ރާއްޖެ ކުޅިވަރު

ފޭދޫ ކައިރިން ޗެމްޕިއަން މާޒިޔާއަށް އުނދަގޫ މޮޅެއް

Nov 16, 2016

ޕްރެޒިޑެންޓް ކަޕްގެ ގުރޫޕް ބީ ގެ ފުރަތަމަ މެޗްގައި ސ. ފޭދޫ އަތުން އެންމެ ފަހުގެ ޗެމްޕިއަން މާޒިޔާ އަށް އުނދަގޫ މޮޅެއް ލިބިއްޖެ އެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި މިރޭ ކުޅުނު މެޗް މާޒިޔާ ކާމިޔާބު ކުރީ 2-1 ގެ ނަތީޖާ އަކުންނެވެ.

މާޒިޔާގެ ދެ ލަނޑުވެސް ކާމިޔާބު ކުރީ ކެޕްޓަން އަސަދުﷲ އަބްދުﷲ (އަސައްކޮ) އެވެ. ފުރަތަމަ ލަނޑު މެޗް 24 ވަނަ މިނެޓްގައި އޭނާ ކާމިޔާބު ކުރީ ޕެނަލްޓީ އޭރިއާގެ ބޭރުން ލިބުނު ބޯޅަ ފޭދޫގެ ގޯލްގެ ކަނަށް ވައްދާލައިގެންނެވެ. އަނިޔާގެ ސަބަބުން ގިނަ ދުވަސްތަކެއް ވަންދެން ނުކުޅެ ހުރި ގައުމީ ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ) ވަނީ މިރޭ ގެ މެޗްގައި ކުޅެފަ އެވެ.

މެޗްގެ 32 ވަނަ މިނެޓްގައި ދަގަނޑޭ ތަނަވަސް ކޮށްދިން ފުރުސަތަކުން ޕެނަލްޓީ އޭރިއާގެ ތެރޭގައި ހުހަަށް ހުރި އަހްމަދު އިމާޒު (އާއްކޮ) ފޭދޫގެ ބިދޭސީ ކީޕަރު ސެޒާ ކައިރިން ނައްޓުވާލުމަށް އުޅުމުގެ ތެރޭގައި ސެޒާ ވަނީ އިމާޒު އަތުން ބޯޅަ ހޯދައި ސޭވް ކޮށްފަ އެވެ.

އަޝްފާގް ވަނީ ލަނޑު ޖަހާނެ އެހެން ފުރުސަތެއް އަސައްކޮ އަށް ވެސް ތަނަވަސް ކޮށްދީފަ އެވެ. ނަމަވެސް ފޭދޫ ޕެނަލްޓީ އޭރިއާގެ ތެރޭގައި ހުރެފައި ފޮނުވާލަން އުޅުނު ބޯޅަ ފޭދޫގެ ޑިފެންޑަރުން ވަނި ދިފާއުކޮށްފަ އެވެ.

މެޗްގެ 43 ވަނަ މިނެޓްގައި ފޭދޫގެ ބިދޭސީ ކުޅުންތެރިޔާ ނެލްސަން ފޮނުވާލީ ބޯޅަ މާޒިޔާގެ ކީޕަރު އިމްރާން މުހައްމަދު ދިފާއު ކުރީ ގޯލް ދަނޑި ކައިރިން ގޯލް ލައިން މަތިންނެވެ. މާޒިޔާގެ ދެ ވަނަ ލަނޑު އަސައްކޮ ކާމިޔާބު ކުރީ މެޗްގެ 51 ވަނަ މިނެޓްގަ އެވެ.

މެޗްގައި ފޭދޫގެ ފޯވަޑް މަހްދީ ވަނީ އޭނާ އަށް ލިބޭ ފުރުސަތުތަކުގައި މާޒިޔާގެ ޑިފެންސަށް ނުރައްކާ ކޮށްފަ އެވެ. މެޗްގައި އޭނާ މޮޅު ކުޅުމެއް ދެއްކިއިރު ފޭދޫގެ ލަނޑު ކާމިޔާބު ކުރީވެސް އޭނާ އެވެ.

ސެޓް ޕީސްތަކަށް މާޒިޔާގެ ކުޅުންތެރިން ކުރިއަށް ޖެހޭ ވަގުތަތަކުގައި ފޭދޫ އިން ވަނީ ކައުންޓަ އެޓޭކްގައި މާޒިޔާގެ ޑިފެންސަށް ބާރު ބޮޑު ކޮށްފަ އެވެ.

މެޗްގެ 74 ވަނަ މިނެޓްގައި މާޒިޔާގެ އާއްކޮ ވަނީ ފޭދޫގެ ޕެނަލްޓީ އޭރިއާ ތެރެއަށް ރިތި ބޯޅަ އެއް ހުރަސްކޮށްފަ އެވެ. ނަމަވެސް ބޯޅަ ހޯދަން އަރާ ތިބި މާޒިޔާގެ ކުޅުންތެރިންނަށް ނުލިބި އެބޯޅަ ދިޔައީ ބޭރަށެވެ.

މެޗްގެ 83 ވަނަ މިނެޓްގައި އަޝްފާގް ފޭދޫގެ ޕެނަލްޓީ އޭރިއާގެ ތެރެއިން ފޭދޫގެ ދެ ޑިފެންންޑަރުން ކައިރިން ނައްޓާ ލުމަށްފަހު ފޮނުވާލި ބޯޅަ ދިޔައީ ފޭދޫގެ ކީޕަރު އަތަށެވެ. މިގުރޫޕްގައި ދެން ހިމެނެނީ ޔުނައިޓަޑް ވިކްޓްރީ އެވެ. މިއަންނަ ހުކުރު ދުވަހުގެ ރޭ ކުޅޭ މެޗްގައި ބައްދަލު ކުރާނީ ފޭދޫ އާއި ޔޫވީ އެވެ. ގުރޫޕް އޭ ގައި އެދުވަހު ހަވީރު ކުޅޭ މެޗްގައި ބައްދަލު ކުރާނީ ކުލަބު އީގަލްސް އާއި ޓީސީ އެވެ.