ޕީޕީއެމް

ޕީޕީއެމްގެ ތިން ވަނަ "އަސްލު" ޖަލްސާ ތ. ގުރައިދޫއަށް

ޕީޕީއެމުން "އަސްލު"ގެ ނަމުގައި ބާއްވާ ބޮޑު ޖަލްސާ ސިލްސިލާގެ ތިން ވަނަ ޖަލްސާ ތ. ގުރައިދޫގައި ބާއްވަން ހަމަޖައްސައިފި އެވެ.

ތިންވަނަ އަސްލު ޖަލްސާ ގުރައިދޫގައި ބާއްވަން ނިންމިކަން ޕީޕީއެމުން އިއުލާންކުރީ ޕީޕީއެމް އޮފީހުގައި މިއަދު ބޭއްވި އެ ޕާޓީއާ އަލަށް ގުޅުނު މެންބަރުންގެ ފޯމް ހަވާލުކުރުމުގެ ރަސްމިއްޔާތެއްގަ އެވެ.

ގުރައިދޫގެ ގިނަ އަދަދެއްގެ އާ ޒުވާނުން ޕީޕީއެމަށް ސޮއިކުރި ފޯމްތައް ޕާޓީއާ ހަވާލުކުރުމަށް ބޭއްވި އެ ރަސްމިއްޔާތުގައި ޓޫރިޒަމް މިނިސްޓަރު އަދި ޕާޓީގެ ނައިބު ލީޑަރު މޫސާ ޒަމީރު ވިދާޅުވީ، ގުރައިދޫ އަކީ އެންމެ ކުރިއްސުރެ ޕީޕީއެމަށް ތާއީދުކުރާ ރައްޔިތެއް ދިރިއުޅޭ ރަށެއް ކަމަށެވެ. އެ ސަބަބާ ހެދި ޕީޕީއެމްގެ ތިންވަނަ ބޮޑު ޖަލްސާ ގުރައިދޫގައި ބާޢްވަން ނިންމާފައިވާ ކަމަށެވެ.

ޖަލްސާ ބާއްވަން ހަމަޖެހިފައިވަނީ އަންނަ ޑިސެމްބަރު މަހުއެވެ. އެހެން ނަމަވެސް މިއަދު ޖަލްސާގެ ތާރީހު ހާމައެއް ނުކުރެ އެވެ. ޕީޕީއެމްގެ ހިންގުން ޕާޓީގެ މުޝްތަޝާރު، ރައީސް އަބްދުﷲ ޔާމީނާ ކޯޓުން ހަވާލު ކުރި ފަހުން "އަސްލު" ގެ ނަމުގައި ދެ ޖަލްސާއެއް ވަނީ ބާއްވާފަ އެވެ. ފުރަތަމަ ޖަލްސާ މާލޭގަ އެވެ. ދެން ރ. ދުވާފަރުގަ އެވެ.

ގުރައިދޫ ދާއިރާގެ މަޖިލިސް މެންބަރު ހުސައިންމަނިކު ދޮންމަނިކު ވިދާޅުވީ، ގުރައިދޫ އަކީ 2013 ވަނަ އަހަރުއްސުރެ ޕީޕީއެމަށާއި ރައީސް ޔާމީނަށް ވަރަށް ބޮޑު ތަރުހީބެއް ދެމުންއަންނަ ރައްޔިތެއް ދިރިއުޅޭ ރަށެއް ކަމަށާއި އެ ރަށުން ގިނަ އަދަދެއްގެ ޒުވާނުންވެސް ޕީޕީއެމަށް ވަނުމަށް އޮތް ޝައުގުވެރިކަން އިތުރުވެފައިވާ ކަމަށެވެ.

މިއަދު ޕީޕީއެމްގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި ގުރައިދޫ ޒުވާނުންގެ ފަރާތުން ވަނީ 55 ޒުވާނުންގެ މެންބަޝިޕް ފޯމް ޕީޕީއެމާ ހަވާލުކޮށްފަ އެވެ. މިމަހުގެ ތެރޭގައި ޒުވާނުންގެ އިތުރު 100 މެންބަރުން އަލަށް އެ ޕާޓީއާ ގުޅޭނެ ކަމަށް ވެސް މިއަދުގެ ރަސްމިއްޔާތުގައި ބައިވެރިވި ޒުވާނުން ވަނީ ބުނެފަ އެވެ.