ރާއްޖެ ކުޅިވަރު

އީގަލްސް ނިއުއާ ދެކޮޅަށް ނިކުންނަނީ 2014 ގެ ފައިނަލުގެ ބަދަލު ހިފަން

ދެހާސް ސާދަ ވަނަ އަހަރު ޕްރެޒިޑެންޓް ކަޕް ފައިނަލުގައި ނިއުރޭޑިއަންޓް އީގަލްސް އަތުން ބަލިވި ހަނދާންތައް އެންމެ ބޮޑަށް ހުންނާނެ އެކަކީ އީގަލްސްގެ ކޯޗް އިހްސާން އަބްދުލް ގަނީ (ސާންތީ)އެވެ. އޭގެ ދެ އަހަރުފަހުން އަނެއްކާވެސް ޕްރެޒިޑެންޓް ކަޕްގައި ނިއުއާ ދެކޮޅަށް މިއަދު އީގަލްސް ނިކުންނަނީ ފައިނަލުން ބަލިވި ކަމުގެ ހިތް ދަތި ހަނދާން ކުރަމުންނެވެ.

"ހަނދާން ނައްތާލަން އުނދަގޫ މެޗެއް އެއީ މިފެންވަރުގައި އީގަލްސް ކުޅުނު ދެ ވަނަ ފައިނަލް އަޅުގަނޑުގެ ވެސް ކޯޗިން ކެރިއާގައި ރާއްޖޭގެ އެންމެ ޝަރަފުވެރި މުބާރާތުގެ ފުރަތަމަ ފައިނަލް އޭރާއި މިހާރާއި ތާފާތު އެހެން ނަމަވެސް އެ ހަނދާންތައް ކުޅުންތެރިން އެބަހުރި ކުލަބު އެހަނދާންތައް އެބަހުރި ހަދާން ނައްތާލަން އުނދަގޫ ފައިނަލެއް އެއީ،" 2014 ވަނަ އަހަރު ޕްރެޒިޑެންޓް ކަޕްގައި ނިއު އަތުން 1-0 ގެ ނަތީޖާއިން ބަލިވި މެޗްގެ ހަނދާން އާ ކުރަމުން އަވަސްއާ ވާހަކަ ދައްކަމުން ސާންތީ ބުންޏެވެ.

ދެހާސް ސާދަ ވަނަ އަހަރަކީ ނިއުރޭޑިންޓްގެ ސްކޮޑް ވަރުގަދަކޮށް ފެނުނު އަހަރުތަކުގެ ތެރެއިން އަހަރެކެވެ. ނިއުއަކީ ޕްރެޒިޑެންޓް ކަޕް ކާމިޔާބު ކުރި ދެ ޓީމުގެ ތެރެއިން އެއްޓީމެވެ. ނަމަވެސް މިއަހަރު އެޓީމު ފެންނަނީ ބަލިކަށި ޓީމެއްގެ ގޮތުގައެވެ. ޕްރެޒިޑެންޓް ކަޕް ފުރުސަތު އެޓީމަށް ލިބުނީ މިދިޔަ އަހަރު މިނިވަން ޗެމްޕިއަންޝިޕް ކާމިޔާބު ކުރި ސ. ފޭދޫ މުބާރާތުގައި ބައިވެރި ކުރުމުގެ ގޮތުން ހަ ޓީމު މުބާރާތުން ފުރުސަތު ދިނުމަށް ދިވެހި ޕްރިމިއާ ލީގް ފަސް ވަނަ ހޯދި ޓީމަށް ފުރުސަތު ދިނުމުގެ ގޮތުންނެވެ.

ސާންތީ ގަބޫލު ކުރާ ގޮތުގައި ނިއުރޭޑިއަންޓްގައި ވަރުގަދަ ތާރީހެއް އޮތުމަކީ އެކުލަބުގެ ސްކޮޑް ނިކަމެތި ކަމަށް ނިންމައި އީގަލްސް އިން މެޗް ފަސޭހަ ކޮށްލާނެ ސަބަބެއް ނޫނެވެ. އޭގެ މިސާލެއްގެ ގޮތުގައި އޭނާ ނެގީ ނިމިދިޔަ އެފްއޭ ކަޕްގެ ފައިނަލް މެޗެވެ.

"މުޅި ސީޒަންގައިވެސް އެއްފެންވަރެއްގައި ކުޅެމުންދިޔަ އެއްޓީމަކީ ޓީސީ ސީޒަންގައި ވެލެންސިއާ ފެނުނީ އެހާ ވަރުގަދަ ކޮށެއް ނޫން ނަމަވެސް މުބާރާތް ކާމިޔާބު ކުރީ ވެލެންސިއާ އެއީ އެކުލަބަކީ ވަރުގަދަ ތާރީހެއް ތަޖުރިބާ ހުރި ޓީމެއް ކަމަށްވުމުން" ސާންތީ ބުންޏެވެ.

"ނިއު އަކީވެސް ވަރުގަދަ ތާރީހެއް އޮތް ޓީމެއް އީގަލްސް ފަރުވާތެރި ނުވެއްޖެނަމަ ލަނޑު ލިބިދާނެ."

ސާންތީ ބުނީ އެންމެ ފުރަތަމަ އަމާޒަކީ މުބާރާތުގެ ސެމީ ފައިނަލަށް ދިއުން ކަމަށާއި ދެން ހާސިލު ކުރަން ބޭނުންވާ ޓާގެޓާ މެދު ވިސްނާނީ އެއައް ފަހު ކަމަށެވެ.

ސާންތީ ބުނީ އީގަލްސް އަށް ދިމާވާ އެންމެ ބޮޑު މައްސަލައަކީ ލަނޑު ނުޖެހުމެވެ. އެހެންވެ މި މުބާރާތުގައި އޭނާގެ އަމާޒަކީ އީގަލްސްއަށް ދިމަވެފައިވާ ލަނޑު ނުޖެހުމުގެ މައްސަލަ އަށް ހައްލު ހޯދޭނެ ފޯމިއުލާއަކަށް ޓީމު ބައްޓަން ކުރުމެވެ.

"މިފަހަރު ސީޒަން އަދި މިހާތަނަށް އީގަލްސް އަށް ދިޔަ ގޮތާ މެދު އަޅުގަނޑު ހިތް ހަަމައެއް ނުޖެހޭ އަޅުގަނޑުވެސް ވިސްނައިފިން ކޮންކަމެއްތޯ އަޅުގަނޑަށް ރަނގަޅު ނުކުރެވި އޮތީ އެންމެ ފުރަތަމަ ކަމަކީ ލަނޑު ނުޖެހޭ މައްސަލަ އަށް ހައްލު ހޯދުން." ސާންތީ ބުންޏެވެ.