ރާއްޖެ ކުޅިވަރު

ވީއޭއެމް އަށް އާ ޖެނަރަލް ސެކެޓްރީ އެއް ހޯދަނީ

ރާއްޖޭގެ ވޮލީބޯޅަ އެސޯސިއޭޝަންގެ ހުސްވެފައިވާ ޖެނަރަލް ސެކެޓްރީގެ މަގާމަށް މީހަކު ހޯދަން އިއުލާން ކުރަން ވީއޭއެމްއިން ނިންމައިފި އެވެ.

ވީއޭއެމްގެ ޖެނަރަލް ސެކެޓްރީގެ މަގާމު ހުސްވީ މިދިޔަ މަހު ފަހު ކޮޅު އެމަގާމަށް ހަމަޖެއްސި މުހައްމަދު އާދަމް އިއްޔެ މަގާމުން އިސްތިއުފާ ދެއްވުމުންނެވެ. އަވަސްއާ ވަހަކަ ދައްކަމުން ވީއޭއެމްގެ ރައީސް މުހައްމަދު ލަތީފު ވިދާޅުވީ އާ ޖެނަރަލްސެކެޓްރީ އެއް ހޯދަން އަންނަ އާދިއްތަ ދުވަހު ގެޒެޓްގައި އިއުލާން ކުރާނެ ކަމަށެވެ.

"އާ ޖީއެސް އަކު ހޯދަން އަޅުގަނޑުމެން ދެން އިއުލާން ކުރާނީ. އާ ޖީއެސް ނުޖެހޭ ކޮންމެހެން ކުޅިވަރުގައި ހަރަކާތްތެރިވެފައިވާ ބޭފުޅަކަށް ވާކަށް. ހިޔުމަން ރިސޯސް ދާއިރާގައި ހިންގުމުގެ ދާއިރާ އަށް ފަރިތަ އިނގިރޭސި ފެންވަރު ރަނގަޅު ބޭފުޅަކު ބޭނުންވަނީ" ލަތީފު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މުހައްމަދު އާދަމް ވީއޭއެމްގެ ޖެނަރަލްސެކެޓްރީގެ މަގާމުގައި ހުންނެވި ކުރު މުއްދަތުގައި ގިނަ މަސައްކަތްތަކެއް ކުރެއްވި ކަމަށާއި އެކަން ވަރަށް ބޮޑަށް ފާހަގަ ކުރައްވަން ބޭނުންފުޅުވާ ކަމަށެވެ.

މުހައްމަދު އާދަމް މަގާމުން އިސްތިއުފާ ދެއްވި ސަބަބާބެހޭ ގޮތުން އޭނާ ވަނީ ވާހަކަ ދައްކަވަން ބޭނުން ނުވާކަމަށް ވިދާޅުވެފައެވެ.

މުހައްމަދު އާދަމް ވަނީ މިގެ ކުރިން ބާސްކެޓްބޯޅަ އެސޯސިއޭޝަން (އެމްބީއޭ) ގެ ޖެނަރަލްސެކެޓްރީ ކަމާއި އެފްއޭއެމްގެ އެކްޓިން ޖެނަރަލް ސެކެޓްރީގެ މަގާމު އަދާ ކުރައްވާފައެވެ.