ރާއްޖެ ކުޅިވަރު

ޓީމުތައް ވަރަށް ވަރުގަދަ، މުބާރާތް ވަރަށް ވާދަވެރި: ސަތޯ

ގައުމީ ވޮލީ ލީގް ވަރަށް ވާދަވެރި ކަމަށާއި މުބާރަތުގައި ބަލި ކުރަން ފަސޭހަ އެއްވެސް ޓީމެއް ނެތް ކަަމަށް ގައުމީ ވޮލީލީގްގައި ވާދަ ކުރާ މޯލްޑިވިއަން ރެކްރިއޭޝަނަލް ސްޕޯޓްސްގެ ކޯޗް އިބްރާހިމް ރަޝީދު (ސަތޯ) ބުނެފިއެވެ.

އަވަސްއާ ވާހަކަ ދައްކަމުން ރާއްޖޭގެ އެންމެ ތަޖުރިބާ ކާރު އެއް ވޮލީކޯޗް ސަތޯ ބުނީ "މުބާރާތުގައި އޮތް ފަސް ޓީމުވެސް ވަރަށް ވަރުގަދަ" ކަމަށާއި "އެދުވަހެއްގައި ޕަފޯމް ކުރާ ޓީމަކަށް ލީގްގެ ކުރި ލިބޭނެ" ކަމަށެވެ.

"ކޮންމެ ޓީމެއްގައި ވެސް ދެ ވަރަކަށް ބިދޭސީ ކުޅުންތެރިން އެބަތިބި. ހުރިހާ ޓީމަކުންވެސް ވަރަށް ބޮޑަށް ބިދޭސީ ކުޅުންތެރިންނަށް ބަރޯސާވޭ. ފަސޭހަ ޓީމެއް ނެތް ހުރިހާ ޓީމެއްވެސް ވަރަށް ހަމަހަމަ ކޮށް މިއުޅެނީ،" ސަތޯ ބުންޏެވެ.

މިވަގުތު ލީގްގެ އެއް ވަނައިގައި އޮތީ މޯލްޑިވިއަން އެވެ. ސަތޯ ބުނީ ލީގް ވާދަވެރި ވުރިވުމުން ފޯކަސް ކުރަނީ މެޗަކަށް ފަހު މެޗެއް ކާމިޔާބު ކުރުމަށް ކަމަށެވެ.

"ފިފްޓީ ފިފްޓީ ޗާންސެއް މިއޮތީ ކޮންމެ ޓީމަކަށްވެސް ލީގް ކާމިޔާބު ކުރުމުގެ ފުރުސަތު. މި ވާދަވެރިކަމުގައި ދަންޏާ ލީގް ކަށަވަރު ކުރެވެނީ އެންމެ ފަހު މެޗުން ކަމަށް ލަފާ ކުރެވެނީ." ސަތޯ ބުންޏެވެ.