެ ގޮތުގައި ފެނިގެން ދިޔައީސް އެ ހޯލެވެ.
އެ ހޯލުގައި ވެސް ރާއްޖޭގެ ސްޓޭންޑް ހުރީ އިންޑިއާގެ ސްޓޭންޑާ ޖެހިގެންނެވެ. އިންޑިއާގެ ސްޓޭންޑަކީ ބޮޑު އަދި ބުރަ މަސައްކަތްތަކެއް ކޮށްފައިވާ ސްޓޭންޑެކެވެ. އިންޑިއާއަކީ މި އަހަރުގެ ފެއާގެ ހޯސްޓް ގައުމެވެ. ބިޔަ ބޮޑު އިންޑިއާގެ ސްޓޭންޑް ކައިރީގައި ކުޑަ ރާއްޖޭގެ ސްޓޭންޑް ހުންނަން ޖެހުނު ނަމަވެސް އޭގެ ހިޔަންޏެއް ރާއްޖޭގެ ސްޓޭންޑަކަށް ނޭޅެ އެވެ. ރާއްޖޭގެ ސްޓޭންޑްގެ ވިދުމެއް ފަނޑެއް ނުވެ އެވެ. ޒިޔާރަތްކުރި މީހުން މަދެއް ނޫނެވެ.
ވޯލްޑް ޓްރެވެލް މާކެޓްގައި ބެހެއްޓި ރާއްޖޭގެ ސްޓޭންޑަށް މިފަހަރު ވަނީ ވަރަށް ބޮޑު ތަރުހީބެއް ލިބިގެން ގޮސްފަ އެވެ. އެތައް ބަޔަކު ސްޓޭންޑަށް ޒިޔާރަތްކުރިއިރު، ވިޔަފާރީގެ ބައްދަލުވުންތައް ވެސް ގުނާ އަދަދު ނުކުރެވޭވަރަށް ކުރިއަށް ދިޔަ އެވެ. ތިން ދުވަހަށް ފެއާ ކުރިއަށް ދިޔައިރު ކޮންމެ ދުވަހެއްގެ ހެނދުނު 10 އަކުން ފެށިގެން ރޭވެ ހަތެއް ޖަހަންދެން ވެސް ރާއްޖޭގެ ސްޓޭންޑްގައި ނޭވާލާނެ ތަންކޮޅެއް ނޯވެ އެވެ. މީހުން މަދުވާ ހަމަ އެއްވެސް ގަޑިއެއް ނުދެއޭ ބުންޏަސް ދޮގަކަށް ނުވާނެ އެވެ.
"އެހެން ގައުމުތަކަށް ބަލާފައި އަޅުގަނޑުމެންގެ ސްޓޭންޑަށް ޒިޔާރަތްކުރާ މީހުންނާއި ވިޔަފާރިކުރަން އަންނަ މީހުން ނިސްބަތުން ބަލާއިރު ރަނގަޅު، އެންމެ ބިޒީ އެއް ސްޓޭންޑަށް ވާނެ ރާއްޖޭގެ ސްޓޭންޑް،" ރާއްޖޭގެ ފަތުރުވެރިކަމުގެ އެއް ބާނީ ކަމަށްވާ ހުސެއިން އަފީފު ވިދާޅުވި އެވެ.
އަފީފު ވިދާޅުވި ގޮތަށް ރާއްޖެ ސްޓޭންޑް ބިޒީ އެވެ. ވަރަށް ބިޒީ އެވެ. ހުސްވަގުތު ކޮޅެއް ސްޓޭންޑަށް ނުލިބުނުއިރު އެހެން ކައިރި ގައުމުތަކުގެ ސްޓޭންޑުން މީހުން ހުސްވެގެން ދިޔަ ވަގުތުތައް ފެނުނެވެ. އޭޝިއާގެ ގައުމުތަކުގެ ސްޓޭންޑަށް ލިބުނު ތަރުހީބު، މެދުއިރުމައްޗާއި ވިލާތުގެ ގައުމުތަކުގެ ސްޓޭންޑްތަކަށް ނުލިބޭކަން ފާހަގަވި އެވެ. އެ ސްޓޭންޑްތަކަށްވުރެ ރާއްޖޭގެ ސްޓޭންޑް ވިދައިގެން ގޮސްފައިމިވަނީ ރާއްޖޭގެ ހާލަތު ވެސް ބަދަލުވެފައިވާ ދަނޑިވަޅެއްގަ އެވެ.
