މޫސުމަށް އަންނަ ބަދަލުތައް ކުޑަ ކުރުމަށާއި، އެ ބަދަލުތަކަށް ހޭނުމަށް ބޭނުންވާ ފައިސާގެ އެހީ، އަވަހަށް ލިބޭނޭ ގޮތް ހައްދަވައިދެއްވުމަށް ރާއްޖޭގެ އެންވަޔަރަންމަންޓް މިނިސްޓަރު ތޯރިގު އިބްރާހިމް ގޮވާލައްވައިފި އެވެ.
މޫސުމަށް އަންނަ ބަދަލުތަކާބެހޭ އދ. ގެ މި އަހަރުގެ ސަމިޓުގެ އިސްވެރިންގެ ބައްދަލުވުމުގައި ތަގުރީރު ކުރައްވަމުން މިނިސްޓަ ވިދާޅުވީ ދުނިޔޭގެ ފިނިހޫނުމިން 1.5 ޑިގްރީގައި ބެހެއްޓުމަށް މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.
މޮރޮކޯގެ މުރާކިޝްގައި ކުރިއަށްދާ މޫސުމަށް އަންނަ ބަދަލުތަކާ ބެހޭ 22 ވަނަ ކޮންފަރެންސް އޮފް ޕާޓީސްގައި، އެލަޔަންސް އޮފް ސްމޯލް އައިލޭންޑް ސްޓޭޓްސްގެ ޗެއާގެ ހައިސިއްޔަތުން މިނިސްޓަރު ވިދާޅުވީ މި ކޮންފަރެންސްގެ އެންމެ މުހިއްމު މަގުސަދަކީ މިދިޔަ އަހަރު ފަރަންސޭސިވިލާތުގައި އެއްބަސް ވި ޕެރިސް އެގްރިމެންޓަށް އަމަލީ ސިފައެއް ގެނައުމާއި މާޒީގައި ދެކެވުނު ވާހަކަތައް ހަގީގަތަކަށް ހެދުން ކަމަށެވެ.
"މިއަދު އަޅުގަނޑުމެން ގަބޫލުކުރަންޖެހޭ ހަގީގަތަކީ މި މަސައްކަތަށް އަމަލީ ސިފަގެނައުން ލަސްވާ ކޮންމެ ވަގުތަކީ އަޅުގަނޑުމެން ފަދަ ކުދި ޖަޒީރާ ގައުމުތަކުގެ ނާޒުކުކަމަށް އިތުރުވާ އަދި މިގައުމުތަކަށް އޮތް ފުރުސަތު ހަނިވަމުންދާ ވަގުތުކަމަށް." ތޯރިގު ވިދާޅުވި އެވެ.
ދުނިޔޭގެ ފިނިހޫނުމިން ސިނާއީ އިންގިލާބު ފެށުނު ދުވަސްވަރަށްވުރެ 1.5 ދަރަޖަ މައްޗަށް ދިޔަ ނުދިނުމުގެ މުހިއްމު ކަމުގެ މައްޗަށް އަލިއަޅުއްވާލައްވައި، އެންމެ ފަހުގެ ސައިންސްގެ ދިރާސާތައް ދައްކާ ގޮތުން، ދުނިޔޭގެ ފިނިހޫނުމިން 1.5 ދަރަޖައަށްވުރެ މައްޗަށް ހިނގައްޖެ ނަމަ، ކުދި ޖަޒީރާ ގައުމުތަކުގެ ދެމިއޮތުމަށް ވަރަށް ނުރައްކާވާނެކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ. އަދި ވިދާޅުވީ ޕެރިހުގައިވި އެއްބަސްވުމުގައިވާގޮތަށް މިކަން ކާމިޔާބު ކުރުމަށްޓަކައި ހުރިހާ ގައުމުތަކުން ވެސް މަސައްކަތްކުރަން ޖެހޭނެ ކަމެވެ.
މި މަސައްކަތަށް ލިބެންޖެހޭ ފައިސާ އަދި އެހީގެ ކަންތައް ހަމަޖެއްސުމަށާއި މިކަން ކާމިޔާބު ކުރެވޭނީ ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުން 2020 ގެ ކުރިން އަހަރަކު ދޭން އެއްބަސްވެފައިވާ 100 ބިލިއަން ޑޮލަރު ފަސޭހަކަމާއެކު ލިބޭނެ ގޮތް ހަދައިދީގެން ކަމަށާއި އެ ފައިސާއަކީ އަބަދުު ދެމުން އަންނަ އެހީގެ އިތުރުން، މޫސުމަށް އަންނަ ބަދަލުތަކުގެ އަސަރުތައް ކުޑަކުރުމަށް އަލަށް ދެވޭ ފައިސާއަށް ވާންޖެހޭނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.