ރާއްޖެ މިވަނީ އިނގިރޭސިވިލާތުގެ ރާނީ އުފައްދަވާފައިވާ ކޮމަންވެލްތުން ވަކިވެފަ އެވެ. އިނގިރޭސިވިލާތާ ދެމެދު ގުޅުން ގޯސްވެފައިވާކަމުގެ އަޑުތައް ވެސް ވަނީ އަރާފަ އެވެ. އަދި، ކޮމަންވެލްތުން ވަކިވުމުން އިނގިރޭސިވިލާތުގެ މާކެޓް ދަށްވެގެން ދާނެ ކަމަށް ވެސް އޮތީ ލަފާކޮށްފަ އެވެ. އެކަމަކު މަންޒަރު ތަފާތެވެ. މުޅިން ތަފާތެވެ.
"ފަތުރުވެރިން ރާއްޖެ އައުމުގައި ބަލަނީ ރާއްޖެއަކީ ކޮމަންވެލްތް ގައުމެއްތޯ ނުވަތަ ނޫންތޯ ނޫން، ބަލަނީ ރާއްޖޭގެ ރީތިކަމާއި އަގުތަކާއި މާހައުލަށާއި އަމާން ކަމަށް،" ރާއްޖެއިން އިނގިރޭސިވިލާތަށް ކަނޑައަޅުއްވަވާފައި ހުންނަވާ ސަފީރު އަހުމަދު ޝިއާން
ޝިއާންގެ އެ ވާހަކަ ތެދުކޮށް މި ފެއާގައި ވަރަށް ރަނގަޅަށް ސިއްކަ ޖަހައިފި އެވެ. ބަޔެއްގެ އަނގަތައް ވެސް ބަންދުކޮށްފި އެވެ. ކޮމަންވެލްތުން ވަކިވުމުން ވެސް އިނގިރޭސިވިލާތުގެ އިންވެސްޓަރުންގެ ޝައުގާއި އިތުބާރު ރާއްޖެއަށް ކުޑަކޮށް ވެސް ގެއްލިފައިނުވާކަން މި ފެއާއިން ސާފުވެގެން ދިޔައީ ހާމަކަން ބޮޑު ގޮތެއްގަ އެވެ.
މީގެއިތުރަށް ރާއްޖޭގެ ފަތުރުވެރިކަން ބޮއިކޮޓްކުރުމަށް ގޮވާލައި، ރާއްޖެއަކީ ޓެރަރިސްޓުންގެ ހާއްޔެއް ކަމަށް ސިފަކޮށް ހިންގާ ކެމްޕެއިންތައް ފަނު ފުލުން ގޮސްފައިވާކަން ވެސް މި ފެއާއިން ވަނީ ސާބިތުވެފަ އެވެ. ހަމަ ގައިމު ވެސް މިއީ، ޓޫރިޒަމް މިނިސްޓްރީ އާއި އެމްއެމްޕީއާރްސީ އަދި އެ ނޫން ވެސް ސަރުކާރުގެ މުއައްސަސާތަކުން ރާއްޖެ ޕްރޮމޯޓްކުރުމަށް ކުރަމުންދާ ބުރަ މަސައްކަތުގެ ފޮނި މޭވާ އެވެ.
"އަޅުގަނޑުމެން ސަރުކާރާއި އިންޑަސްޓްރީން ކުރަމުންދާ މިނެއް މަސައްކަތުގެ ސަބަބުން އަޅުގަނޑުމެންނަށް ފޮނި ނަތީޖާ ލިބެމުން މިދަނީ، އަދި އަޅުގަނޑުމެން ހަމަ މިގޮތް މަތީގައި ޕްރޮމޯޓްކުރުމުގައި ދެމި ތިބޭނަން، ކިތަންމެ ގޮންޖެހުންތަކެއް ކުރިމަތިވި ނަމަވެސް ހަމަ ރާއްޖެ ޕްރޮމޯޓްކޮށް ރާއްޖެއަށް ގިނަ ލާރި ލިބޭ ގޮތްގޮތަށް ރާއްޖޭގެ އިކޮނޮމީ ރަނގަޅުވާނެ ގޮތްގޮތަށް މަސައްކަތް ކުރާނަން،" ސަފީރު ޝިއާން ވިދާޅުވި އެވެ.
ރާއްޖޭގެ ސްޓޭންޑަށް ޒިޔާރަތްކުރި މީހުންގެ އަދަދު ގިނަވި ފަދައިން ރާއްޖޭގެ ފަރާތުން މި ފެއާގައި ބައިވެރިވި، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ޓްރެވަލް އެޖެންޓުންނާއި ޓޫރިސްޓް ރިސޯޓްތަކާއި ގެސްޓްހައުސްތަކާއި ދަތުރުފަތުރު ކުރުމުގެދާއިރާގައި ހަރަކާތްތެރިވަމުން އަންނަ ކުންފުނިތަކަށް ބޮޑެތި ވިޔަފާރީގެ ޑީލްތަކާއި ފުރުސަތުތައް މި ފެއާއިން ވަނީ ފަހިވެގެން ގޮސްފަ އެވެ. މި ފެއާގައި ރާއްޖެއިން ބައިވެރިވީ ޖުމްލަ 66 ކުންފުންޏެކެވެ.
"މި ފެއާގައި ބައިވެރިވި ރާއްޖޭގެ ޕާޓްނަރުންނަށް ވިޔަފާރީގެ ކަންތައްތައް ކުރިއަށް ގޮސްފަ މިވަނީ، މި ފެއާގެ ސަބަބުން އަޅުގަނޑުމެން އުއްމީދުކުރަން އިތުރު ވިޔަފާރީގެ ފުރުސަތުތައް ލިބިގެންދާނެ ކަމަށް،" އެމްއެމްޕީއާރްސީގެ ޑެޕިއުޓީ ޑައިރެކްޓަރު ފާތިމަތު ރާހިލް ވިދާޅުވި އެވެ. "މި ފެއާއަކީ ސީދާ އެޖެންޓުން އެޖެންޓުންނާ ބައްދަލުވާ ފެއާއެއް، ވިޔަފާރިއެއް ކުރުމުގެ މުއާމަލަތްކުރާއިރު އެމީހަކާ ދިމާވެގެން އެ މުއާމަލާތް ކުރުމަށް މި ފެއާއަކީ ރަނުގެ ފުރުސަތެއް އަދި ވިޔަފާރިއެއް އަލަށް ހޯދާ ފަރާތަކަށް ވެސް މިކަމުގައި އުޅޭ އޮޕަރޭޓަރުންނާ ބައްދަލުވެ ދިމާވެފައި މިވަނީ،"
އޭގެއިތުރަށް ވެސް މި ފެއާގައި ރާއްޖޭގެ ސްޓޭންޑުން އިތުރު ކަމެއް ފާހަގަވި އެވެ. ރާއްޖޭގެ ސްޓޭންޑްގެ ފުރިހަމަކަމާއި ޗާލު ކަމެވެ. މީހުންގެ ހިތްތައް ދަމައިގަތެވެ. ރާއްޖޭގެ ރީތިކަމާއި ހިތްފަސޭހަކަން މި ސްޓޭންޑުން ފެނިގެން ވެސް ދިޔަ އެވެ. ސްޓޭންޑްގެ ބައިވެރިން ވެސް ގަބޫލުކުރާ ގޮތުގައި މި ސްޓޭންޑަކީ އަދި މިހާތަނަށް ފެއާއެއްގައި ބެހެއްޓި ރާއްޖޭގެ އެންމެ ފުރިހަމަ ސްޓޭންޑެވެ. ދެބުރިއަށް ހަދާފައިވާ އެ ސްޓޭންޑްގެ ރީތިކަމުގެ ވާހަކަ އެންމެން ދެއްކި އެވެ. އަވަށްޓެރި ސްޓޭންޑްތަކާ އަޅާބަލާއިރު ވެސް ރާއްޖޭގެ ސްޓޭންޑް ރީތިވެފައި ފުރިހަމަ އެވެ.
ކޮންމެއަކަސް އިނގިރޭސިވިލާތުގައި ބޭއްވި ބޮޑު ފެއާއިން ރާއްޖެ ބޮޑެތި ފައިދާތައް މިވަނީވެފަ އެވެ. ފަތުރުވެރިކަމާއި އިންވެސްޓަރުންގެ އިތުބާރާ މެދު ދިއްކުރެވުނު އިނގިލިތައް މިވަނީ ތިރިވެފަ އެވެ. ރާއްޖެއާމެދު އޮތް އިތުބާރަށް ބަދަލެއް ނާންނެކަން ވެސް މިވަނީ ހާމަވެފަ އެވެ. މިކަންކަން ދެން އެ ހިންގާ ނެގަޓިވް ކެމްޕެއިންތަކުން ނެތިކޮށްލެވިދާނެ ކަމަކަށް ނުބެލެވެ އެވެ.